ads
ނޫސްވެރިން ކުރިން ބޭއްވި މުޒާހަރާއެއް-- ފޮޓޯ: އަވަސް
ޕްރެސް ފްރީޑަމް އިންޑެކްސްގައި ރާއްޖެއަށް ހަތް ދަރަޖައިގެ ކުރިއެރުމެއް
ނޫސްވެރިކަމުގެ މިނިވަންކަން ދަރަޖަ ކުރާ ޕްރެސް ފްރީޑަމް އިންޑެކްސް 2021 ގައި ރާއްޖެއަށް ހަތް ދަރަޖައިގެ ކުރިއެރުމެއް ލިބިއްޖެއެވެ.

ރިޕޯޓާސް ވިތައުޓް ބޯޑާސް އިން އާންމު ކުރި މި އިންޑެކްސްގައި ހަތް ދަރަޖައިގެ ކުރިއެރުމަކާއެކު މިހާރު ރާއްޖެ އޮތީ 72 ވަނައިގަ އެވެ.

މިދިޔަ އަހަރު މި އިންޑެކްސްގައި ރާއްޖެ އޮތީ 79 ވަނައިގައެވެ. އަދި މިއީ 2010 ވަނަ އަހަރަށް ފަހު ރާއްޖެއަށް ލިބުނު އެންމެ ރަނގަޅު ވަނައެވެ.

ރިޕޯޓާސް ވިތައުޓް ބޯޑާސް އިން ބުނިގޮތުގައި، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ރާއްޖޭގެ ނޫސްވެރިކަން ވަނީބޮޑުތަނުން ފަހަތަށް ޖެހިފައެވެ.

އެގޮތުން 2013 ވަނަ އަހަރު ޕްރެސް ފްރީޑަމް އިންޑެކްސް ގައި ރާއްޖެއުޅުނީ 103 ވަނައިގައެވެ. ޖެހިގެން އައި 2014 ވަނަ އަހަރު އެއަދަދު 108 އަށް ވެއްޓިފައިވާއިރު، 2015 އަދި 2016ގައި ޕްރެސް ފްރީޑަމް އިންޑެކްސް ގައި ރާއްޖެ އުޅުނީ 112 ގައެވެ. 

އޭގެފަހުން 2017 ގައި ރާއްޖެވަނީ ޕްރެސް ފްރީޑަމް އިންޑެކްސް ގެ 117 ވަނައަށް ވެއްޓިފައެވެ. އަދި 2018 ގައި ރާއްޖެ އޮތީ 120 ވަނަ ދަރަޖައިގައެވެ.

ނަމަވެސް ރައީސް ސޯލިހު ވެރިކަމަށް އައިސް، 2019 ވަނަ އަހަރު ޕްރެސް ފްރީޑަމް އިންޑެކްސް ގައި ރާއްޖޭއިން ވަނީ ބޮޑު ކުރިއެރުމެއް ހޯދާފައެވެ. އެގޮތުން އެ އަހަރު ޕްރެސް ފްރީޑަމް އިންޑެކްސް ގައި ރާއްޖެ އޮތީ 98 ވަނައިގައެވެ. އަދި ނިމިދިޔަ 2020ގައި ޕްރެސް ފްރީޑަމް އިންޑެކްސް ގައި ރާއްޖެ އޮތީ 79 ވަނައިގައެވެ. 

ރައީސް ސޯލިހު ވެރިކަމަށް އައުމަށް ފަހު، ރައީސް ޔާމީނުގެ ސަރުކާރުން ނޫސްވެރިންނާއި ދެކޮޅަށް ހަތިޔާރެއްގެ ގޮތުގައި ގެންގުޅުނު އަބުރުގެ ގާނޫނު އުވާލުމުން ދިވެހި ނޫސްވެރިކަމަށް ބޮޑު ކުރިއެރުމެއް ލިބިފައިވާ ކަމަށް ރިޕޯޓާސް ވިތައުޓް ބޯޑާސް އިން ވަނީ ފާހަގަ ކޮށްފައެވެ.

ނަމަވެސް އަދިވެސް ރާއްޖޭގެ ނޫސްވެރިކަމުގެ ދާއިރާގައި ބޮޑެތި ކަންބޮޑުވުންތަކެއް ހުރިކަމަށާއި، ގެއްލުވާލާފައިވާ މިނިވަންނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން އަދި އަނިޔާވެރި ގޮތަކަށް މަރާލި ބްލޮގަރު ޔާމީން ރަޝދުގެ މަރުގެ މައްސަލަ ކޮޅެއްގައި ނުޖެހި ގިނަ ދުވަސްތަކެއް ވެފައިވާކަން ރިޕޯޓާސް ވިތައުޓް ބޯޑާސް އިން ވަނީ ފާހަގަކޮށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް