ads
އިހުމާލު
ވާހަކަ: އިހުމާލު
އަހަރެންގެ ޅައުމުރު ގެއްލުނީއެވެ. އުމުރަށް ވުރެ މާއަވަހަށް ބޮޑުވާން މަޖުބޫރުވުމުންނެވެ. ކުޅެ މަޖާކުރަންވީ ދުވަހު އަހަރެން އުޅުނީ ކުދިންބެލުމުގައި އަވަދިނެތިއެވެ. ޚުދު އަހަންނަނީ ކުޑަކުއްޖެއްކަން ހަނދާންވެސް ނުވެވިއެވެ.

އަހަރެންގެ ބައްޕައަކީކާކު ކަމެއް އަހަންނަކަށްނޭގެއެވެ. މަންމައަށް ވެސް އެކަން އެނގޭހެނެއް ހިޔެއްނުވެއެވެ. އެފަދަ ކަންކަކަމަށް އަހަމިއްޔަތުކަން ދޭ ވަރަށްވުރެ މަންމަ މާބުރައެވެ. އެކަކާ އިނދެފަ ވަރިވެފަ އަނެކަކާ އިނުމުގައި އަވަދިނެތި އުޅެނީ ދަރިން ތިބިކަމެއް ދަރިން ބަލަންޖެހޭކަމެއް ނުވެސް އެނގިއެވެ. އަަހަރެންގެ އުމުރުން  ދިހަ އަހަރުގައި މަންމަގެ ކުދިން ބަލަން ޖެހިއްޖެއެވެ. ފުރަތަމަ އެއްކުއްޖެކެވެ. އުމުރުނަ 13 އަހަރު ވިއިރު އަހަންނަކީ ތިންކުދިންގެ މަންމައެކޭ ބުންޏަސް ރަނގަޅުވާނެއެވެ. ހުރިހާކުދިން އުފަންކުރީ އަހަރެންގެ މަންމައެވެ. ނަމަވެސް ދުވަަހަކު ވެސް އެއިން ކުއްޖަކު އުރާލާ އެކުދިންގެކަމެއް ނުކުރާތާގައި ދުނިޔޭގައި ތިބިތޯވެސް ބަލައެއްނުލައެވެ. ބަލާކަށް ވަގުތެއްނުވެސް ލިބެއެވެ. މަންމައޭ ބުންޏަސް އެފަދަ މާތް ލަގަބެއް އޭނާއަކަށް ހައްގެއްވެސް ނޫނެވެ.

މަންމައަކީ ރިޒޯޓްތަކުގައި ނަށާގުރޫޕެއް ހިންގާ މީހެކެވެ. އޭނާގެ ދުނިޔެއަކީ އެއީއެވެ. ކޮންމެ ފަހަރަކު ބަނޑުބޮޑުވެ ވިހަން ކައިރިވުމުން އައިސް ވިހާފައި އަނެއްކާވެސް ކިރިޔާ އުޅެވޭވަރުވާއިރަށް ދަނީ އެވެ. ގެއަށް ވަދެލާނީ މަދުފަހަރަކުއެވެ. ގޭގެ އަނެއްބައިގައި މަންމަގެ ދައްތައެއް އުޅެއެވެ. މަންމަހިތުން ހުރިހާކުދިން ބަލަނީ އޭނާއެވެ. ނަމަވެސް އޭނާ ކުރާހާވެސް ކަމަކީ ކޮންމެ ދުވަހަކު ވެސް ބަތްތައްޓަކާއި ގަރުދިޔަ ތައްޓެއްގެނެސް މޭޒުމަތީގައި ބެހެއްޓުމެވެ. ބުއްފުޅިއާއި ބަކުން ހަދަން އަހަންނަށް ކިޔައިދިނީއޭނާއެވެ. އެހެން ހުރިހާކަމެއް ކުރީ އަހަރެން އަމިއްލައަށް ވިސްނުނު ގޮތަަކަށެވެ. ކުއްޖަކު ބަލިވެގެން ކަމެއްވިޔަސް މަންމައަކަށް ނޭނގޭނެވެ. ބޮޑުދައިތަގެ އެހީ ކޮންމެވެސް ވަރަކަށް ލިބޭނެއެވެ. ކުދިންނަށް ބޭނުންވާ އެއްޗެހި ދޭތެރެއަކުން ގެނެސް ގެއަށްވައްދަނީވެސް އޭނައެވެ. ކޮންމެ ވެސް މީހެއްއަތުން ބާ އަންނައުނާއި ބޭނުން ކުރާ ސާމާނު ގެނެސް ހާލަކުން ފަހަރަކު ދީފަނެއެވެ. އެވަރުވެސް މަންމަނުކުރެއެވެ.

ޕްރީސްކޫލަށް ފަހު އަހަރެން ދުވަހަކުވެސް ސްކޫލަކަށްނުދަމެވެ. ރާއްޖޭގައި ސްކޫލަށްނުދާކުދިން ނޫޅޭނެއޭ ޓީވީތަކުންނާއި ރޭޑިއޯ ތަކުން އަޑުއިވޭ ކޮންމެ ފަހަރަކު އަހަންނަށް ރޮވެއެވެ. އަހަރެން ވެސް މިދުނިޔޭގައި އުޅޭކަން މީހުނަށް ނޭނގެނީބާއޭ ހިތައްއަރައެވެ. އަސްލުގަ ނުވެސް އެނގޭނެއެވެ. އަހަރެންގެ ހުރިހާވަގުތެއް ހޭދަކުރަނީ ކުޑަ އެޕާޓްމަންޓެއްގެ ހަތަރު ފާރު އެތެރޭގައެވެ. 24 ގަޑިއިރު އަވަދިނެތި އުޅެނީ ކުދިންބެލުމުގައެވެ. އެނގި ދަސްވާއެއްޗެއް ދަސްވަނީ ޓީވީ.އާއި ރޭޑިއޯ އިންނެވެ.

އެގޮތަށް ގަނަތެޅެމުން އުޅެއުޅެ ދުވަސްތަށް ފާއިތުވަމުން ގޮސް އަަހަރެންގެ އުމުރުން 16 އަހަރުވިއެެވެ. މަންމައަށް އަހަރެން ފެނުނީ އެހިސާބުންނެވެ. އަލަން ލިބުނު ލޯބިވެރިޔާއާއި އެކު މަންމަ ގެއަށް އައިސް އުޅުނު ދުވަސްކޮޅެކެވެ. އަސްލުގަ އަހަރެން ފެނުނީ މަންމައަކަށް ނޫނެވެ. މަންމަގެ ލޯބިވެރިޔާއަށެވެ. އެދެމީހުން ގެއަށް އައުމުން ކުދިން ގޮވައިގެން އަހަރެން ނިދަންޖެހުނީ ސިޓިންގ ރޫމްގައެވެ. އެއްރެއަކު ހޭލެވުނީ ފައިގައި މީހަކު އަތްލުމުންނެވެ. އެފިރިހެންމީހާގެ ނިޔަތް އަހަންނަށް ވަރަށް ރަނގަޅަށް އެނގުނެވެ. އެރޭ އަހަރެން އޭނާގެ އަތްދަށުން ސަލާމަތްވީމެވެ. އެކި ގޮތްގޮތުން އުޅެގެން ވެސް އޭނާއަށް އެކަން ކާމިޔާބުވިޔަނުދިނުމުން ދެން ބޭނުންކުރީ ތަފާތު އުކުޅެކެވެ. މަންމަގެ ބޮލަށް ސަވާރުވީއެވެ. އަހަރެން ނަަށާގުރޫޕުގައި ބައިވެރިކޮށްގެން އެމީހުނާއި އެކު ގެންދިއުމަށް މަންމައަށް ހިޔާލުދިނީ އޭނާއެވެ. އެހިސާބުން މަންމައަށް ވެސް އަަހަރެން ފެނުނީއެވެ. ހަޔާތުގައިވެސް އަލަށް އަހަންނާއި ސިދާ ސީދަލަށް އަނގައިބުނެ ވާހަކަދައްކަން ފެށީއެހިސާބުންނެވެ.

އަހަރެން އެކަމާދެކޮޅުހެދީމެވެ. އަހަރެން ގޮއްސިއްޔާ ކުދިން ބަލާނެ މީހަކު ނުހުންނާނެ ކަމުގައި ބުނީމެވެ. އެއީ މުހިންމެ ކަމެއްކަމުގައިނުވިއެވެ. އެމީހުން އަހަންނަށް ނަށަން މަޖުބޫރުކުރުވިއެެވެ. ބިރުދައްކައިގެންނެވެ. އަދި އެމީހުނާއި އެކު އަހަރެން ގެންދަން އުޅުނެވެ. ހައަަހަރާއި ތިން އަހަރާ ދެމެދުގެ ތުއްތު 3 ކުދިން އެކަނި ދޫކޮށްލާފައި ދިއުމަކީ އަހަންނަށް ކުރެވޭވަރުކަމަށްނުވިއެވެ. އަހަރެން ގަދަހެދީމެވެ. އެފިރިހެންމީހާ ބާރުގެ ބޭނުންކުރިއެވެ.

އަމިއްލަ ނަފްސުގެ ދިފާއުގައި އަހަރެން ހަނގުރާމަކުރީމެވެ. ގަދަހަދާ ކޮންމެ ފަހަރަކު އެމީހުން އަހަންނަށް އަނިޔާކޮށް ހަދައެވެ. ނަމަވެސް އަހަރެން ހިތްވަރުކުރީމެވެ. އަހަރެން ބަދިގޭގައި ހުއްޓާ އެފިރިހެންމީހާ އައިސް އަހަރެންގެ އަތުގައި ހިފާ ޖެހިލައްކަކާއި އެކު މެޔާލާފިއްތާލިއެވެ. އަހަރެން ބަލާކަށް ނުހުރެ، ވިސްނާލުމެއްނެތި އަތުގައި އޮތް ވަޅި އޭނާގެ ކޮނޑަށް އަމާޒުކޮށްލީމެވެ.

ބާރު ހަޅޭކަކާއި އެކު އޭނާ ބިންމައްޗައް ވެއްޓުނެވެ. ކުރެވުނު ކަންތައް އިހުސާސްވީ ލޭތަައް އޮހޮރިގަތްތަން ފެނުމުންނެވެ. އަހަރެން ބިރުން ތުރުތުރުއަޅައިގެންދިޔައެވެ. މަންމަ ނިކުތެވެ. ހަޅޭލަވަމުން ތެޅިފޮޅެމުން ކޮޅުކޮޅަށް ދުވަންފެށިއެވެ. އެއަޑުއިވި މަންމަގެ ތައްދަ އައެވެ. އެމްބިއުލާންސްއަށް ގުޅީއޭނާއެވެ.  

އަހަރެންގެ ނަސީބުކަމެއް ބަދު ނަސީބުކަމެއްނޭނގެއެވެ. އެމީހާމަރެއްނުވެއެވެ. ނަމަވެސް މައްސަލަބެލެންފެށިނެވެ. ގަސްތުގައި މީހެއްގެ ފުރާނައަށް ނުރައްކަވާފަދަ އަމަލެއް ކުރުމުގެ ދައުވާ އަހަރެންގެ މައްޗައްއުލުފުލުނެވެ. މައްސަލައިގެ ތެރެއިން އެތައް މައްސަލައެއް ފެންމަތިވިއެވެ. ކޮއްކޮމެން ދައުލަތުގެ ބެލުމުގެ ދަށަށްގެންދެވުނެވެ. ގޭތެރެއިންނާއި ހަށިގަނޑުން  މަސްތުވާތަކެތި ފެނި، ޕޮސިޓިވް ވުމުން މަންމަ ޖަލަށްގެންދެވުނެވެ.  ނޫސްވެރިން އައިސް ގެވަށާލިއެވެ. އެކިމީހުން އެކިވާހަކަ ހަދައިދެން ވެސް ފަތުރަންފެށިއެވެ. މުޅިރާއްޖޭގެ ސަމާލުކަމަށް އެކަންއައެވެ. ގޯސްވީ އަހަންނެވެ. މީހަކު މަރަންއުޅުމުންނެވެ. ސްކޫލަށް ނުގޮސް ބޮޑުވެފައި ހުރުމުންނެވެ. އަށާރައަރު ފުރުމުން އަހަރެންގެ މައްޗައްވެސް ހުކުމެއް އަންނާނެއެވެ. ނަމަވެސް ކުށްކުރީ އަހަރެންހެއްޔެވެ. މުޅިހަޔާތުގައި ތުއްތު ކުދިންތަކަކަށްތަކާއެކު ވީ ގުރުބާނީ އެކަކަށްވެސް ނުފެނުނެވެ. އަަހަރެންގެ ހައްގުތައް ކޮބާހެއްޔެވެ. އަހަންނާއި މެދު އިހުމާލުވެވިފައިވާކަން ދުނިޔެއަކަށް ނޭގުނެވެ. ލޭބަލްކުރެވުނީ އަހަންނެވެ. އިހުމާލުވީ ކާކު ނުވަތަ ކޮންބައެއްހެއްޔެވެ. – ނިމުނީ -

     

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް