ads
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ
ފަނޑިޔާރު އާދަމް މުހައްމަދުގެ މައްސަލައިގެ އަޑުއެހުން ފަސްކޮށްފި
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲއާ ގުޅޭގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހެޅިފައިވާ ސުލޫކީ މައްސަލައިގެ އަޑުއެހުން ފަސްކޮށްފި އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲއާ ގުޅޭގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހެޅިފައިވާ ސުލޫކީ މައްސަލައިގެ އަޑުއެހުން ފަސްކޮށްފި އެވެ.

އަޑުއެހުން ފަސްކުރި ކަމަށް ޖޭއެސްސީން ބުނި ނަމަވެސް އެގޮތަށް ނިންމި ވަކި ސަބަބެއް ޖޭއެސްސީން ބުނެފައެއް ނުވެ އެވެ.

ޖޭއެސްސީން ބުނީ ފަނޑިޔާރު އާދަމް މުހައްމަދުގެ މައްސަލައިގެ އަޑުއެހުން ކުރިއަށް ގެންދިއުމަށް މިހާރު ނިންމާފައިވަނީ މިމަހުގެ 30ވާ ބުދަ ދުވަހު އެވެ.

ފަނޑިޔާރު އާދަމް މުހައްމަދުގެ ސުލޫކީ މައްސަލައިގެ އަޑުއެހުން ކުރިއަށް ގެންދަން ނިންމާފައިވަނީ އާންމުކޮށް ހުޅުވާލައިގެންނެވެ.

ޖޭއެސްސީން މިގޮތަށް ނިންމީ ފަނޑިޔާރު އާދަމް މުހައްމަދު ވެސް އެދިވަޑައިގެންނެވީ އާންމުކޮށް ހުޅުވާލައިގެން މައްސަލަ ބެލުން ކުރިއަށް ގެންދިއުމަށް ކަމަށްވާތީ އެވެ.

ފަނޑިޔާރު އާދަމް މުހައްމަދުގެ މައްސަލަ އާންމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދަން ކުރިން ނިންމާފައި އޮތީ މާދަމާ މެންދުރުފަހު 2:00 ޖަހާއިރު އެވެ.

އަޑު އެހުން ކުރިއަށް ގެންދަން ނިންމާފައިވަނީ ޕޯސްޓް އޮފީހުގެ ހަވަނަ ފަންގިފިލާގައި ހިންގަމުން ގެންދާ ޖުޑީޝަލް ކޮމްޕްލެއިންޓްސް އެންޑް އިންވެސްޓިގޭޝަން ސެކްޝަންގަ އެވެ.

ޖޭއެސްސީން ބުނީ މިއަޑުއެހުމަށް ވަނުމަށް އާންމުންނާއި ނޫސްވެރިންނަށް ޖާގަ އޮތް މިންވަރަކުން ފުރުސަތު ދޭނެ ކަމަށެވެ. އަދި މިއަޑުއެހުމަށް ވަނުމަށް ބޭނުންވާ ފަރާތްތަކުން އަޑުއެހުން ފެށުމުގެ 15 މިނެޓް ކުރިން އައިޑީ ކާޑު ހިފައިގެން ދިއުމުން އަޑުއެހުމަށް ވަނުމަށް ފުރުސަތު ދޭނެ ކަމަށްވެސް ޖޭއެސްސީން ވަނީ ބުނެފަ އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މައްސަލަތަކެއް ޖޭއެސްސީން ބަލަމުންދާއިރު މީގެ ތެރޭގައި އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީގެ މައްސަލަތަކެއް ވެސް ހިމެނެ އެވެ. ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުންގެ ބައެއް މައްސަލަތައް ބެލުމަށްފަހު ފިޔަވަޅެއްގެ ގޮތުގައި ޖޭއެސްސީން މީގެކުރިން ވަނީ އެ ބޭފުޅުންނަށް ނަސޭހަތް ދިނުމަށްވެސް ނިންމާފަ އެވެ. ނަމަވެސް އެކަން އެންގުމުގެ ގޮތުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ޖޭއެސްސީން ފޮނުވި ބައެއް ލިޔުންތަކާ ހަވާލުވުމަށް ބައެއް ފަނޑިޔާރުން ވަނީ އިންކާރުކުރައްވާފަ އެެވެ.

ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުﷲ ދީދީގެ މައްސަލަ ވެސް ޖޭއެސްސީން ބެލީ އޭނާ އެދިވަޑައިގަތުމާ ގުޅިގެން އާންމުކޮށް ހުޅުވާލައިގެންނެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް