ads
ރޭޕްކުރުމާއި ދެކޮޅަށް ބޭއްވި މުޒާހަރާގެ ތެރެއިން--
ރޭޕް ކުރީ އުފުލައިގެން ގެންގޮސް، އާންމުންތެރޭ ބިރުވެރިކަމެއް!
މާލޭގައި އަންހެނަކު ރޭޕް ކުރަން އުޅުނު ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރު ކުރި ވާހަކައަކީ މިހާރު އެންމެ ގަދައަށް ދެކެވެމުން އަންނަ އެއް ވާހަކައެކެވެ. ހައްތަހާވެސް އާންމުންގެ ޝަކުވާ އެވެ.

މި މައްސަލައާއި ގުޅިގެން ފުލުހުން ވަނީ 18 އަހަރުގެ ދިވެހި ފިރިހެނަކާ 23 އަހަރުގެ ދިވެހި ފިރިހެނެއް، ކުށުގެ ވެށިން ހައްޔަރު ކޮށްފައެވެ. އަދި މިއަދު މި ދެމީހުންގެ ބަންދަށް ކްރިމިނަކް ކޯޓުން ފަސް ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މިހާތަނަށް މި މައްސަލައާއި ގުޅިގެން އެއްވެސް ރަސްމީ އިދާރާއަކުން އިތުރު މައުލޫމާތެއް އާންމުކޮށްފައި ނުވި ނަމަވެސް، ދިވެހި ނޫހަކުން ވަނީ "މަންޒަރު ދުށް" މީހެއްގެ ވާހަކަ ގެނެސްދީފައެވެ. 

އެގޮތުން ރޭޕްގެ ޝިކާރައަކަށްވީ އަންހެންމީހާ ރޭޕް ކޮށްފައިވަނީ، އޭނާ ހިނގާފައި ދަނިކޮށް، ދެމީހުންވެގެން އޭނާ ގަދަކަމުން އުފުލައިގެން ކައިރި ގެއަކަށް ވެއްދުމަށް ފަހު ކަމަށް އެ މީހާއާއި ހަވާލާދީ އެ ނޫހުގައި ބުނެފައިވެއެވެ. 

މިކަމާ ގުޅިގެން ދިވެހި އަންހެނުންގެ މެދުގައި ވަނީ ބިރުވެރި ކަމެއް އުފެދިފައެވެ. މިއޮށްފަދަ ރޯދަ މަހު، މަގުމަތިން އަންހެނަކު ގަދަކަމުން އުފުލައިގެން ގެންގޮސް ރޭޕް ކުރިއިރު، ދެން ތިބި އަންހެނުންނަށް މި ގައުމުގައި، މާލޭގައި އޮތް ރައްކާތެރިކަމަކީ ކޮބާތޯ އެތައް ބަޔަކު އައީ ސުވާލު ކުރަމުންނެވެ.

މުޅި ސޯޝަލް މީޑިއާ ފުރި ބަންޑުންވަމުން އެދަނީ އަންހެނުންގެ ޝަކުވާއާއި ކަންބޮޑުވުންތަކާއެކު އެވެ. ރޭ 8:10 ހާއިރު މި ހާދިސާ ފުލުހުންނަށް ރިޕޯޓު ކުރި އިރު، ގައިމު އެ ސަރަހައްދު މަގުމަތީ ބަޔަކު އުޅޭނެ ކަމީ ޔަގީން ކަށަވަރު ކަމެއް ކަމަށް އެންމެން ބުނަމުން ދިޔައެވެ. 

ގިނަ ބަޔަކު ވަނީ މާލޭ މަގުމައްޗަށް އެކަނި ނިކުންނަށް ޖެހިލުންވާ ސަބަބު މިފެންނަނީ ކަމަށް ބުނެފައެވެ. އަދި ރާއްޖޭގެ ހާލަތު މިހާރު މިވަނީ އަވަށްޓެރި އިންޑިއާގެ ހާލަތުގައި ކަމަށާއި، ހައްޔަރު ކުރި މީހުންނަށް ހައްގު އަދަބެއް ނުލިބޭނެ ކަމަށް ބުނެ އެތައް ބަޔަކު ދިޔައީ އެމީހުންގެ ކަންބޮޑުވުންތައް ފާޅު ކުރަމުންނެވެ.

ބައެއް މީހުން ފާހަގަ ކުރި ގޮތުގައި، މިސްކިތެއް ކައިރިން، ނަމާދު ވަގުތު އެފަދައިން އަންހެނަކު "ޖަހައި ގަނެގެން" ގެންދާނީ އެކަން ކުރި މީހުންނަށް ހައްގު އަދަބު ނުލިބޭނެކަން އެމީހުނަށް ކަށަވަރު ވާތީކަމަށް ބުނެފައެވެ. އަދި މިފަދަ ރޭޕް ކޭސްތަކުގައި ހައްގު އަދަބު ނުދެވޭ ކަމީ އެކަމާ ދެރަވެ ކަންބޮޑުވާ ކަމެއް ކަމަށާއި، އަދަބު ނުލިބޭނެ ކަމުގެ ޔަގީންކަން ކުށްކުރާ މީހުންނަށް އޮންނަ ކަމަށްވެސް ބައެއް މީހުން ފާހަގަ ކޮށްފައިވެއެވެ.

ކޮންމެ މީހަކުވެސް ދައްކަނީ މިހާލަތުގައި އަހަރެމެން އަމިއްލަ ރައްކާތެރިކަން ކަށަވަރު ކުރާނީ ކިހިނެތްތޯއެވެ. 

ގައިމުވެސް މިއީ ކަންބޮޑުވުން ހައްގު ކަމެކެވެ. ނަމަވެސް މިއީ އަހަރެމެންގެ އަންހެނުންނާއި އަންހެން ދަރިން ކަންކުރާ ގޮތަށާއި އެމީހުން ލާ އަންނައުނަށް ފާޑު ކިޔަންވީ ވަގުތެއް ނޫނެވެ. އަންހެނުން ރޭޕްގެ ޝިކާރައަކަށް ވަނީ ރޭޕް ކުރާ މީހުންގެ ސަބަބުންނެވެ. އެމީހުންގެ "ސުންޕާ" ވިސްނުމުންނެވެ. 

މިކަމުން މުޖުތަމައުއަށް ސަލާމަތްވެވެން އޮތީ އެފަދަ އަމަލު ކުރާ މީހުންނަށް ހައްގު އަދަބު ދެވިގެންނެވެ. މުއައްސަސާތައް ހަރުދަނާ ކުރެވިގެންނެވެ. އަހަރެމެންގެ ދަރިން ރަނގަޅު ގޮތުގައި ތަރުބިއްޔަތު ކުރެވިގެންނެވެ. އެހެންނޫނީ އަންހެނުންނަށް ރައްކާތެރިކަމެއް ނެތެވެ. މި ފެނިގެން ދިޔައީ މިކަމުގެ ސާފު މިސާލެކެވެ.

33%
ކަމުގޮސްފި
40%
އަޑުއެހިތާ މިހުރީ
27%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް