ads
އައްޑޫ ފުލައިން ސްކޫލް
އޭއޭއޭގެ ދަރިވަރުންގެ ކަންބޮނޑުވުމުން، އިދާރާތަކަށް ހައްލެއް ނުގެނެސްދެވުނު
އައްޑޫ ސިޓީގެ ގަމުގައި ހިންގަމުންފާ އޭޝިއަން އެކަޑަމީ އޮފް އެއިރޯނޮޓިކްސް (އޭއޭއޭ)ގައި ކިޔަވަމުންދާ އެކި ދަރިވަރުންނަށް ގިނަ މައްސަލަތަކަކާ ދިމާވެފައިވާއިރު އެ މައްސަލަތަކަށް ސަރުކާރުގެ އިދާރާތަކަށް ހައްލެއް ނުގެނެސްދެވުނު ކަމަށް އޭއޭއޭ ދަރިވަރުންގެ ޔޫނިއަނުން ބުނެފި އެވެ.

އެ ޔޫނިއަނުން މިއަދު ނެރުނު ނުސްބަޔާނެއްގައި ބުނެފައި ވަނީ ފާއިތުވި ހަ މަސް ދުވަސްތެރޭ ދަރިވަރުން ދިމާވެފައި ހުރި ކަންބޮޑުވުންތައް ހިއްސާ ނުކުރާ އިދާރާއެއް މަދުވާނެ ކަމަށެވެ.

އެގޮތުން ސްކޫލްގެ ދަރިވަރުންނަށް ފުރައްސާރަކުރާ މައްސަލަ ޖެންޑާ މިނިސްޓްރީއަށް ހުށަހެޅިފައި އޮންނަތާ ވެސް ތިން މަސްވެގެން ހިނގައްޖެ ކަމަށާއި ހިތާމައަކީ އެ މައްސަލަ ކުރިއަށްދާ ގޮތުގެ އެއްވެސް މައުލޫމާތެއް މިއަދާއި ހަމައަށްވެސް ލިބިފައިނުވާ ކަމަށް ވެސް ބުނެފައި ވެއެވެ. 

އަދި ދަރިވަރުންގެ ކޯސް ނިންމަން ބޭރަށް ފޮނުވަން މަސައްކަތް ކުރައްވާނެ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވި ވާހަކަތަކަށާއި ދަރިވަރުންނާއި މެދު އިހުމާލުވާ ފަރާތްތަކަށް ފިޔަވަޅު އަޅުއްވާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވި ވާހަކަފުޅާއި އަދި ރައްޔިތުންގެ މަޖިލިސްގެ ފަރާތުން މިމައްސަލައާއި ގުޅިގެން ފާސްކޮށްފައިވާ ރިޕޯޓުގައި ހިމެނޭ ކަންކަމަށްވެސް އަމަލީގޮތުން އެއްވެސް ހައްލެއް ނުލިބި ދިގުލައިގެން ގޮސްފައިވާކަން ވެސް ދަރިވަރުންގެ ޔޫނިއަނުން ވަނީ ފާހަގަކޮށްފަ އެވެ.

މީގެ އިތުރުން 18 މަސް ދުވަހުން ފުރިހަމަކޮށް ދިނުމަށް އެއްބަސްވެފައިވާ ކޯސް ނުނިމި 4 އަހަރަށްވުރެ ގިނަދުވަސްވެ، ދަރިވަރުންނާއި ބެލެނިވެރިންނަށް ގޮތް ހުސްވެ، އާދޭސްތައް ދައުލަތުގެ ކަމާބެހޭ އެންމެހާ އިދާރާތަކާއި ހިއްސާކުރަމުން ދިޔުމުގައި 6 މަސްދުވަސް ހޭދަވީއިރުވެސް، އައްޑޫ ފްލައިން ސްކޫލްގެ ދަރިވަރުންނަށް ކުރިމަތިވެފައިވާ ދަތި އުނދަގޫ ހާލަތަށް އެއްވެސްވަރެއްގެ ހައްލެއް ނުލިބޭ ކަމަށާއި މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން އެސްކޫލްގައި އުދުހޭނެ އެއްވެސް ބޯޓެއް ނެތްކަމަށް ވެސް އެ ބަޔާނުގައި ބުނެފައި ވެއެވެ.

އެ ހާލަތުގައި ވެސް ސްކޫލުގެ ފަރާތުން ރަސްމީކޮށް ދަރިވަރުންނަށް އެއްވެސް ސިފައެއްގައި ހުރިހާ ބޯޓުތައް ގްރައުންޑްވިކަން އަންގާފައި ނުވާ ކަމަށާއި އެ މައުލޫމާތުތަކަކީ ސިވިލް އޭވިއޭޝަނުގެ އޮފިޝަލަކު ދަރިވަރުންނާ ހިއްސާކުރި މައުލޫމާތުތަކެއްކަން ވެސް ދަރިވަރުންގެ ޔޫނިއަނުން ވަނީ ފާހަގަކޮށްފަ އެވެ.

އަދި އެ ޔޫނިއަނުން ދެކޭ ގޮތުގައި ބޯޓުތައް ގްރައުންޑް ވުމަކީ ސްކޫލުގެ އިހުމާލުން ދަރިވަރުންނަށް ލިބެމުންދާ ސިލްސިލާ ގެއްލުންތަކަށް އިތުރުވި ބޮޅެއް ކަމަށް ބުނެފައި ވެއެވެ.

ސްކޫލްގެ އިހުމާލުން ދަރިވަރުންނަށް އިޔާދަނުކުރެވޭ ފަދަ ބޮޑެތި ގެއްލުންތަކެއް ވަމުންދާއިރު، އެފަދަ ކަންކަން ތަކުރާރުވުމުގައި ސްކޫލް ޒިންމާދާރު ކުރުވުމުގެ މަސްއޫލިއްޔަތާ ހަވާލުވެފައިވާ ފަރާތްތަކަށް އެ ޒިންމާ އެންމެ އެކަށީގެންވާ ގޮތެއްގައި އަދާ ނުކުރެވޭ ކަމަށް އެޔޫނިއަން އިން ގަބޫލުކުރާ ކަމަށް ވެސް ބުނެފައި ވެއެވެ.

މީގެ އިތުރުން އެޔޫނިއަނުން ބުނެފައި ވަނީ ދަރިވަރުންގެ ކޯސް ހުއްޓިފައިވަނީ ޕާފޯމެންސް ދަށްވެގެން ނޫން ކަމަށާއި ދަރިވަރުންނަށް ރަނގަޅު ގޮތްތަކެއް ހޯދައިދިނުމުގެ އިހުލާސްތެރިކަމެއް ސްކޫލްގައި ނެތީމަ ކަމަށެވެ.

މިކަމާ ގުޅޭގޮތުން އައްޑޫ ފްލައިން ސްކޫލުގެ ޖެނަރަލް މެނޭޖަރު މުހައްމަދު ފަޒީލް ރަޝީދު ގެ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފަ އެވެ.

ދެހާސް އެއް ވަނަ އަހަރު ތަސްދީގުކުރެވުނު ރާއްޖޭގެ ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ގާނޫނުގެ 2/2012 ދަށުން، 2014 ވަނަ އަހަރުން ފެށިގެން ރަޖިސްޓްރީކޮށް ހިންގަމުން އަންނަ އައްޑޫ ފްލައިން ސްކޫލުގެ އެކި މައްސަލަތައް ފަހަކަށް އައިސް ވަނީ ފެންމަތިވެފައެވެ. މީގެ ތެރޭ އެ ސްކޫލުގައި ކިޔަވަމުން އަންނަ ދަރިވަރުންގެ ކިޔެވުން ނުނިމި ދިގުލާ މައްސަލައާއި، ބައެއް ދަރިވަރުން ކޯހުން ވަކި ކުރުމަށް ނޯޓިސް ދިނުމުގެ ބައެއް މައްސަލަތައް ފާހަގަ ކުރެވެއެވެ.

ފްލައިން ސްކޫލްގެ ގާތްގަނޑަކަށް 60 ޕަސެންޓު ކުދިންނަކީ ލޯނުން ނަގައިގެން ކިޔަވާ ކުދިން ކަމަށް ވެއެވެ. އެ ކުދިންނަށް ހުރުމާއި ކެއުމުގެ ހަރަދު ލިބިފައި ވަނީ ސްކޫލަށް ވަންނައިރު ހަވާލުކުރެވޭ ޕްލޭސްމެންޓްގައިވާ މުއްދަތަށް ކަމަށް ވާތީ، ކޯސް ނުނިމި ގިނަ ދުވަސް ވުމުގެ ސަބަބުން ދަރިވަރުންގެ ލޯނު އެއްކޮށް ހުސްވެ ބައެއް ދަރިވަރުން ވަނީ ކޯސް މެދުކަނޑާލަން ވެސް ޖެހިފަ އެވެ.

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް