ads
ފޮޓޯ---މިނިސްޓަރު މާރިޔާ
"މިއަހަރު ތެރޭގައި ކޯސްޓް ގާޑުން 127 މީހެއްގެ ފުރާނަ ސަލާމަތް ކުރި"
މިއަހަރު ފެށުނީއްސުރެ އޭޕްރީލް 3 ވަނަ ދުވަހުގެ ނިޔަލަށް، ކޯސްޓް ގާޑުން ވަނީ ޖުމްލަ 73 ހާދިސާއެއްގައި 127 މީހެއްގެ ފުރާނަ ސަލާމަތް ކޮށްފައި ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މާރިޔާ މިހެން ވިދާޅުވީ، 19 ވަނަ ކޯސްޓް ގާޑު ބޭސިކް ކޯސް ނިންމުމަށް ބުދަދުވަހު ސަދަން އޭރިޔާގެ ހެޑް ކުއާޓަރުގައި ބޭއްވި ރަސްމިއްޔާތުގައި ވަހަކަފުޅު ދައްކަވަމުންނެވެ.

މިނިސްޓަރު ވިދާޅުވީ ކޮވިޑް-19 ޕެންޑެމިކްގެ އެންމެ ނުރައްކާތެރި ހާލަތުގައި ވެސް ކޯސްޓް ގާޑުގެ ސިފައިން ރާއްޖޭގެ އެކިކަންކޮޅުތަކުގައިވާ އެތައް މިލިއަން ޑޮލަރެއްގެ އަގުހުރި ރިޒޯޓުތަކާއި ފަޅުރަށްތައްވެސް ޓެރަރިޒަމްގެ ނުރައްކަލުން ސަލާމަތް ކުރުމަށް އެތަންތަން ރައްކާތެރިކަމާއެކު ބަލަހައްޓައިފައި ކަމަށެވެ.

ކޯސް ފުރިހަމަކުރި އެންމެހާ ސެއިލަރުންނަށް މަރުހަބާއާއި ތަހުނިޔާ ވިދާޅުވުމަށްފަހު، މިނިސްޓަރު މާރިޔާގެ ވާހަކަ ފުޅުގައި އެކަމަނާވަނީ، ރާއްޖޭގެ 99.7 އިންސައްތައަކީ ކަނޑުގެ ސަރަހައްދު ކަމަށް ވާއިރު، އާންމު ދިރިއުޅުން ގުޅިލާމެހިފައި ވަނީ ކަނޑުތަކާ ކަމީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫން ކަމަށް ވިދާޅުވެފައެވެ. 

އަދި ދިވެހި ގައުމީ ދިފާއީ ބާރުގެ ކޯސްޓް ގާޑުގެ އެންމެ ބޮޑު މަސްއޫލިއްޔަތަކީ ރާއްޖޭގެ ކަނޑުތައް ބެލެހެއްޓުން ކަމަށާއި، މިއަދު ދުނިޔޭގެ "ތްރެޓް" މާހައުލަކީ އިއްޔެ ދުށް މާހައުލެއް ނޫން ކަމަށް މިނިސްޓަރު މާރިޔާ ވިދާޅުވި އެވެ.

މިނިސްޓަރ މާރިޔާ ވިދާޅުވީ، ދޭދޭ ގައުމުތަކުން ހަތިޔާރާއި ބާރުގެ ބޭނުންކޮށްގެން ފާޅުގައި ގައުމުތަކަށް އަރައި، އިސްތިއުމާރުކޮށް އުޅުނު، ޒަމާން މާޒީވެ ހިނގައްޖެ ކަމަށާއި އެފަދަ ފަރާތްތަކުގެ ބޭނުމަކީ ރައްޔިތުން ބިރުވެރި ކަމެއްގައި ބައިތިއްބައިގެން ޓެރަރިޒަމާއި ހަރުކަށި ފިކުރު ފަތުރާ، ބަދަހި މުޖްތަމައުތައް ބައިބައި ކޮށްލުން ކަމަށާއި ޒަމާނުއްސުރެ މިޖަޒީރާ ރަށްތަކުގައި އުޅެމުން މިއައި އެކުވެރިކަމާއި އެއްބައިވަންތަކަން ނަގާލުމަށް ކަމަށެވެ.

ކޮވިޑުގެ ޕެންޑެމިކާ ގުޅިގެން ރާއްޖެ ހިމެނޭ ހަލަބޮޅި އިންޑިއާ ކަނޑުގެ ސަރަހައްދަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ތްރެޓްކަމަށްވާ މަސްތުވާތަކެތި ޓްރެފިކްކުރުން ވެސް ވަނީ އިތުރުވެފައި ކަން ފާހަގަ ކުރައްވާ މިނިސްޓަރު މާރިޔާ ވިދާޅުވީ، ދާދިފަހުން ނޮދަން އޭރިޔާއަށް ލެއްގި މަސްތުވާތަކެތި ވަގުތުން އަތުލައި، އަމާނާތްތެރި ކަމާއެކު ކަމާބެހޭ ފަރާތްތަކާ ހަވާލުކުރުމުގައި ކޯސްޓުގާޑުގެ ސެއިލަރުންދިޔައީ އިހްލާސްތެރި ގައުމީ ހިދުމަތުގައި ނަމޫނާ ދައްކަމުން ކަމަށެވެ. 

އަދި މަސްތުވާތަކެތީގެ އިތުރުން އިންސާނީ ވަގުފާރިއާއި ކަނޑުފޭރުމާއި، މަސްކަނޑުތަކުން ވައްކަންކުރުން ފަދަ ނުރައްކާތަކުން ވެސް ރާއްޖެ ސަލާމަތްކުރަން އެންމެ ކުރީ ސަފަށް ނުކުމެ ތިބޭ ބަޔަކީ ކޯސްޓް ގާޑުގެ ސެއިލަރުން ކަމަށް މިނިސްޓަރު މާރިޔާ ވިދާޅުވި އެވެ.

މިއަހަރު ފެށުނިއްސުރެ އޭޕްރީލް 3 ވަނަ ދުވަހުގެ ނިޔަލަށް، ކޯސްޓް ގާޑުން ވަނީ ޖުމްލަ 73 ހާދިސާއެއްގައި 127 މީހެއްގެ ފުރާނަ ސަލާމަތް ކޮށްފައި ކަން ފާހަގަ ކުރައްވައި މިނިސްޓަރު މާރިޔާ ވިދާޅުވީ، މޫދުގައި ގެނބިގެން މަރުމާ މީހުން ހޯދުމަށް ކޯސްގާޑުގެ ޑައިވަރުން، ކޮންމެ ވަގުތެއްގައި ވެސް ޑައިވްކޮށްގެން އެކުރާ މަސައްކަތަކީ ނަމޫނާ ހިތްވަރުގަދަ މަސައްކަތެއް ކަމަށެވެ.

އެރަސްމިއްޔާތުގައި މިނިސްޓަރު މާރިޔާ ވިދާޅުވީ، ރައީސް އިބްރާހީމް މުހައްމަދު ސާލިހްގެ ތަސައްވުރަކީ، ދިވެހި ސިފައިންނަކީ ފަންނީ، ގާބިލް، ޕްރޮފެޝަނަލް އަދި "ފައިޓިން ފިޓް ފޯސް" އަކަށް ހެއްދެވުން ކަމަށެވެ. 

އަދި މިތައްސައްވުރު ހަގީގަތަކަށް ހެދުމަށް ވޭތުވެދިޔަ 2 އަހަރާއި ބައިގެ ތެރޭގައި ސިފައިންގެ ލީޑާޝިޕާ ގުޅިގެން ގިނަ އަދަދެއްގެ ސިފައިން ޓްރެއިންކޮށް އެތައް މަސައްކަތްތަކެއް ކޮށްފައިވާ ކަމަށާއި މިހާރުވެސް ދަނީ އެމަސައްކަތްތައް ކުރައްވަމުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އެރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލާއި ދިވެހި އަސްކަރިއްޔާއިން ދިފާއީ ވަޒީރަށް ކަނޑައަޅުއްވާފައި ހުންނަވާ މިލިޓަރީ ސެކްރެޓަރީ ބްރިގޭޑިއާ ޖެނެރަލް އަބްދުލް މަތީން އަހުމަދާއި ކޮމާންޑަރސަދަން އޭރިޔާ ކާނަލް އިބްރާހިމް ރަޝީދާއި ކޯސްޓް ގާޑުގެ ކޮމަޑާންޓް ކާނަލް މުހައްމަދު ސަލީމްގެ އިތުރުން ސިފައިންގެ އިސް ބައެއް އޮފިސަރުން ބައިވެރިވެވަޑައިގެންނެވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް