ads
ބެންގަލޫރުގެ ކެޕްޓަން ސުނިލް ޗެތްރީ
މާޒިޔާ އަތުން ބުއި ބޮނޑި ދެން ނުބޮވޭނެ: ބެންގަލޫރު
ރާއްޖޭގެ މާޒިޔާ އަތްދަށުވެ މިދިޔަ އަހަރުގެ އޭއެފްސީ ކަޕުން ކެޓުމުގެ ހިތި ތަޖުރިބާއާ އެކު މިއަހަރުގެ އޭއެފްސީ ކަޕަށް ފުރިހަމައަށް ތައްޔާރުވެފައިވާ ކަމަށް ބެންގަލޫރު އެފްސީން ބުނެފިއެވެ. އޭއެފްސީ ކަޕުގެ ގްރޫޕް ސްޓޭޖުން ޖާގައެއް ހޯދުމަށް ކުޅޭ ޕްރިލިމިނަރީ މެޗުގައި ބެންގަލޫރު އެފްސީ ބުދަ ދުވަހު ނުކުންނާނީ ނޭޕާލުގެ އާމީ ޓީމާ ދެކޮޅަށެވެ.

ކުރިން އޭއެފްސީ ކަޕުގެ ފައިނަލުގައި ކުޅެ، މުބާރާތުގެ ދެވަނަ މަގާމު ހޯދާފައިވާ ބެންގަލޫރު އެފްސީގެ ތާރީޚުގައި އެ ޓީމަށް ލިބުނު އެންމެ ބޮޑު އެއް ނާކާމިޔާބީއަކީ ރާއްޖޭގެ މާޒިޔާ އަތްދަށުވެ މި ދިޔަ އަހަރުގެ އޭއެފްސީ ކަޕުގެ ގުރޫޕް ސްޓޭޖުން ކެޓުމެވެ. މާޒިޔާ އަތްދަށުވެ ޕްލޭ އޮފުން ކެޓި ބެންގަލޫރު އެފްސީއަށް އެ ފަހަރު ވެއްޓުނު އަޑި ގަނޑުން އަދިވެސް އަރައިނުގަނެވެއެވެ.

މިދިޔަ ސީޒަނާއި މި އަހަރުގެ އިންޑިއަން ސުޕަރ ލީގު ބެންގަލޫރުން ނިންމާލީ ހުސް އަތާ އަދި، ޓޭބަލުގެ ފަހަތުކޮޅުގައި އޮވެއެވެ. އެ ޕްރަޝަރު ގަނޑުގެ ތެރޭގައި ޓީމުގެ ނަތީޖާ ދަށްވެ، ކޯޗު މަގާމުން ވަކިކޮށް އޭއެފްސީ ކަޕުގެ ޕްލޭ އޮފާ ބެންގަލޫރު ކުރިމަތިލަނީ އާ ކޯޗެއްގެ އިރުޝާދާއެކުއެވެ. ޖަރުމަނަށް އުފަން އިޓަލީގެ މާކޯ ޕެޒައޯލީ ނަމަކަށް ކިޔާ ބެންގަލޫރުގެ އާ ކޯޗުގެ އިރުޝާދުގެ ދަށުން  އެ ޓީމު ކުޅޭ ފުރަތަމަ މެޗަކީ ބުދަ ދުވަހު ނޭޕާލުގެ އާމީއާ ދެކޮޅަށް ކުޅޭ މެޗެވެ. މާކޯ ބުނި ގޮތުގައި ބެންގަލޫރު އެފްސީވަނީ މި މެޗަށް ފުރިހަމައަށް ތައްޔާރުވެފައެވެ. މި މެޗު ކުޅޭނީ އިންޑިޔާގެ ގޯއާގައެވެ.

މި ޓީމުގެ ފުރަތަމަ މެޗަށް އަހަރެން މި ހުރީ ކެތް މަދުވެފައި. ޓީމުގެ ތައްޔާރީތައް ވަރަށް ފުރިހަމައަށް ގެންދެވިފައިވާ ކަމަށް އަހަރެން ގަބޫލު ކުރަނީ. މި މެޗު މި ޓީމަށް އެންމެ މުހިއްމުވާ ސަބަބަކީ މިދިޔަ އަހަރު ހިތްދަތި ގޮތަކަށް މުބާރާތާ އަލްވަދާއުކިޔަން ޖެހުން. އެ ސަބަބާ ހުރެވެސް މި އަހަރު ގުރޫޕް ސްޓޭޖަށް ދާން އަހަރުމެން ބޭނުން.

ނޭޕާލުގެ އާމީ ޓީމާ ބެންގަލޫރު ކުޅޭ މެޗުން މޮޅުވާ ޓީމެއް، ގުރޫޕް ސްޓޭޖުން ފުރުސަތު ހޯދުމަށް ދެން ކުޅެން ޖެހޭނީ ރާއްޖޭގެ ކްލަބު އީގަލްސްއާ ބަންގަލަދޭޝްގެ ޑާކާ އަބަހާނީ ކުޅޭ މެޗުން މޮޅުވާ ޓީމަކާއެވެ. މިމެޗު އޮންނާނީ މި މަހުގެ އެކާވީސްވަނަ ދުވަހުއެވެ. ޕްލޭ އޮފުގެ ފަހު މެޗުން މޮޅުވާ ޓީމެއް ކޮލިފައިވާނީ ދެކުނު އޭޝިޔާއަށް ހާއްސަކޮށްފައިވާ އޭއެފްސީ ކަޕުގެ ގުރޫޕަށެވެ. މި ގުރޫޕަށް ކޮލިފައިވާ ޓީމުގެ އިތުރުން ދެން ހިމެނޭނީ އިންޑީޔާގެ ޗެމްޕިއަން އޭޓީކޭ މޯހަން ބަގާންއާ، ރާއްޖޭގެ ޗެމްޕިއަން މާޒިޔާ އަދި ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝަންދުރާ ކިންގްސްއެވެ. މި ގްރޫޕުގެ މެޗުތައް އޮންނާނީ ރާއްޖޭގައެވެ.

ބެންގަލޫރު އެފްސީން އެ ޓީމުގެ އާ ކޯޗު މާކޯއާ އެކު ހަދާފައިވަނީ ތިން އަހަރު ދުވަހުގެ ޕަފޯމަންސް އެއްބަސްވުމެކެވެ. މާކޯއަކީ މީގެ ކުރިން ޖަރުމަނުގެ ޒުވާން ގައުމީ ޓީމުތަކުގައި މަސައްކަތްކޮށްފައިވާ ކޯޗެކެވެ. މީގެ އިތުރުން އޭނާ ވަނީ އޭޝިޔާގައި ވެސް ކުރިން މަސައްކަތް ކޮށްފައެވެ. ބެންގަލޫރު އެފްސީގެ ހެޑް ކޯޗުގެ ގޮތުގައި މާކޯގެ އެންމެ ފުރަތަމަ އެސައިންމަންޓަކަށް ވެގެންދާނީ މިއަހަރުގެ އޭއެފްސީ ކަޕުގެ ގްރޫޕް ސްޓޭޖަށް ބެންގަލޫރު އެފްސީ ކޮލިފައިކޮށްދިނުމެވެ.

ބެންގަލޫރު އެފްސީގެ ހެޑް ކޯޗުގެ މަގާމުގައި ކުރިން ހުރި ސްޕެއިންގެ ކާލްސް ކުއަޑްރާޓް މަގާމުން ވަކިކުރީ މިދިޔަ މަހުގެ ކުރީކޮޅު، އެ ޓީމުގެ ޕަފޯމަންސް ވަރަށް ބޮޑަށް ދަށްވެގެން ދިޔުމުންނެވެ.

50%
ކަމުގޮސްފި
17%
އަޑުއެހިތާ މިހުރީ
17%
ސަތޭކައަކުން ސުމެއް
17%
ވަރަށް ސަލާމް
ކޮމެންޓްސް