ads
ޝަކުވާ
ސިންކުގެ މައްޗަށް އަރާފައި ކުޑަދޮރު ހުޅުވާލަން މަކުޑިގަނޑަށް ދަމާލި ވަގުތު ނަވްޔާގެ ފައި ކައްސާލައިގެން ވެއްޓެން ދާން ފެށިއެވެ. އެ ވަގުތު ނަވްޔާގެ ހަޅޭކުގެ އަޑު ފާޚާނާއިގެ ތެރެއަށް ފެތުރިގެން ދިޔައެވެ.
ޝަކުވާ(8 ވަނަ ބައި)

ސިންކުގެ މައްޗަށް އަރާފައި ކުޑަދޮރު ހުޅުވާލަން މަކުޑިގަނޑަށް ދަމާލި ވަގުތު ނަވްޔާގެ ފައި ކައްސާލައިގެން ވެއްޓެން ދާން ފެށިއެވެ. އެ ވަގުތު ނަވްޔާގެ ހަޅޭކުގެ އަޑު ފާޚާނާއިގެ ތެރެއަށް ފެތުރިގެން ދިޔައެވެ.

ވެއްޓި ޖެހުނު ގޮތުން ބޮލަށް އެރި ތަދާ އެކު ނަވްޔާއަށް ތަންތަން ފުސްވާން ފެށިއެވެ. ހަމަހޭވެރިކަން ނެތެމުން ދަނިކޮށް ބަޔަކު އައިސް ދޮރު ހުޅުވައިލިކަން އެނގުނެވެ. ބާރުގަދަ އަތަކުން ނަވްޔާ އުފުލާލައިގެން ގެންދަން ފެށުމުން ރައްކާތެރިކަން އިހުސާސް ކުރެވުނެވެ.

"ނައްޔަ! ލޯ ހުޅުވަބަލަ." އޯގާތެރި ބަރު އަޑެއް ނަވްޔާގެ ކަންފަތުގައި ޖެހުނެވެ.

މަންމަ ލޯބިން ނަވްޔާއަށް ގޮވާ ނަމުން ގޮވީ ކާކުތޯ ބަލަން ނަވްޔާ ބޭނުން ވިއެވެ. އެސްފިޔަތައް ތަޅުވާލާފައި ލޯ ހުޅުވޭތޯ މަސައްކަތް ކުރިއެވެ. ނަމަވެސް ކާމިޔާބެއް ނުވިއެވެ. މޫނު މައްޗަށް އަނދިރިވެ ދެން ވީނުވީއެއް ނޭނގުނެވެ.

އެރޭ ހޭވެރިކަންވި އިރު ނަވްޔާ އޮތީ ސިއްހީ މަރުކަޒުގައެވެ. ހެދުން ބަދަލުކުރުވާ މަރުކަޒުގެ ހޮސްޕިޓަލް ހެދުމެއް ލައްވާފައެވެ. ބޮލުގައި ރިހޭ ވަރުން އަތް ޖައްސާލިއިރު ބެންޑޭޖް އަޅާފައިކަން އެނގުނެވެ. އެނދު ކައިރީގައި ހުރި ގޮނޑީގައި ތާއްޔާ ޖެިހިޖެހި އަޒްކާ އިނެވެ. ނަވްޔާ ހޭއެރުމުން އަޒްކާގެ މޫނުމަތިން ކަންބޮޑުވުން ފިލިއެވެ. އަޒްކާއަކަށް ވެސް ނަވްޔާ ގެނައީ ކާކުކަމެއް ނޭނގުނެވެ. ކަމެއް ވެގެން އުޅޭކަން އަޒްކާއަށް އެނގުނީ ރޫނާ އައިސް އެ ވާހަކަ ބުނުމުންނެވެ. ކަންތައް ވީ ގޮތް ކިޔައިދީފައި ރޫނާ މަޢާފަށް އެދުނު ކަމަށް އަޒްކާ ބުންޏެވެ. އަދި ފަހުން ވީ ގޮތް ވެސް ރޫނާ ކިޔައިދިން ވާހަކަ ބުންޏެވެ.

އެ ރޭ ފާޚާނައިގެ ދޮރު ނުހުޅުވާ ހުޔޫންމެން ދިޔުމުން ރޫނާ ވެސް ގެއަށް ދާން ހިނގައިގަތެވެ. ނަމަވެސް ވަކި ހިސާބަކުން އަނބުރާލައިފައި ސްކޫލަށް ދިޔައީ އެހެން ހަދަން އަމިއްލަ ޟަމީރު އެއްބަސް ނުވީތީއެވެ. ނަވްޔާ އެ ހާލަށް ދޫކޮށްލާފައި ލޮލު ފިޔަ ނުޖެހޭނެކަން އެނގޭތީއެވެ. ފާޚާނާއިގެ ތެރޭގައި ނަވްޔާ ވެއްޓި، ބޯ ފަޅައިގެން ގޮސްފައި އޮތް ތަން ފެނިފައި ރޫނާ އަވަސްވެ ގަތީ އެހީ ހޯދުމަށެވެ. ދުވެފައި ސްކޫލް ހޯލަށް ވަންތަނުން ހައްޔާނާއި ދެތިން ކުއްޖަކު ފެނިގެން އެމީހުން ގާތު ބުނުމުން ލަސްނުކޮށް އެ މީހުން ފާޚާނާއާ ދިމާއަށް ދިޔައެވެ. ރޫނާ ދުއްވައިގަތީ އަޒްކާއަށް އެ ޚަބަރު ދިނުމަށެވެ. އަޒްކާއަށް ގުޅައިގެން ވެސް ފޯނު ނުނެގީތީ އެވެ. ސްކޫލްދޮށަށް އަޒްކާއަށް ދެވުނު އިރު ނަވްޔާ ސިއްހީ މަރުކަޒަށް ގެންގޮސްފިއެވެ.

ޢޭގެ އަނެއް ދުވަހު ސިއްޙީ މަރުކަޒުން ނަވްޔާ ދޫކޮށްލިއެވެ. ގެއަށް ވަންތަނުން އެންމެ ފުރަތަމަ ވެސް ދިމާވީ ނަސީމާއާއެވެ. ހަމްދަރުދީގެ ބަދަލުގައި މި ފަހަރު ވެސް ނަވްޔާއަށް ކުރިމަތިލާން ޖެހުނީ ނަސީމާގެ ވިހަގަދަ ބަސްތަކާއެވެ. އެ ގޮތަށް ދިމާވީ ނަވްޔާ ފެންވަރު އޮޅިގެން އުޅުނީމަ ކަމަށް ބުނެ އެއްޗެހި ގޮވިއެވެ. ނަސީބަކުން އަޒްކާ ނުރުހިގެން އެއްޗެއް ބުނުމުން އިތުރު އެއްޗެއް ނުބުނެ ނަސީމާ އެތެރެއަށް ވަނެވެ.

އެ ރޭ ލައިގެން ހުރި ހެދުން ދޮންނަންވެގެން ނަވްޔާ އެ ހެދުން ކޮތަޅުން ނެގިއެވެ. ކިލާވެފައިވާ ހެދުން ފެނުމުން އެ ރޭގެ ހާދިސާ މަތިން ހަނދާންވެ ހިތުގައި ޖެހުނެވެ. ފެންކަޅިވެފައި ހުރެ، ދޮންނަމެޝިނަށް ހެދުން ލާން އުޅުނު ވަގުތު ފިރިހެން ކުދިން އަތުގައި އަޅާ ކަހަލަ ޗޭނުކޮޅެއް ހެދުމުގައި ހަރުލާފައި ވަނިކޮށް ނަވްޔާއަށް ފެނުނެވެ. ނަވްޔާ ގެ ހިތް ތެޅެން ފެށި އެއީ ކާކުގެ އެއްޗެއްކަން ފަހުމު ވުމުންނެވެ.

