ads
ސަނާ ހާން——
ރޯދައަށް ސަނާ ހާން ހުރީ ހެދިކާވެސް މާކުރިން ތެލުލާން ރެޑީކޮށްފަ: ކީއްވެކަން މިއޮތީ!
އެކްޓު ކުރުމާ ދުރަށް ގޮސް ސަނާ ހާން މިދިޔަ ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހު ކައިވެނި ކޮށްފައި ވަނީ ގުޖަރާތްއަށް ނިސްބަތްވާ މުފްތީ އަނަސް އާ އެވެ. ފިލްމީ ދާއިރާއާއި ދުރަށް ގޮސް ބުރުގާ އެޅުމަށްފަހު ދިރިއުޅުމެއް ފެށިފަހުން މި ރޯދަމަހަކީ އޭނާއާއި ބައްދަލުކުރާ ފުރަތަމަ ފަހަރެވެ.

ސަނާއާއި އޭނާގެ ފިރިމީހާ ފެންނަނީ ދީނަށް ލޯބިކުރާ ދެމަފިރިންގެ ގޮތުގައެވެ. ކައިވެންޏަށް ފަހު ސަނާ ހާންގެ ހުރިހާ ވަގުތެއް ހުސްކުރަމުން ދަނީ ދީނީ ކަންކަމަށް މީހުން ލޯބި ޖެއްސުމަށް ނަސޭހަތް ދިނުމާއި އޭނާގެ ދިރިއުޅުމުން މިސާލު ނަގާ މީހުންނަށް ދީނީކަންކަމަށް އިސްކަން ދިނުމަށް ނަސޭހަތް ދިނުމުގައެވެ.

ފިރިމީހާއާ އެކު ފަސް ވަގުތު ނަމާދުކުރުމާއި، ގުރުއާން ކިޔެވުމުގެ އިތުރުން ކޮންމެ ދުވަހަކު ވަކި ވަގުތެއް ޒިކުރު ކުރުމުގައި ވެސް އޭނާ ހޭދަކުރެއެވެ. ދެން ވަގުތު ހޭދަކުރަނީ އަމިއްލަ ހިތްހަމަޖެހުމަށް ކުރާ ބައެއް ކަންކަމުގައެވެ.

މިހުރިހާ ކަމެއް ސަނާ ދަނީ ސޯޝަލް މީޑިއާގައި ހިއްސާކުރަމުންނެވެ. މިފަހުން ސަނާ ވަނީ ރޯދައަށް ހެދިކާ ތެލުލާ މަންޒަރު ފެންނަ ވީޑިއޯ އެއްވެސް ފޭނުންނަށް ދޫކޮށްލާފައެވެ. ސަނާ ބުނީ އޭނާ އާއި އާއިލާއިން މާކުރިން ވަނީ އެކަމަށް ރެޑީވެފައި ކަމަށެވެ. އެގޮތުން ހެދިކާގެ ފުށްގަނޑު ތައްޔާރުކޮށް ހެދިކާ ހެދުމަށްފަހު އެ އެއްޗެހި ފްރީޒްކުރި ކަމަށް އޭނާ ބުނެއެވެ. އެގޮތަށް ކަންތައްކުރީ ނަމާދާއި، އަޅުކަންތަކަށް ވަގުތު ހުސްކުރުމުގެ ގޮތުން ކަމަށް އޭނާ ބުނެއެވެ. 

ރޯދަމަހަކީ އަޅުކަމުގެ މަހެއް ކަމުން އޭނާ އާއި ފިރިމީހާ އަނަސްގެ އިތުރުން މުޅި އާއިލާ ވެސް ގިނަ ވަގުތު ހޭދަކުރާނީ އަޅުކަމުގައި ކަމަށް ސަނާ ބުނެއެވެ. އެެހެންކަމުން ރޯދަ ވީއްލުމަށް ހަދަންޖެހޭ ހެދިކާގެ ބާވަތްތައް ރޯދައިގެ ކުރިން ފްރީޒް ކޮށްފައިވާ ކަމަށާއި ކޮންމެ ދުވަހަކުވެސް ރޯދަވީއްލަން ކައިރިވުމުން އެ ތަކެތި ތެލުލަނީ ކަމަށް އޭނާ ބުނެއެވެ. އެގޮތުން އަޅުކަމަށް ވަގުތު ހުސްކުރެވޭ ކަމަށް ސަނާ ބުނެއެވެ. 

ދީނީ އަޅުކަންތައްކޮށް ސޯޝަލް މީޑިއާގައި ހިއްސާކުރުމަކީ ދެއްކުންތެރިކަމެއް ކަމަށާއި އަދި މީހުންގެ ސަމާލުކަން ހޯދަން އޭނާ ކުރާ ކަމެއް ކަމަށް ބުނެ ބައެއް މީހުން ފާޑު ކިޔަމުންދިޔަ ނަމަވެސް އޭނާ ބުނީ އެކަން އެގޮތަށް ކުރަނީ ދީނަށް މީހުން ލޯބި ޖެއްސުމަށްޓަކައި ކަމަށެވެ. 

އެގޮތުން އޭނާގެ ދިރިއުޅުމުން މިސާލު ނަގައިގެން އެހެން މީހުން ވެސް ދީނަށް އިތުރަށް ވެއްދުމަށާއި ދީނަށް ލޯބި ޖެއްސުމަށް އޭގެ ސަބަބުން އެހީތެރިކަން ފޯރުކޮށް ދެވޭކަމަށް އޭނަ ގަބޫލުކުރެއެވެ. އެގޮތުން އޭނާ ސޯޝަލް މީޑީއާގައި ހިއްސާކުރާ އެފަދަ ފޮޓޯތަކުގެ ސަބަބުން އިތުރު މީހުން ދީނީ ކަންކަމަށް ލޯބި ޖެހި ދީނަށް އުޅެމުން ދާނެކަމަށް ސަނާ ގަބޫލު ކުރެ އެވެ.

95%
ކަމުގޮސްފި
2%
އަޑުއެހިތާ މިހުރީ
2%
ސަތޭކައަކުން ސުމެއް
2%
ވަރަށް ސަލާމް
ކޮމެންޓްސް