
އިހުޒަމާނުގައި ރޯދަމަހު ރަށްރަށުގައި ރޯދަ ވިއްލައިގެން ގޭގައި ތިބޭ ވާހަކަދައްކަން އިނގޭ ތުއްތުކުއްޖާއާ ހަމައިގެން ފުރާވަރުގެ ކުދިން ގޮވައިގެން ކާފަ ނުވަތަ މާމަ ގުރުއާން ކިޔެވުމަށް އިށީންނާނެވެ.
އެކުދިން ގޮވައިގެން ގިފިއްޔަށް ވަދެ ވުލޫކުރާގޮތް ދަސްކޮށްދިނުމަށް ފަހުގައި މަގްރިބް ނަމާދުކުރުމަށް ފަހުގައި ހަތިމު ހިފައިގެން ކިޔެވުމަށް އިށީންނާނެ އެވެ.
ޔާސީން ސޫރަތުން ފަށައިގެން ގޮސް ބަގަރާ ސޫރަތާ ހަމައަށް ކިޔަވަމުން ގެންދާނެ އެވެ.ހުރިހާ ކުދިން އެއް އަޑަކުން ނެވެ. މާމަ ނުވަތަ ކާފަގެ އަޑުދަށުން ނެވެ.
އޭރުގައި ދެނަމާދު ދޭތެރޭގައި ރަށުގެ މަގުތަކުން ހިނގާލާފައި ދާއިރުގައި ގުރުއާނުގެ އަޑު މުޅި ހިސާބުގައި ގުގުމާލާފައިވާ އަޑު އިވޭނެ އެވެ. ރަށުގެ ކޮންމެ ގެއަކުން ވެސް އިވޭނީ އެއް އަޑެކެވެ. އެއަޑުން ހިތަށް ހިތްހަމަ ޖެހުން ލިބިގެން ދާނެ އެވެ.
ނަމަވެސް މިހާރަކަށް އައިސް ގެތަކުން ގުރުއާނުގެ އަޑު ވަރަށް ނީވެއެވެ. އިވެނީ ކޮންމެވެސް ކާޓޫނެއް ނުވަތަ ލަވައެއްގެ އަޑެވެ. ރޯދަމަހުގައިވެސް ގިނަ ބަޔަކު އެހެން އަމަލު ކުރަމުންދާ ކަމަކީ ހިތާމަހުރި ކަމެކެވެ.
ރޯދަ މަހުގައި ކާބައިންގެ އަހަރުމެންނަށް ދަސްކޮށްދީފައިވާ ދެނަމާދު ދޭތެރޭގައި ގުރުއާން ކިޔެވުމުގެ އާދަ މަޑުމަޑުން ދަނީ މުޖްތަމައު ތެެރެއިން ނެތެމުން ނެވެ.
އަތޮޅުތެރެއިން ފެންނަމުން ދިޔަ އެ ރިވެތި މަންޒަރު މިހާރު ގެއްލުމުންދާ ކަމަކީ ހިތާރުހި ކަމެކެވެ. އެހެންކަމުން މި ރޯދަމަހުގައި އެ އާދަ އާލަކުރުމަށް އާ އަޒުމަކާ އެކުގައި މަސައްކަތް ކުރަމާ ތޯ އެވެ.