އެރޭ ހައްޔާނާ ވާހަކަ ދެއްކި އިރު ހައްޔާންގެ އަތުގައި ޗޭނުކޮޅު އަޅާފައިވާ އޮތް ތަން ފެނުނު ހަނދާންވިއެވެ. އެހެންވީމާ ސިއްހީ މަރުކަޒަށް ނަވްޔާ ގެންދިޔައީ ހައްޔާންތާއެވެ. ނަވްޔާ އުފުލުމުގެ ތެރޭގައި ހައްޔާންގެ އަތުން ޗޭނުކޮޅު ނެއްޓި ނަވްޔާގެ ހެދުމުގައި ހަރުލާފައި އޮތީ ކަންނޭނގެއޭ ނަވްޔާ ހިތަށްއެރިއެވެ. މަޑުމަޑުން ޗޭނުކޮޅު ނައްޓައިލުމަށްފަހު ނަވްޔާގެ މެއާ ކައިރި ކޮށްލެވުނީ ބޭ އިޚްތިޔާރުގައެވެ. ހައްޔާނުގެ މުލައްދަނޑިން އެރޭ ލިބުނު ރައްކާތެރިކަމާ ހިމާޔަތް އިހުސާސް ކުރެވި ލުއިލުއި ހިނިތުންވުމެއް ތުންފަތަށް ވެރިވިއެވެ. އާ ވިންދެއް ހިތުގައި ޖަހަން ފެށީހެން ހީވިއެވެ. އެ ޗޭނުކޮޅު އަނބުރާދީފައި، ހައްޔާނަށް ޝުކުރުއަދާކުރާނެ ގޮތަކާ ދޭތެރޭ އެތައް އިރަކު ވިސްނިއެވެ. ނަމަވެސް އެ ފުރުޞަތެއް ނަވްޔާއަކަށް ނުލިބުނެވެ. ހަފްތާއެއްގެ ފަހުން ހައްޔާނާއި ހުޔޫން ކިޔަވަން މާލެ ދިޔަ ޚަބަރު ލިބުނީ އަޒްކާގެ ފަރާތުންނެވެ.

ފާއިތުވެގެން ދިޔަ ދުވަސްކާ އެކު ހައްޔާނާ މެދު ނަވްޔާގެ ހިތުގައި އުފެދުނު އިހުސާސްތައް ވަޅުޖެހުނެވެ. އަލުން އެނބުރި ނަވްޔާގެ ޙަޔާތަށް ހައްޔާން އައީ އެކަމަށް އުންމީދު ވެސް ނުކޮށް ހުއްޓައެވެ. ނަމަވެސް ހައްޔާންގެ ކަތި ނަޒަރުތަކުންނާއި އަމަލުތަކުން އެ އިހުސާސްތައް އަލުން ހޭލައްވާލުމުގައި ކާމިޔާބު ހޯދައިފިއެވެ. އެ އިހުސާސްތަކުން ކުރިފަޅައިގެން އުންމީދުގެ ދަންމަރުން ހިތްއަލި ކުރެވުނީ އަމިއްލަ އިހްތިޔާރުން ބޭރުގައެވެ.

ޚިޔާލުތަކުގެ ތެރޭގައި އޮއްވަ ނަވްޔާއަށް ނިދި ޖެހުނު އިރެއްވެސް ނޭނގުނެވެ. ހޭލެވުނީ ފަތިސް ނަމާދުގެ ބަންގީގެ އަޑަށެވެ. އޭރު ފޯނުން ވެސް މެދު ނުކެނޑި އެލާމްވެއެވެ. ރޭގައި ހަމަ ނިދި ނުލިބުމުން ބޮލަށް ބަރުވެ، ހަށިގަނޑު ލޮނޑުވެފައިވީ ނަމަވެސް ތެދުވެ ފެންވަރާލުމުން ހަމައަކަށް އެޅުނެވެ. ނަމާދުކޮށް ނިމިގެން ޤުރުއާން ކިޔަވަން އިނދެފައި ނަވްޔާ ބޭރަށް ނުކުތީ އިރު އަރަން ކައިރި ވުމުންނެވެ.

ގޯތި ތެރެ ކުނިކަހާ ހަދާފައި ބަދިގެއަށް ވަދެ ސައި ހަދާ ނިމުނު ތަނުން ލޯ އުނގުޅަމުން އަޒްކާ އައިސް ވަނެވެ.
"ނަވް، ސޯ ސޮރީ އިނގޭ، ރޭނގައި ފިލްމް ބަލާފައި ބިރުން ނުނިދިގެން އުޅެ އުޅެފަ ނިދުނީ ވަރަށް ލަހުން. އެހެންވެ ނުހޭލެވުނީ." އަޒްކާ ބުންޏެވެ.

"އަދި ވެސް ބިރުވެރި ފިލްމު ބަލާތި." ހީނލަމުން ނަވްޔާ ބުންޏެވެ.

"ހިނގާބަލަ އަނެއްކާ ވެސް އެއްރެއަކުން ފިލްމު ބަލަން." ހިނިއައިސްފައި ހުރެ އަޒްކާ ބުނެލިއެވެ.

"ތި އުޅެނީ އަނެއްކާ ވެސް ނަވްޔާއަށް ލަނޑެއް ދޭންތަ؟ ކުރީ ފަހަރު ވީ ގޮތް ހަނދާން ނެތުނީތަ؟" އިމާޒުގެ އަޑު އިވުނެވެ.

ނަވްޔާ ފަހަތް ބަލައިލިއިރު ކޮފީޖޯޑު ހިފައިގެން އިމާޒު ހުއްޓެވެ.

"ތުއްތޭއަށް ކިހިނެއް އެނގުނީ." ލޯ ހަނިކޮށްލަމުން އަޒްކާ އެހިއެވެ.

"ތުއްތޭއަށް އެނގޭނެ ހުރިހާ ކަމެއް ވެސް." އަޒްކާގެ ބޮލުގެ ފުށްކިބައިގައި ޖަހާލަމުން އިމާޒް ބުންޏެވެ.

"އެނދު ތަންދޮށުގައި އޮތީ ކާކުކަން ވެސް އެނގޭ." ކޮފީ ތަށި ސިންކުގައި ބަހައްޓާފައި ހިނގައިގަންނަމުން ހެވިފައި ހުރެ އިމާޒު ބުނެލިއެވެ.

ހައިރާންވެފައި އިމާޒަށް ބަލަން ނަވްޔާއަށް ހުރެވުނެވެ.

އިމާޒު އެ ދައްކަނީ ބިރުވެރި ފިލްމެއް ބަލަން އަޒްކާގެ ކޮޓަރިއަށް ނަވްޔާ ދިޔަ ރެއެއްގެ ވާހަކައެވެ. ނަސީމާއްތަ ނިދާހާއިރު ކޮށްފައި ނަވްޔާ އެ ކޮޓަރިއަށް ދިޔައީ އަޒްކާ ކިޔާވަރުންނެވެ. ފިލްމު ބަލަން ތިބެފައި ބިރުވެރި މަންޒަރެއް ދައްކަން ފެށުމުން ހަޅޭއްލަވައިގަނެވުނީ ދެ ކުދިންނަށް އެއްފަހަރާއެވެ. ނަސީބު ދިމާ ކުރި ގޮތުން އެ ވަގުތު ވީ ނަސީމާ ފެންބޯން ވެގެން ކޮޓަރިން ބޭރަށް ނުކުތް ވަގުތުކާއެވެ. ހަޅޭކުގެ އަޑަށް ނަސީމާ ގޮސް އަޒްކާގެ ކޮޓަރީގައި ޓަކިޖެހިއެވެ. އެ ކޮޓަރިން ނަވްޔާ ފެނިއްޖެނަމަ ރުޅި އަންނާނެ ކަން އެނގޭތީ ނަވްޔާ އަވަސްއަވަހަށް އެނދު ތަންދޮށަން ވަނުމުން ޓީވީ ގެ އަޑު މަޑުކޮށްފައި އަޒްކާ ގޮސް ދޮރު ހުޅުވިއެވެ.

"ކިހިނެއްވީ؟" ކަންބޮޑުވެފައި ނަސީމާ އަހައިލިއެވެ.

"ކަމެއް ނުވޭ މަންމާ، ބިރުވެރި ފިލްމެއް ބަލަނީ." އަޒްކާ އަވަސްއަވަހަށް ބުންޏެވެ.

"އެހެން މީހަކު ހަޅޭއްލެވިހެން ވެސް ހީވި." ޝައްކުގެ ނަޒަރަކުން ދެފަރާތް ބަލަމުން ނަސީމާ އައިސް އެނދުގައި އިށީނެވެ.

"މަންމާ، އެއީ ފިލްމުގައި އުޅޭ ކުއްޖާއޭ، ދެން މަންމަ ދޭ އަވަހަށް ނިދަން." ނަސީމާ ފޮނުވާލެވޭތޯ އަޒްކާ ބެލިއެވެ.

ނަމަވެސް ނަސީމާ ދާނެ ފިކުރެއް ނުކުރިއެވެ. ޓީވީއަށް ކަޅި ހުއްޓާލިގޮތަށް ފިލްމުގެ ތެރެއަށް ގެއްލި ހުސްވެއްޖެއެވެ. މަންމަ ވެސް ފިލްމު ބަލާނަމޭ ކިޔާފައި ރަނގަޅަށް އެނދުގައި ހަމަޖެހިލިއެވެ. ހަނދާނެ ގޮތެއް ނޭނގިފައި އަޒްކާއަށް އިނދެވުނީއެވެ. އޭރު ނަވްޔާގެ ހިތް ހީވަނީ މޭފަޅާފައި ނުކުމެދާނެހެންނެވެ. ހަނި ދޭތެރެއެއްގައި އޮންނަން ހަދައިގެން ދާހިތްލާ ފޯވަމުން ދިޔައެވެ. ފިލްމު ނިމެންދެން އޮންނަން ޖެހޭނީ އެތާއޭ ހިތަށްއެރި ތަނުން ނަސީބަކުން ގެއިން ކަރަންޓު ދިޔައެވެ. އިރުކޮޅެއްވީ އިރު ވެސް ކަރަންޓު ނައުމުން، ބޮޑު ޗޮކެއް ކަނޑާފައި ނަސީމާ ނުކުމެގެން ދިޔުމުން ނަވްޔާ ތެދުވެ ކޮޓަރިއަށް ދިޔައެވެ. އަޒްކާގެ ކޮޓަރި ކައިރިން ހިޔަންޏެއް ފެނުނު ހެން ވެސް ނަވްޔާއަށް ހީވިއެވެ.

"އެ ރޭ ކިރިޔާ ދޯ ސަލާމަތްވީ." އަޒްކާ ވެސް ހަނދާން އާ ކުރަމުން ހިނިއައިސްފައި ބުންޏެވެ.

ނަވްޔާ ބޯ ޖަހައިލިއެވެ. ގޭ އެންމެން ސައިބޮއި ނިމުމުން ތަށިތައް ނަގަން އުޅުނު އިރު ނަވްޔާ ނެގިމަޑުވެފައި ހުންނަކަން އަޒްކާއަށް ފާހަގަ ކުރެވުނެވެ.

"ނަވް، ކިހިނެއްވެފަ ތި ހުންނަނީ؟ މަންމަ އަނެއްކާ ކަމެއް ކުރީތަ؟ ނޫނީ އެއްޗެކޭ ބުނީތަ؟" އަޒްކާ އަހައިލިއެވެ.

"ނޫން. މިއަދު މި އުޅެނީ ބޮލުގައި ރިއްސާތީ." ނަވްޔާ ބުންޏެވެ.

ރޭގެ ވާހަކަތައް ބުނެގެން ނަސީމާ ދެކެ އަޒްކާ ރުޅި އަންނާކަށް ނަވްޔާ ބޭނުމެއް ނޫނެވެ. މިވީ ހާ ތަނަށް ދުވަހަކު ވެސް ނަވްޔާގެ ދުލުން ނަސީމާގެ އެއްވެސް ޝަކުވާއެއް ބޭރުކޮށްފައި ނުވާތީ ދެން ވެސް ނުކުރާނެކަން އަޒްކާއަށް ވެސް އެނގެއެވެ. ޤަބޫލު ނުކުރެވިފައި ހުރީ އެހެންވެއެވެ.

"އެހެންތަ؟ ދެން އެހެންވިއްޔާ ދޭ އޮށޯވެލަން. އަހަރެން މެންދުރަށް ކައްކާފާނަން." އިރުކޮޅަކު ހުރެލާފައި އަޒްކާ ބުންޏެވެ.

އެ ވަގުތު ފަހަތުން އިމާޒު ހީނގަތް އަޑު އިވުނެވެ.

"އަސްތާ، ދެން އެހެން ވެއްޖިއްޔާ މި އަދު ކާން ޖެހޭނީ ބޭރުން. އެހެން ނޫނީ މަރުކަޒުގައި އެޑްމިޓްކުރަން ޖެހިދާނެ." ބަދިގެއަށް ވަދެގެން އައި އިމާޒު އަޒްކާއާ ބެހިލިއެވެ.

"އައްދޭ، މިހާރު އަހަރެންނަށް ކައްކަން އެނގެއޭ. ނަވް ކައިރިން ދަސްކޮށްފިން." އަޒްކާ ދެރަނުވާންވެގެން ބުންޏެވެ.

"އެހެންތަ؟ ތިބުނާ މީހަކަށް ކައްކަން އެނގޭނަމައެއް ނު. ރަނގަޅަށް ނުކެވޭތީ އަހަރެން މިހިރަ ހިކި އަނަރޫފަ ވަނީ. ކިތަންމެ ނުބަޔަސް ޖެހޭނީ ކާކަށް ނު. މިއަދު ވެސް މަސްހުންޏަށް ލޮނު އެތި އޮއްސާލީ ކަންނޭގެ." ނަވްޔާއަށް ދިމާއަށް ބަލައިލައިފައި އިމާޒު ބުންޏެވެ.

އެހެން ދުވަސް ދުވަހު ވެސް އިމާޒު ނަވްޔާއާ ބެހި ޖެއްސުންކޮށް ހަދައެވެ. ނަވްޔާ އަބަދުވެސް ރުޅި އައިސްގެން ރައްދު ދެއެވެ. ނަމަވެސް މިފަހަރު ނަވްޔާގެ ލޮލުން ފެނުނީ ރިހުމެވެ. ލޯ ފުރިގެން އައި ކަރުނަތައް ދެންމެދެންމެ ފައިބަން ފަށާނެހެން ހީވުމުން ނަވްޔާ އަވަސްއަވަހަށް ކޮޓަރިއަށް ދާން ހިނގައިގަތެވެ.

"އަޅޭ. ތުއްތުބޭ ހާދަ ގޯހޭ. ނަވްޔާ އެ ދިޔައީ ދެރަވެގެން." އިމާޒްއާ ދިމާއަށް ލޯ އަޅާލަމުން އަޒްކާ ބުންޏެވެ.
ނަވްޔާގެ ފަހަތުން އަޒްކާ ދިޔުމުން ބޮލުގައި އަމިއްލައަށް އިމާޒް ޖަހައިލިއެވެ.

އެރޭ ބަދިގޭގެ މަސައްކަތް ތަންކޮޅެއް އަވަހަށް ނިންމާލުމަށް ފަހު ނަވްޔާ ކޮޓަރިއަށް ވަނީ ނަސީމާގެ އިންޒާރުތައް ހަނދާން ހުރީތީއެވެ. ހިތުގެ އެދުމަށް އިޖާބަ ދޭން ކިތަންމެ ބޭނުން ވިޔަސް އެއީ ނުވާނެ ކަމެއް ކަން ނަވްޔާއަށް ވެސް ވިސްނެއެވެ. އުޑުގައި ދައުރު ވާ ވިލާތައް ފަދައިން ހިތުގެ އެ އެދުމަކީ މަންޒިލެއް ނެތް އުންމީދުތަކެކެވެ. ދުވަހަކުވެސް ފުރިހަމަ ނުވާނެ ކަން ނަވްޔާއަށް ޤަބޫލު ކުރެވެއެވެ. ނަސީމާ ބުނިހެން ކުލަ ރީތި ހުވަފެން ދުށުމުގެ ހައްޤެއް އޭނާއަކަށް ނެތެވެ.

ނިދަން ތައްޔާރު ވެގެން އައިސް އޮށޯތުމާ އެކު ހައްޔާނުގެ ހަނދާންތައް ނަވްޔާގެ ހިތަށް ގޯނާކުރަން ފެށިއެވެ. ދެ ލޯ މަރާ ތަގުޅިކޮށްލަމުން ބޯ ހޫރުވައިލީ ހިތަށް ސިފަވަމުން ދިޔަ ހައްޔާންގެ ހިތްގައިމު ސޫރަ ފިލުވައިލެވޭތޯއެވެ. ކޮންމެ ގޮތެއް ހަދައިގެން ނަމަވެސް ހިތުގެ މައްޗަށް ނަވްޔާ ބާރު ފޯރުވާނެއެވެ. ނަސީބަކުން ކުރީ ރޭ ރަނގަޅަށް ނިދި ނުލިބޭތީ ދާދި ފަސޭހައިން ނިދީގެ ތެރެއަށް ނަވްޔާ ބެހިގެން ދިޔައެވެ.

ދޮރުގައި މަޑުމަޑުން ޓަކިޖަހާ އަޑަށް ނަވްޔާއަށް ހޭލެވުނެވެ. ގަދަކަމުން ލޯ ހުޅުވައިފައި ބަލައިލިއިރު ގަޑިން ބާރަޖަހަނީއެވެ. މި ގަޑީގައި ކާކު ބާވައޭ ހިތަށްއަރާފައި ނަވްޔާގެ ނިދި ފިލިއެވެ.

(ނުނިމޭ)
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް