ads
ހިޔާ ފްލެޓްތައް--
ނުކުޅެދުންތެރިކަން ހުންނަ ކެޓަގަރީން 188 މީހަކަށް ފްލެޓް ހަވާލުކޮށްފި
ހިޔާ ފުލެޓް ލިބިފައިވާ ފަރާތްތަކަށް، ލިބެނީ ކޮން ފުލެޓެއްކަން ކަނޑައެޅުމަށްޓަކައި ފުލެޓް ލިބުނު ފަރާތްތަކުގެ ތެރެއިން H10 (ނުކުޅެދުންތެރިކަން ހުންނަ މީހުން) ގެ ކެޓަގަރީއިން މިއަދު ބޭއްވި ގުރުއަތުލުމަށްފަހު އެ ކެޓަގަރީގެ 188 މީހަކަށް ފްލެޓް ހަވާލުކޮށްފި އެވެ.

ހިޔާ މަޝްރޫއުއިން މިހާރު ދޭން ހަމަޖެހިފައިވާ 6720 ފެލެޓްގެ ތެރެއިން މިއަދު ގުރުއަތުލުން ކުރިއަށް ގެންގޮސްފައިވަނީ ފުރަތަމަ ފަންގިފިލާ އިންނެވެ. 

ފުރަތަމަ ފަންގިފިލާގައި ޖުމުލަ 280 ފްލެޓް ހިމެނޭއިރު މިއަދު ގުރުއަތުލުން ކުރިއަށް ގެންގޮސްފައިވަނީ H10 (ނުކުޅެދުންތެރިކަން ހުންނަ މީހުން) ގެ ކެޓަގަރީއިން ނެވެ. މި ކެޓަގަރީގައި ޖުމުލަ 188 ފްލެޓް ހިމެނޭއިރު މިއަދުގެ ވަނީ އެ ކެޓަގަރީގައި ހިމެނޭ ހުރިހާ ފަރާތްތަކެއްގެ ފެލެޓްތައް ހަވާލުކުރެވިފަ ކަމަށް އެޗްޑީސީން ބުނެއެވެ

އެޗްޑީސީގެ ފަރާތުން މިއަދު ހެނދުނު 9:00 އިން ފެށިގެން ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ކެޓަގަރީއިން ފެލްޓް ލިބުނު އެންމެންގެ ގުރުއަތުލުން ނިމެންދެން ގުރުއަތުލުމުގެ ކަންކަން ކުރިއަށްގެންގޮސްފައިވެއެވެ. ގުރުއަތު ނަގާފައިވަނީ އެ ކެޓަގަރީން ފްލެޓް ލިބިފައިވާކަމަށް ސަރުކާރުން ކަނޑައަޅުއްވާފައިވާ ލިސްޓުގައި ހިމެނޭ ފަރާތް ތަކުގެ އައި.ޑީ ކާޑު ނަމްބަރު ތަރުތީބުންނެވެ.  

ޕީއެސްއެމްއިން ލައިވްކޮށް ދައްކި މި ގުރުއަތުލުމުގައި، ނެގުނު ފުލެޓާއި، ފުލޯ އާއި ޓަވަރު އިނގޭގޮތަށް ޓީވީ ސްކްރީނުން ދައްކާފައިވެއެވެ. އެޗްޑީސީން ބުނީ، ފުލެޓް ލިބުނު ފަރާތުން ދެއްވާފައިވާ ފޯނުނަމްބަރަށް SMS އެއް ލިބިލައްވާނެ ކަމަށާއި، މި SMS ގައި ނެގުނު ފުލެޓް، ޓަވަރު، ފުލޯ ހިމެނިފައިވާނެ ކަމަށެވެ. އަދި މެސެޖުގައިވާ ލިންކު މެދުވެރިކޮށް ނެގުނު ފުލެޓްގެ އިތުރު މައުލޫމާތު ފެނިލައްވާނެ ކަމަށްވެސް އެޗްޑީސީން މައުލޫމާތު ދެއެވެ. 

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހިޔާ ފްލެޓްތަކުގެ ދާއިީމީ ލިސްޓުގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން ހައްގުވާ ފަރާތްތަކަށް ފްލެޓް ދިނުމުގެ އެއްބަސްވުން ހެދުން ހިމެނޭހެން ހިޔާ ފްލެޓްތައް ހަވާލުކުރުމުގެ މަސައްކަތް މިއަދު ފެށޭނެ ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވަނީ ވިދާޅުވެފަ އެވެ. 

މިނިސްޓަރު އަސްލަމް ވިދާޅުވީ، މިއަދު ފެށިގެން ދިޔަ ގުރުއަތުލުމާއިއެކު މި ހިސާބުން ފްލެޓްތައް ދޫކުރުމުގެ މަސައްކަތް ފަށައިގަތީ ކަމަށާއި، ދާއިމީ ލިސްޓުގައި ހުރި ފަރާތްތަކުގެ ތެރެއިން ފްލެޓްތައް ދޫކުރާނީ އިތުރު މައްސަލައެއް ފާހަގަނުވާ ފަރާތްތަކަަށް ކަމަށެވެ. 

މިނިސްޓަރު އަސްލަމް ވިދާޅުވީ ދާއިމީ ލިސްޓުގައި ގެއެއް ނުވަތަ، ގޯއްޗެއް ނުވަތަ ފްލެޓް ފަދަ ތަންތަން ހުރި މީހުންގެ ނަން އޮތްކަން ވެސް ފާހަގަ ވެފައިވާކަމަށާއި، އަދި އެޕްލައިކުރިއިރު ދެމަފިރިންގެ ގޮތުގައި ތިބި ނަމަވެސް މިހާރު ވަރިވެފައިވާ މީހުންވެސް އޭގެތެރޭގައި އެބަތިބި ކަމަށެވެ. މިނިސްޓަރު އަސްލަމް ވަނީ ފްލެޓް ކޮމެޓީން ދާއިމީ ލިސްޓް އާއްމުކުރިއިރު، އެހެންހުރި 8 ކަމެއް އިތުރަށް ބަލައިދިނުމަށް އެދުނުކަން ފާހަގަކުރައްވާ މިހާރު ކުރަމުންދަނީ އެ މަސައްކަތް ކަމަށް ވިދާޅުވެފައެެވެ. 

މިނިސްޓަރު އަސްލަމް ވިދާޅުވީ، ފްލެޓްތައް ހަވާލުކުރަން ނިންމާފައިވަނީ ހުރިހާ މީހުންގެ މިހެންހުރި ހުރިހާ ކަމެއް ހައްލުވަންދެން ފްލެޓްތައް ނުދީ ހިފެހެއްޓުމަކީ އެންމެ ރަނގަޅު ގޮތް ނޫންކަމަށް ފެންނާތީ ކަމަށެވެ. 

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހުޅުމާލޭގެ ފޭސް ދޭއްގައި އިމާރާތްކުރަން ފެށި، ހިޔާ މަޝްރޫއުގެ ދަށުން 7000 ފްލެޓް އަޅަން ނިންމި އެވެ. އެކަމަކު 16 އިމާރާތުގައި ހުރި ދެ ކޮޓަރީގެ ފްލެޓްތަކުގެ އަދަދަކީ މިހާރު 6720 އެވެ.  

11%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
44%
ސަތޭކައަކުން ސުމެއް
44%
ވަރަށް ސަލާމް
ކޮމެންޓްސް