ads
ވާހަކަ: ބާހެދުން
ވާހަކަ: ބާ ހެދުން
ކައިވެނި ކޮށްގެން އެގެއަށް ދިޔައީ ވަރަށް ފޮނި އުންމީދުތަކެއްގައެވެ. ޖައިޝްއަކީ އަހަރެންދެކެ ލޯބިވާ، ރަނގަޅު ހިންހެޔޮ މަޑުމައިތިރި ފިރިހެނެކެވެ.

ނަމަވެސް އެއީ އެހާވަރަށް މަންމަގެ ބަސް އަހާކުއްޖެއްކަމެއް ކުރިން އަހަންނަކަށް ނޭގެއެވެ. އަހަރެން އުޅެބޮޑުވީ މިނިވަންކަމަށް ލޯބިކުރާ އާއިލައެއްގައެވެ. ދަސްވެފަހުރީ އަމިއްލައަށް އުޅޭށެވެ. އެހެންމީހަކު ބުނާގޮތަށް ހުރިހާކަމެއްކުރުމަކީ އެއްއިރެއްގައި ވެސް އަހަރެން އާދަވެފަހުރިކަމެއްނޫނެވެ. ޖައިޝްއަކީ އޭގެ އިދިކޮޅެވެ. ކާން އިށީންނަނީ މަންމަބުނާގޮނޑިއެއްގައި ބުނާގޮތަކަށެވެ. އޮފީހަށްދާން ލާ ގަމީހާ ޓައިއަކީ ވެސް ކޮންމެ ދުވަހަކު ވެސް މަންމަގެ ހޮވުމެވެ. މީހާ ހުންނަގޮތުންފެށިގެން ވާހަކަދައްކާގޮތަކީ ވެސް މަންމަގެ އިރުޝާދެވެ. ޖައިޝް އަމިއްލަ އިޚްތިޔާރުގައި ކުރި ހަމައެކަނި ކަމަކީ އަހަންނާއި ކައިވެނިކުރުންހެން ވެސް ހީވެއެވެ.

ޖައިޝަގެ މަންމައަކީ ޒީލަގަދަ ގޮތްދޫނުކުރާ އަންހެނެއްވެސްމެއެވެ. ފުތަރަމަކޮޅު އޭނާގެ ހަރުކަށި އުސޫލުތަކާއި ގޭތެރޭގައި ހިންގާ އަމުރުތަކަށް އަހަރެން މާބޮޑު ސަމާލުކަމެއްނުދެމެވެ. ނަމަވެސް ޖައިޝްއަށް މަންމަ ބުނުމުން ނޫނީ ފިޔަވަޅުވެސް ނޭޅޭކަން އެނގެންފެށުމުން އަހަންނަށް އުނދަގޫވާންފެށިއެވެ. މަޑުމަޑުން ޖައިޝްއާ އެވާހަކަދެއްކީމެވެ. ނަމަވެސް ކޮންމެ ފަހަރަކު ވެސް ޖައިޝްގެ ގާތަށް އަންނަނީ ރުޅިއެވެ. ނަމަވެސް އަހަރެން ރުޅި އިސްނުކޮށް ކެތްތެރިކަމާއެކު ، މައިދައިތަގެ ހަރުކަށި އުސޫލުތަކަށް ފިރިމީހާ ކިޔަމަންވާތަން ބަލަން އުނދަގޫވީނަމަވެސް އެކަން ތަހައްމަލް ކޮށްގެން ހުރީމެވެ. ކެތްތެރިކަން ކޮޅުންލީ، މައިދައިތަ އަހަރެންގެ ކިބައިން އެދުނު އާދަޔާ ޚިލާފްކަމެއްގެ ސަބަބުންނެވެ.

" މިހާރުދެން ކައިވެނި ކުރިތާވެސް ހަމަސްވީ، އަދިވެސް މީނަ ބަނޑުބޮޑުވާކަށް ނޫޅޭ، މަށަށް އެނގެއޭ ތިވާގޮތް، ތީހަމަ އެސްފީނާ، އެއިރުވެސް މަ ބުނިން ޕާޓީ ބާއްވާ ފޮޓޯނަގާ ހަދާނެކަމެއްނެތޭ އެސްފީނާ ޖެހޭނެއޭ، މަށަށްވީގޮތް މަގޭ ދަރިފުޅަށްވާކަށް ބޭނުމެއްނޫނޭ، 10 ކުދިން ވިހޭ އިރު ދުނިޔޭގައި ހުރީ އެންމެ ކުއްޖެއް، އެވެސް ހާދަވަރަކުން ހާދަ މަސައްކަތަކުންނޭ، ... މައަޅެ ހުރީމޭ ދެ އަހަރުވަންދެން އެއްހެދުމެއްލައިގެން، އާދަންބެ ބުނި ހުރިހާކަމެއްކޮށްގެން ސަލާމަތްވި ސޮރެކޭމިއީ، އެހެންވީމަ މަ އެސޮރަށް ކިހާ ބަލާނެ، ސަމްރާ ވެސް ވާނީ މަ ބުނާގޮތް ހަދަން. މަގޭ އެހެދުން އޮންނާނެ އަދިވެސް، އެއީ ނިކަން ފެންކިޔަވާ، ކަންތައްކޮށްފަ ހުރިހާ ނުބައި ލޯތަކާ ނުފެންނަ ކަންތައްތަކުން ރައްކާތެރި ކޮށް ހަދާފަ އޮތް ހެދުމެއް. އެލައިގެން ހުއްޓާ ލާހިކައެއް ނޫން އެސްފީނާއެއް ކުށުވެރިކަމެއް ޖިންނި ޝައިތާނެއްގެ އުނދަގުލެއް ޖެހޭކަށް.. އަހަންނަށް މާމަދަރިއެއް ހޯދައިދޭން ސަމްރާ ޖެހޭނީ އެހެދުން ލައިގެން އުޅެން މީގެފަހުން."

މެންދުރު ކާން އިނދެގެން މައިދައިތަދެއްކި މި ނާތަހުޒީބު ވާހަކަ އަޑު އިވުމުން އަހަރެން ކޮށިއެރިއެވެ. އަހަރެންގެ ބުރަކަށީގައި ފިރުމާލާފައި ފެންތަށި ދިން އިރު ވެސް އޭނާގެ މަންމައެބުނި ވާހަކަ ކުޑަކޮށްވެސް ފަހުމް ވިހެނެއް ޖައިޝްގެ މޫނިމައްޗަކުން ހިއެއްނުވެއެވެ. އަހަރެން ކެއްސުން މައިތިރިވީމާ އެދެމީހުންގެ މޫނަށް ވަކިވަކިން ބަލާލީމެވެ. މާ ބޮޑުކަމެއްވީހެނެއް ހިޔެއްނުވެއެވެ.

އެރޭ ނިދަން އޮއްވާ ކުއްލިއަކަށް ސިއްސައިގެން ދިޔައީ މައިދައިތަ އައިސް ގޮވީމައެވެ. ބާވެ ހަފުސްވެފައޮތް ހަރުވާޅުހެދުމެއް ދިއްކޮށްލާފައި މީތި ލާށޭބުންޔެވެ. އަހަރެން އޭތި ލާނީ ކިހިނެއްހެއްޔެވެ. އޭގެން ދުވަނީ ވެސް ފީވަހެވެ. އަހަންނަކީ ވަކިގޮތަކަށް ހެދުން އަޅަން އާދަވެފަހުންނަމީހެކެވެ. ސާފުތާހިރު ގަޔަށްފަސޭހަ ޒަމާނާ ގުޅޭ ރީތި ހެދުން ނޫނީ އަހަރެން ލައިނޫޅެމެވެ. ކިރިޔާ ބާވެ ، ކުލަގޮސް، ހަޑިވެ ނޫނީ ގަޔަށް އުނދަގޫ ގޮތެއް ހުއްޓަސް އެހެދުމެއް އަހަންނަކަށް ނުލެވޭނެއެވެ. މައިދައިތަ ގެނައިކަހަލަ އެއްޗެއް ދުވަހަކުވެސް ނުލަމެވެ.

އަހަރެން ފާޅުގައި އެހެދުންލާން ދެކޮޅުހެދީމެވެ. މައިދައިތަ ގާތަށް އައީ ރުޅިއެވެ. ބެލުމެއްނެތި އަހަރެންގެ އިސްތަށިގަނޑުގައި ހިފާލަތްކެއްޖެހިއެވެ. ޖައިޝްއަށް މިމަންޒަރު ފެނުމުން ވެސް ހުރީ ހަދާނެ ގޮތެއްނޭނގި ދެކޮޅަށް ބަލާލަބާލާ ހުއްޓިފައެވެ. މައިދައިދަތަގެ އަތްފޮޅާލާފައި ސަލާމަތްވެގެން އަހަރެން ދުރަށް ޖެހިލީމެވެ.

" ގެވެށިއަނިޔާ ، ކޮމްޕްލެއިން ކުރާނަން ދެން އިނގިލި ކުރިވެސް ޖައްސާފިއްޔާ... ކަލޭމެން ޖަލަށްދާން ޖެހިދާނެ، މަޑުން ތިބޭ."

 އަހަރެން ވެސް އައި ރުޅީގައި ހަޅޭލަވައިގަތީމެވެ. ޖައިޝްގެ ފިނޑިކަމާއި ނުކުޅެދުންތެރިކަން އެރޭ އެނގިގެންދިޔައެވެ. އެފަދަ ނާތަހުޒީބު މަންމައަކާ ފިނޑި ފިރިއަކާ އެކު އެންމެ ހިނދުކޮޅަކުވެސް އުޅޭކަށް އަހަރެން ބޭނުމެއްނުވިއެވެ. ފޮށްޓަށް އެއްޗެހި އަޅައިގެން ވަގުތުން ގެއަށް ދިޔައީއެވެ.

ވަރިކުރަން ހުށަހެޅީ އަހަންނެވެ. ޖައިޝްހުރީ ފެންކަޅިވެފައެވެ. ވަރިވި ދުވަހު ކޯޓުކައިރިއަށް ވެސް ޖައިޝްގެ މަންމަދިޔައެވެ. އެދުވަހު އޭނާ ބުންޏެވެ.

" ކަލޭ ތިހެން ފޮނިވެގެން ވަރިވެގެން ތިދަނީ ، ޖައިޝްކަހަލަ އަޚުލާގު ރަނގަޅު ކުއްޖަކު ކަލެއަކަށް އިންނާކަށް ނުލިބޭނެ.. އަދި ބުނަން.. ކަލޭ މުޅި އުމުރަށް ހުންނަން ޖެހޭނީ ހުސްހަށިބަޔާ، ދަރިން ނުލިބޭ އަންހެނާ! ... އަހަރެން މިހާރު އަހަރެންގެ ބަސް އަހާ، އަހަންނަށް މާމަދަރިން ހޯދާދޭނެ ރަނގަޅު ކުއްޖަކު ހުންނާނީ ޖައިޝްއާ އިންނަން ހަމަޖައްސާފަ ، ދެން ދުވަހަކު ވެސް ކަލެއަކަށް ހަމަޖެހޭ ދިރިއުޅުމެއް ނުލިބޭނެ. އަދި މަގޭ ޖައިޝްވެސް ނުލިބޭނެ. މަބޭ ޖައިޝް އިންނާނީ މާރީތި މާރަނގަޅު މަންޖެއަކާ "

ގަދަބަސް ބުނެ އެމިހާ އަހަނަށް މަލާތްކޮށް ހެމުން ދިޔައިރު އަހަރެންގެ ހިތުގައި ޖެހުނެވެ. އަހަރެން ޖައިޝްދެކެ ލޯބިވީތީއެވެ. އޭނާއާއި އެކު ރީތި ޒަވާޖީ ހަޔާތެއް ހޭދަކުރަން އުންމީދުކުރެވުނީތީއެވެ. ނަމަވެސް މިފަދަ ނުބައި މީހެއްގެ ކިބައިން ސަލާމަތް ވެވުނީތީ ވެސް ހިންހަމަޖެހުނެވެ.

އޭގެ ދެއަހަރު ފަހެވެ. ރަސްފަންނު ސަރަހައްދަށް ހިނގާލަން ގޮސްފައި ، އައި މަގުމަތިން ޖައިޝް، އައި.ޖީ އެމް. އެޗް އިން ނިކުންނަނިކޮށްފެނުނެވެ. އަހަރެން ޖައިޝްއަށް ގޮވާލީމެވެ. ޖައިޝް މަޑުމަޑުން އަހަރެންގެ ގާތަށް އައެވެ. އޭނާގެ މޫނުމަތިން ފާޅުވަނީ ހިތާމަވެރިކަމެވެ. އަހަރެންގެ އުނަގަނޑުގައި ހިފަހައްޓައިގެން ހުރި ފިރިމީހާ އައުފް، ޖައިޝަށް ތައާރަފްކޮށްދިނީމެވެ. އަދި ޓްރޮލީގައި އޮތް އަހަރެންގެ ދަރިފުޅު ލޫތްވެސް ދެއްކީމެވެ. ޖައިޝްހުރީ ރަކިވެފައި ހުންނަ މީހެއްފަދައިންނެވެ.

" ސަމް، އަހަނަންށް މާފުކޮށްފާނަންތަ، ސަމްގެ ތި އުފާވެރި ދިރި އުޅުމަށްޓާކާ އަހަރެން ވަރަށް އުފާވެއްޖެ، އެކަމަކު، އަހަރެންގެ ހަޔާތް ބަރުބާދުވެއްޖެ. މަންމަގެ ބަސް ގަބޫލުކޮށްގެން މަންމަގެ ބޯދާ ވިސްނުމަށް އަމަލުކޮށްގެން އުޅެވުނީމާ ލަނޑުލިބިއްޖެ. މަންމަ އަހަރެންގެ ކައިވެނި ކުރިވީ އަޑުއެހުމުން މަހުރޫމްވެފައިވާ ކުއްޖަކާ، އޭނާ އަހަރެންގެ މަންމަ ބުނި ކޮންމެކަމެއް ބުނި ގޮތަކަށް ކުރި، އެއްކަލަ ހެދުންވެސް ލި .."

އެހިސާބަށް ޖައިޝްގެ ވާހަކަ ދިޔައިރު ދެމީހުންނަށް ވެސް އިސްޖަހާލެވުނެވެ. ޖައިޝްވަރަށް އުނދަގުލުން އަނެއްކާވެސް ކިޔައިދެން ފެށިއެވެ.

" އާނާގެ ނުކުޅެދުންތެރިކަމެއް ނޫން މައަސަލައަކަށްވީ، މަންމަގެ ބަސް އަހައިގެން އާނާ އެހެދުންލައިގެން އުޅުނީ، ދެން ވީގޮތަކީ މުޅިގައިން ފިތްތަކެއްނަގާ އެލާރޖިކްވީ.. އެހެންވީމަވެސް މަންމަ އަހަރެމެން ޑޮކްޓަރަކަށް ދެއްކުނަނުދިން. އެއީ ސަމްރާގެ ސުންޕާކަމުން ދިމާވިކަމަކަށް ހެދީ އަދި ފަންޑިތަހަދަން ފެށީ، އާނާގެ ހާލު ގޯސްވަމުން ގޮސް މުޅިމީހާ ފާރުވެ، އެނދުމަތިވި، އެކަމުގަ ގިނަދުވަސްވެ އާނާ އަށް މިހާރުވަނީ ސްކިން ކެންސަރ ޖެހިފަ... އެންމެ ފަހުން ކެތްނުވެގެން މަންމައާ ދެކޮޅަށް ހޮސްޕިޓަލަށް ގެނައީވެސް.. އާނާ ސަލާމަތް ވާނެ ކަމުގެ އެއްވެސް އުންމީދެއް ނެތް... އަހަންނަށް ކުރިން ވިސްނާލެވުނު ނަމައޭ ހިތައް އަރާ... އަހަންނަށް ސަމްރާވެސް އާނާވެސް މިގެއްލުނީ މަންމަގެ ނާތަހުޒީބު ކަމުން ، މަންމަ ވީމާ ގޯސްކަމެއް ނުކުރާނެ އޭ ހިތާ އަހަރެން ވިސްނާނުލާ ހުރީމަ.. ޕްލީޒް ފޮގިވްމީ .."

ޖައިޝްގެ ވާހަކަ ވަރަށް ވެސް ހިތާމަވެރިއެވެ. ދެރަވިއެވެ. އާނާގެ ހާލާއިމެދު ހަމްދަރްދީވެސް ވިއެވެ. އަހަރެންގެ ފިރިމީހާއަކީ ހަމުގެ ހާއްސަ ޑޮކްޓަރެކެވެ. އެވާހަކަ އަޑުއިވިފައި އޭނާވެސް ވަރަށް ދެރަވިއެވެ. އަދި އަހަރެމެން ވެވުނު ވަރަކުން ޖައިޝްގެ ދެމަފިރިންނަށް އެހީވާން ވައުދުވީމެވެ. ޖައިޝްގެ މަންމައަށް މިހާރު ހުންނާނީ ފިލާވަޅެއް ލިބިފައެވެ. އެމީހާގެ ޖާހިލުކަމާއި ކުރިކަންތައް ހިތައްއެރުމުން ހިނިވެސްއާދެއެވެ. ނަމަވެސް އެފަދަ ޖޯކުކަމަކުން މިފަދަހިތާމަވެރި ނަތީޖާއެއް ނިކުތުމުން ދެރަވެސްވެވެ. ބާހެދުންގަނޑެއްގެ ސަބަބަން އެތަށް ދިރިއުޅުމަކަށް އަސަރުކޮށްފިއެވެ. މިފަދަ ބޯދާ ހިޔާލުތަކާއި ނާތަހުޒީބު ވިސްނުންތަކުގެ ސަބަބުން ކިތައްމެ ދެރައެއްވެސް ލިބިދާނެއެވެ.

ނިމުނީ -

88%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
13%
ވަރަށް ސަލާމް
ކޮމެންޓްސް