ads
ކޮމިޝަނާ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒު ގައިދީންނާ ބައްދަލުކުރައްވަނީ -- ފޮޓޯ: ކަރެކްޝަންސް
"ގައިދީން ބަސް އެހުމަށްފަހު ހަމަނުޖެހުންތައް ހުއްޓާލައިފި"
މާފުށި ޖަލުގައި މިދިޔަ ހަފުތާއެއްހާ ދުވަހު ހިނގި ހަމަނުޖެހުންތައް ހުއްޓާލައި ޖަލު ހަމައަކަށް އެޅިފައިވާ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނެފި އެވެ.
މާފުށި ޖަލުގައި މިދިޔަ ހަފުތާއެއްހާ ދުވަހު ހިނގި ހަމަނުޖެހުންތައް ހުއްޓާލައި ޖަލު ހަމައަކަށް އެޅިފައިވާ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނެފި އެވެ.

ނޫސްވެރިންނާ މިއަދު ބައްދަލުކުރައްވާ ކޮމިޝަނާ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒު ވިދާޅުވީ މާފުށި ޖަލުގައި ހަމަނުޖެހުންތައް ފެށުނީ "ވާނުވާ" ޖަހާފައި ޖަލުގައި ތިބި ބަޔަކު ޖަލު އޮފިސަރުންގެ ގަޔަށް ތަކުރާރުކޮށް މިރުސް ފެން ޖެހުމުން ކަމަށެވެ. ވާނުވާގައި ތިބި މީހުން ހިތްހަމަ ނުޖެހުނީ އެ މީހުން ވާނުވާގައި ތިބެންވީ ކިހާ ދުވަހަކު ކަން ނޭނގޭތީއާއި އެމީހުންނަށް ލިބެންޖެހޭ އަސާސީ ބައެއް ހިދުމަތްތައް ނުލިބޭ ކަމަށް އެމީހުންނަށް ގަބޫލުކުރެވޭތީ ކަމަށްވެސް ވިދާޅުވި އެވެ.

މުނާޒު ވިދާޅުވީ ވާނުވާގައި ތިބި މީހުން ހަމަނުޖެހުން ހިންގަން ފެށުމުން ޖަލުގެ އިތުރު ހަތަރު ގޮޅިއެއްގައި ތިބި ބަޔަކު އެ ހަމަނުޖެހުންތަކުގައި ބައިވެރިވި ކަމަށެވެ. އަދި އެމީހުންނަށް ހިތްވަރު ދިނުމުގެ ގޮތުން މާލޭ ޖަލުގައި ތިބި ގައިދީންތަކެއް ބެޑްޝީޓެއްގައި ރޯކޮށްލައިގެން ވެސް ހަމަނުޖެހުންތަކެއް ހިންގި ކަމަށްވެސް ވިދާޅުވި އެެވެ. ނަމަވެސް މިހާރު ޖަލުގައި އެއްވެސް ހަމަނުޖެހުމެއް ނުހިގާތާ 12 ގަޑިއިރު ވެއްޖެކަން ފާހަގަކުރައްވަމުން މުނާޒު ވިދާޅުވީ ޖަލުގައި ހަމަނުޖެހުން ހިންގި މީހުން ބަސް އަހާ، ހަމަނުޖެހުންތައް ހުއްޓާލާފައިވާ ކަމަށެވެ.

ޖަލުގައި މިދިޔަ ހުކުރު ދުވަހުން ފެށިގެން ހަމަނުޖެހުންތައް ފެށުނީ ގައިދީން މިރުސް ފެން ޖެހުމުން ކަމަށް މުނާޒު ވިދާޅުވި ނަމަވެސް ހަމަނުޖެހުންތައް ފެށުނީ މުނާޒު އިސްވެ ހުންނަވައިގެން އެހެން އޮފިސަރުންތަކެއް ބޭނުންކޮށްގެން ޖަލުގެ ގޮޅިއެއް ބަލައި ފާސްކުރަން އުޅުމުން ކަަމަށް މައުލޫމާތު ލިބިފައިވެ އެވެ. މިކަމުގެ ތެރޭގައި ގައިދީންނާއި ޖަލު އޮފިސަރުންނާ ދެމެދު ހިނގި ހަމަނުޖެހުންތައް ހުއްޓުވީ ޕެޕާ ސްޕްރޭ ޖަހާ، ބާރުގެވ ބޭނުންކޮށްގެން ކަމަށްވެސް އެނގިފައިވެ އެވެ.

ޖަލުގެ ކަންކަން އިސްލާހުކުރުމަށް މިސަރުކާރުން މަސައްކަތްތަކެއް ކުރަމުންދާ ކަން ފާހަގަކުރައްވަމުން މުނާޒު ވިދާޅުވީ މިސަރުކާރު ވެރިކަމާ ހަވާލުވި ފަހުން 140 ޖާގަ ޖަލުގައި އިތުރުކުރެވިފައިވާ ކަމަށެވެ. ހާއްސަ ބަލިތަކުގެ ޑޮކްޓަރުންނަށް ގައިދީން ދައްކަންޖެހޭ ފަހަރު ބޭސް ފަރުވާގެ ހިދުމަތް ލިބުން ލަސްވާތީ އެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ހިނގަމުންދާ ކަމަށްވެސް ވިދާޅުވި އެވެ. އަދި ޖަލަށް ލުމަށް ހުކުމްކުރާ ގައިދީން ޖަލަށް ގެންދިއުމުގެ ކުރިން އެ މީހުންގެ މެޑިކަލް އަދި ސައިކޭޓްރިކް އެސެސްމެންޓް ހެދުމަކީ ވެސް މިސަރުކާރުން އަލަށް ފެށި ކަމެއް ކަމަށްވެސް ވިދާޅުވި އެވެ. ގައިދީން ދުވާލުގެ ގިނަ ވަގުތުތަކުގައި ގޮޅިން ބޭރުގައި ބޭތިއްބުމަށްޓަކައި އިންތިޒާމުތަކެއް ހަމަޖައްސަމުންދާ ކަމަށްވެސް ވިދާޅުވި އެެވެ.

ނޫސްވެރިންގެ މިބައްދަލުވުމުގައި މުއާޒު ވަނީ ނޫސްވެރިންގެ ބައެއް ސުވާލުތަކަށް ޖަވާބު ދެއްވުމަށް ދެކޮޅު ހައްދަވާފަ އެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ މިނިވަންކުރަން ހުއްދަ ދެއްވާފައި ނުވާ ގައިދީއަކު މިނިވަންކުރަން މުއާޒު އެއްވެސް ލިޔުމެއްގައި ސޮއި ކުރެއްވިންތޯ ނޫސްވެރިޔަކު ސުވާލު ކުރުމުން މުނާޒު ޖަވާބެއް ނުދެއްވަ އެވެ. އަދި ޖަލުތަކުގައި ހުރި މައްސަލަތައް ބެލުމަށްފަހު އެކުލަވާލާފައިވާ ޕްރިޒަން އޮޑިޓުގައި އިސްލާހުކުރުމަށް ލަފާ ދީފައިވާ ކަންކަން ކުރެވިފައިވާ މިންވަރާ ގުޅޭގޮތުން ސުވާލުކުރުމުން ވެސް ސީދާ ޖަވާބެއް ދެއްވުމުގެ ބަދަލުގައި މުނާޒު ވިދާޅުވީ އެ މައުލޫމާތު ހިއްސާކުރަންޖެހިއްޖެނަމަ ނޫސްވެރިންގެ ބައްދަލުވުން ދިގުލައިގެންދާނެ ކަމަށެވެ. އެހެން ވިދާޅުވުމަށްފަހު އެއްވެސް ތަފްސީލެއް ދެއްވާފައެއް ނުވެ އެވެ. އަދި ނޫސްވެރިންގެ ސުވާލުތަކެއް ހުއްޓާ، މުނާޒު ވަނީ ނޫސްވެރިންގެ ބައްދަލުވުން ނިންމަވާ ލެއްވުމަށްފަހު ވަޑައިގެންފަ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް