ads
ވީޑިއޯ ރިޕޯޓް-
ޖަލުތަކުގައި އަނިޔާކުރުމުގެ ސަގާފަތަށް އަދިވެސް ބަދަލެއްނާދޭ
ރާއްޖޭގައި ޒަމާނުއްސުރެ ޖަލުގައި ތިބޭ ގައިދީންނަށް ފުލުހުން އަނިޔާ ކުރާކަމުގެ ވާހަކައަކީ ދެކެވޭ ވާހަކައެކެވެ. 2003 ތިން ވަނަ އަހަރު ރާއްޖޭގެ ރައްޔިތުންނަށް ގައިދީންނަށް ފުލުހުން ކުރާ އަނިޔާ ފެނި ހާމަވި އެވެ. އެއީ 2003 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 19 ވަނަ ދުވަހު އިހާނެތިގޮތަކަށް މާފުށީ ޖަލުގައި އީވާން ނަސީމް މަރާލުމާއި ގުޅިގެންނެވެ.

އީވާން ނަސީމް މަރާލުމާ ގުޅިގެން މާފުށީ ޖަލުގައި ގައިދީން އިހުތިޖާޖު ކުރުމުން އެމީހުންގެ ގަޔަށް ބަޑިޖަހައި މަރާލި މަންޒަރުވެސް ފެނިގެން ދިޔަ އެވެ. އެކަމާ ގުޅިގެން މުޅި ރާއްޖެ ހަލަބޮލިވެ އެތައް ހާސް ބަޔަކު ރައީސް މައުމޫނު ސަރުކާރާ ދެކޮޅަށް ތެދުވި އެވެ.

އެހާދިސާއަށް މިހާރު 18 އަހަރުވެފައި ވާއިރު، މިއަދުވެސް ޖަލުގައި ތިބޭ ގައިދީންނާ މެދު ބޭއިންސާފުން އިހާނެތިކޮށް ކަންތައް ކުރާ ވާހަކައަކީ ގިނަ ބަޔަކު ދައްކަމުންދާ ވާހަކައެކެވެ.

އެގޮތުން މިމަހުގެ ތެރޭގައި ފެންމަތިވީ ތ. ތިމަރަފުށީގައި ޓެރަރިޒަމްގެ ހަމަލާއެއް ދޭން އުޅުން ކަމުގެ ތުހުމަތުގައި މިދިޔަ އަހަރު ނޮވެންބަރު މަހު ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކުރި އަހްސަން މުހައްމަދަށް އަނިޔާކޮށްފައިވާ ކަމުގެ ތުހުމަތު އޭނާގެ އާއިލާއިން ވަނީ ކޮށްފައެވެ.

އާއިލާގެ ފަރާތުން އޭނާގެ ބޭބެ އަހުމަދު އިހުސާނު ބުނެފައިވަނީ އަހްސަން މުހައްމަދަށް ވަނީ ފުލުހުން އަނިޔާކޮށްފައި ކަމަށެވެ. އަދި އޭނާ ކުރިން އޮތް ގޮޅިން ނެރެ އެހެން ގޮޅިއަކަށް ލުމަށްފަހު އެކަހެރިކޮށްފައި ވާކަމަށާއި އެ ގޮޅީގައި ވެސް އަހްސަނަށް އަނިޔާ ކުރަމުންދާ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް އިހްސާން ބުނެއެވެ.

އިހްސާން ބުނީ އޭނާގެ ކޮއްކޮއަށް މިހާރު ވެފައިވާ ގޮތެއްވެސް ނޭނގޭ ކަމަށާއި ކޮއްކޮއާއި އެއްވެސް މުއާމަލާތެއް ނުކުރެވޭ ކަމަށް އިހްސާން ކިޔާދިނެވެ. އަދި މިހާރު ކޮއްކޮ ދުނިޔޭގައި ހުރިކަމެއްވެސް ނޭނގޭ ކަމަށް އޭނާ ބުނެއެވެ.

އަހްސަންގެ ވަކީލަށްވެސް އޭނާއާ ބައްދަލުނުކުރެވިގެން އުޅުމަށް ފަހު މިހާރު ވަނީ ބައްދަލު ކުރެވިފައި ކަމަށްވެސް އިހްސާން ކިޔާދިނެވެ. އަދި އަހްސަނަށް ފުލުހުން ކޮށްފައިވާ އަނިޔާތަކުގެ ވާހަކަ ކިޔާދިން ކަމަށް ވެސް އިހްސާން ބުންޏެވެ.

ހަ ގަޑިއިރު ވަންދެން އޭނާ ބިޑި އަޅުވާފައި ބޭއްވި ކަމަށާއި ލޮލަށް ޕެޕާ ސްޕްރޭ ޖަހާފައިވާ ކަމަށް އަހްސަން ލޯޔަރަށް ކިޔާދިން ކަމަށް ވެސް އޭނާގެ ބޭބެ އަހްމަދު އިހްސާން ކިޔާދިނެވެ.

އަހްސަން މިހާރު ޑޮކްޓަރަށް ދައްކާފައިވާ ކަމަށް ފުލުހުން ބުނެފައިވާ ކަމަށާއި އެހެންނަމަވެސް އާއިލާއިން ބޭނުން ވަނީ އަހްސަން މާލެ ގެނެސްގެން ޑޮކްޓަރަކަށް ދެއްކުމަށް ކަމަށް އިހްސާން ބުނެއެވެ.

އަހްސަންގެ މައްސަލައާއި ގުޅޭގޮތުން ފުލުހުން ބުނެފައި ވަނީ އަހްސަން މުހައްމަދު، ގޮޅީގައި ހަރުކޮށްފައިހުރި ކެމެރާއަށް ނުފެންނަ ގޮތް ހެދުމަށް އެކި އެއްޗެހި ބޭނުންކޮށް ތަކުރާރުކޮށް ކެމެރާ ބްލައިންޑް ކުރުމާ ގުޅިގެން 2021 އޭޕްރީލް 11 ވަނަ ދުވަހު 20:00 އެހާކަންހާއިރު އަހްސަން ގޮޅިން ބޭރަށް ނެރެފައިވާ ކަމަށެވެ. 

އަހްސަން ގޮޅިން ނެރުމަށްފަހު ކެމެރާގައި އުނގުޅާފައި ހުރި ދަތްއުނގުޅާ ބޭސް ސާފުކޮށް ކެމެރާ ބްލައިންޑް ކުރުމަށް ބޭނުންކުރާ ތަކެތި ގޮޅިން ނެރެ، އަލުން ގޮޅިއަށް ވަނުމަށް އަހްސަނަށް އަންގާފައިވާ ކަމަށާއި ނަމަވެސް، ގޮޅިއަށް ވަނުމަށް ތަކުރާރުކޮށް ނަސޭހަތްތެރި ވުމުންވެސް އެކަމަށް އަހްސަން ދެކޮޅު ހަދައި އެވަގުތު އެތަނުގައި ތިބި ފުލުހުންނަށް ތަފާތު އިންޒާރުތައް ދީފައިވާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

ސުލްހަވެރިކަމާއެކު ގޮޅިއަށް ވަނުމަށް ތަކުރާރުކޮށް ނަސޭހަތްތެރިވި ނަމަވެސް އެކަމަށް އަހްސަން އިންކާރުކޮށް، އަހްސަން ގޮޅިއަށް ވެއްދުމަށް މަސައްކަތްކުރި ފުލުހުންނަށް ނުކިޔަމަންތެރިކަން ދައްކައި ފުލުހުން ގައިގައި ޖަހައި މާރާމާރީ ހިންގުމުން ފުލުހުންވަަނީ ޕެޕަރ ސްޕްރޭ ބޭނުންކޮށް އަހުސަނު ޖަލު ސަރަހައްދުން ނެރެ ބިޑިއަޅުވާފައިވާކަމަށް ފުލުހުން ބުނެއެވެ. 

އެއަށްފަހު، އެފަދަ ކަންކަން އިތުރަށް ތަކުރާރު ނުކުރުމަށް އޭނާއަށް ނަސޭހަތްތެރިވެ، އެރޭގެ ފަހުގެ ވަގުތެއްގައި ގޮޅިއަށް ވައްދާފައިވާކަމަށް ވެސް ފުލުހުން ބުނެއެވެ. 

މިކަން ކުރުމުގައި ފުލުހުން އަމަލު ކޮށްފައިވަނީ ގާނޫނާއި ގަވާއިދާ އެއްގޮތަށްތޯ އާއި އަދި ފުލުހުންގެ ތެރޭގައި ހެދިފައިވާ އުސޫލްތަކުގެ ތެރެއިންތޯ ޕްރޮފެޝަނަލް ސްޓެންޑަރޑްސް ކޮމާންޑުން އަދި ޔޫސް އޮފް ފޯސް ރިވުއު ކޮމިޓީ އަށް ހުށަހަޅައި ދަނީ ބަލަމުންނެވެ. އަދި މިގޮތުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ފުލުހުން އަމަލުކޮށްފައިވަނީ ހަމަޖެހިފައިވާ އިޖުރާތުތަކާއި ޚިލާފަށްކަމަށްވާނަމަ އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށްވެސް ފުލުހުން ބުނެއެވެ.

ޖަލުގައި ގައިދީންނާ މެދު އަނިޔާވެރިކޮށް އަމަލުކުރަމުން ދާއިރު 2013 ވަނަ އަހަރު ރަހުމްކުޑަ ލާއިންސާނީ އިހާނެތި އަމަލު ހިންގުން މަނާކޮށް، އެފަދަ އަމަލު ހިންގުމަކީ ކުށެއް ކަމަށް ކަނޑައަޅާފައިވާ "އެންޓި ޓޯޗާގެ ބިލު" އެ ދުވަހު ޖަލްސާއަށް ހާޒިރުވި މެމްބަރުންގެ އިއްތިފާގުން ވަނީ ފާސްކޮށްފަ އެވެ.


ބިލުގައި ބުނެފައިވާ ގޮތުން ޓޯޗާއަކީ ޖިނާއީ ވަކި ކުށެކެވެ. ދިވެހިރާއްޖޭގެ ކޯޓަކަށް ހުށަހެޅޭ އެއްވެސް ބަޔާނަކީ ނުވަތަ އިއުތިރާފަކީ ޓޯޗާގެ އަމަލެއްގެ ސަބަބުން ދީފައިވާ ބަޔާނެއް ނުވަތަ އިއުތިރާފެއް ކަމުގައިވާނަމަ އެ ހެކި ކޯޓަށް ބަލައި ނުގަނެވޭނެ ކަމަށް ބިލުގައި ބުނެ އެވެ.

ބިލުގައި ޓޯޗާގެ އަމަލަކީ ކޮބައިކަން ތަފްސީލުކޮށް ބަޔާންކޮށްފައިވެ އެވެ. އެގޮތުން މާއްދީ އަނިޔާގެ ގޮތުގައި 33 ކަމެއް ބިލުގައި ފާހަގަކޮށްފައިވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ ގަޑިން ގަޑިއަށް ކާން ނުދިނުމާއި ކާންދޭންޖެހޭ ވަގުތުގައި ކާން ނުދިނުމާއި ނުވަތަ ކުނިވެފައި ހުންނަ އެއްޗެއް ކާންދިނުން ނުވަތަ އިންސާނުންގެ ކެއުމަށް ކަމުނުދާ އެއްޗެހި ކާންދިނުމާއި ޖިންސީ ގުނަވަނެއްގައި ޖެހުމާއި ހޫނުކޮށްފައިވާ އެއްޗެއް ގައިގައި ޖެއްސުމާއި އޮލަނބަށް ނެގުމާއި ނުވަތަ އޭންގަލަށް ނެގުމާއި ގަދަކަމުން ޖިމާއުވުމަކީ ވެސް މާއްދީ އަނިޔާ ކަމުގައި ބިލުގައި ބުނެފައިވެ އެވެ.

ބިލުގައި ބުނާ ގޮތުން އަނިޔާގެ އަމަލެއްގެ ސަބަބުން ހަށިގަނޑުގެ ގުނަވަނެއް ނެތި ހިނގައްޖެނަމަ އެ އަމަލެއް ހިންގި މީހަކަށް 15 އަހަރާއި 25 އަހަރާ ދެމެދުގެ މުއްދަތުގެ ޖަލު ހުކުމެއް އަންނާނެ އެވެ. އަދި ގަދަކަމުން ޖިމާއުވުމާއި ކުޑަކުއްޖަކާ އެކު އެފަދަ އަމަލެއް ކޮށްފިނަމަ ވެސް 15 އަހަރާއި 25 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަންނާނެ ކަމަށް ބިލުގައި ބުނެ އެވެ.

ގަދަކަމުން ޖިމާއުވުމުން ބުއްދި ގޯސްވެ، ނުވަތަ ދަރިން ނުލިބޭ ގޮތް މެދުވެރިވެ، ނުވަތަ ހަނދާން ނުހުންނަ ގޮތް މީހަކަށް ކުރިމަތިވެއްޖެނަމަ އެކަން ކުރި މީހަކަށް 25 އަހަރުގެ ޖަލު ހުކުމެއް އަންނާނެ ކަމަށް ވެސް ބިލުގައި ބުނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް