ads
ފޮޓޯ:ސަން
ވިލިފުށި ކުލަސްޓާ: އަރިދަފުސް ރޯގާ ގިނަވެއްޖެ
ތ.ވިލިފުށީގައި ކޮވިޑްގެ ބިރުވެރިކަން އޮތްއިރު އެރަށުގައި އަރިދަފުސް ރޯގާގެ އަލާމާތްތައް މީހުންގެ ގައިން ފެންނަމުންދާ ކަމަށް އެ ރަށު ކައުންސިލުން ބުނެފި އެވެ.

ވިލިފުށި ކައުންސިލަރު އުމަރު ޒާމިރު ސީއެންއެމް އަށް ވިދާޅުވީ އެރަށުން 42 މީހެއްގެ ސާމްޕަލް ވަނީ ޓެސްޓުކުރަން ފޮނުވާފައި ކަމަށާއި އަދި ނަތީޖާ ލިބިފައިވާ އެއްވެސް މީހަކު ޕޮޒިޓިވްވެފައި ނުވާ ކަމަށެވެ.

އެރަށުގައި އަރިދަފުސް ރޯގާގެ އަލާމާތް ބައެއް ރައްޔިތުންގެ ގައިން ފެންނަމުންދާ ކަމަށާއި އެއީ މޫސުމީ ރޯގާއެއް ކަމުގައި ލަފާ ކުރާ ކަމަށް ވެސް ޒާމިރު ވިދާޅުވި އެވެ.

ކުރިންވެސް އެރަށުގައި ރޯގާގެ އަލާމާތް ހުރި ބަޔަކު ކޮވިޑަށް ޓެސްޓުކުރުމުން އެމީހުން ވަނީ ނެގެޓިވް ވެފައެވެ.

ޒާމިރު ވިދާޅުވީ ރަށުގެ 23 ގެއެއް މިހާރު ވަނީ މޮނިޓަރިންގެ ހާލަތުގައި ކަމަށާއި ކޮންމެ ގެއަކުވެސް ފަސް ވަރަކަށް މީހުން ވަނީ ކަރަންޓީނު ކުރެވިފައި ކަމަށެވެ.

ރަށަށް އަރާ ފޭބުން މަނާކޮށްފައިވާތީ ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށާއި ނަމަވެސް ހާއްސަ ހުއްދައެއްގެ ދަށުން ރަށަށް އަރާ ފޭބުމަށް ހުއްދަ ލިބޭ ކަމަށް ޒާމިރު ވިދާޅުވި އެވެ.

ލޯކަލް ކައުންސިލް އިންތިހާބު އަންނަ ހޮނިހިރު ދުވަހު ބާއްވަން ހަމަޖެހިފައި ވާއިރު އެއްވެސް ކެނޑިޑޭޓަކަށް ކެމްޕެއިން ކުރުމުގެ ފުރުސަތު ނެތް ކަމަށާއި އެހެންކަމުން އެމީހުންނަށް ވަނީ ދަތިތަކަކާ ކުރިމަތިލާން ޖެހިފައި ކަމަށް ވެސް ޒާމިރު ވިދާޅުވިއެވެ.

ހާއްސަ ހުއްދައިގެ ދަށުން ތ. ވިލިފުށްޓަށް ދާ މީހުންނާއި ހަވާލުވެ ހުންނަވާ ކައުންސިލްގެ އިދާރީ އިސް ބޭފުޅަކު ޕޮޒިޓިވްވެ، އެެ ރަށަށް އަރާ ފޭބުުން މަނާކޮށްފައިވަނީ މިމަހުގެ ހަތަރު ވަނަ ދުވަހުގަ އެވެ.

25%
ކަމުގޮސްފި
25%
އަޑުއެހިތާ މިހުރީ
25%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ކޮމެންޓްސް