ads
އަސްހަދު އަލީ- އަޑުބަރޭ
ދެ އަހަރަށް ފަހު އަޑުބަރޭ ފުރަތަމަ އެގާރައަށް
ދެ އަހަރެއްހާ ދުވަހުގެ މެދު ކެނޑުމަކަށް ފަހު ތަޖުރިބާކާރު ފޯވާޑު އަސްހަދު އަލީ- (އަޑުބަރޭ) ފުރަތަމަ އެގާރައިގައި ހިމެނިގެން މެޗެއް ކުޅެފިއެވެ. ބުރާސްފަތި ދުވަހުގެ ރޭ އީގަލްސްއާ ގްރީން ސްޓްރީޓްސް ކުޅުނު މެޗުގެ ފުރަތަމަ އެގާރައިގައި އަޑުބަރޭ ހިމެނިފައިވާއިރު މިދިޔަ ހަފުތާގައި އަޑުބަރޭވަނީ އީގަލްސްއާ ބޫޓާނުގެ ތިމްޕޫ ކުޅުނު މެޗުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެފައެވެ.

އީގަލްސްއިން އޭއެފްސީ ކަޕަށް ޓީމު ވަރުގަދަ ކުރިއިރު އެ ޓީމުގައި ހިމެނި ތަޖުރިބާކާރު ފޯވާޑު ދެ އަހަރެއްހާ ދުވަހުގެ މެދު ކެނޑުމަކަށް ފަހު އަލުން އެނބުރި އައިސް އީގަލްސްގެ ފުރަތަމަ އެގާރައިގައި ހިމެނުނު އިރު އެ ޓީމުން ތައްޔާރުވަމުން އަންނަނީ އަންނަ ހަފުތާގައި ބަންގްލަދޭޝްގެ ޑާކާ އަބަހާނީއާ ދެކޮޅަށް އޭއެފްސީ ކަޕު ޕްރިލިމިނަރީ ދެވަނަ ބުރުގައި ކުޅޭ މެޗަށެވެ. އެހެންނަމަވެސް އޭއެފްސީ ކަޕުގެ ތަޖުރިބާ ބޮޑު އަޑުބަރޭއަށް ނޭޕާލުގައި ކުޅޭ މި މެޗަށް އީގަލަސްއާ އެކު ދެވޭނެ ކަމެއް އަދި ނޭގެއެވެ.

ދެ އަހަރެއްހާ ދުވަހުގެ މެދު ކެނޑުމަކަށް ފަހު މިދިޔަ ހަފުތާގައި އަލުން އެނބުރި ގަލޮޅު ދަނޑަށް އައި އަޑުބަރޭ، މިދިޔަ ދެ އަހަރެއްހާ ދުވަހު ބޮޑަށް އުޅުނީ ސިޔާސީ ހަރަކާތްތަކުއެވެ. 

ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައި ހުރި އަޑުބަރޭއަކީ ކުރިން ގައުމީ ޓީމުގެ ކެޕްޓަންކަންވެސް ކޮށްފައިވާ ކުޅުންތެރިއެކެވެ.

ކުލަބު ވެލެންސިޔާ، ވިކްޓްރީ، ވީބީ ސްޕޯޓްސް، މާޒިޔާ އަދި ނިއު ރޭޑިއަންޓަށްވެސް އަޑުބަރޭ ކުރިން ކުޅުނެވެ. އަޑުބަރޭގެ ކެޕްޓަންކަމުގެ ދަށުގައި ނިއުރޭޑިއަންޓުންވަނީ ދެހާސް ފަނަރަވަނަ އަހަރު ދިވެހި ލީގު ކާމިޔާބުކޮށްފައެވެ. 

މާޒިޔާއާ އެކުވެސް އަޑުބަރޭވަނީ ގިނަ ކާމިޔާބީތަކެއް ކުރިން ހޯދާފައެވެ. ކްލަބު އީގަލްސްއަކީ ފުރަތަމަ ޑިވިޝަނުން އަޑުބަރޭ ކުޅޭ ހަވަނަ ކުލަބެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް