ads
ރައްޔިތުންގެ މަޖިލީހުގެ ފުލޯ: ފޮޓޯ މަޖިލިސް
އިތުރަށް ރުފިޔާ ޗާޕުކުރުމާމެދު ގޮތެއް ނިންމުމަށް ކޮމެޓީއެއް އެކުލަވާލައިފި
ޕަބްލިކް ބޭންކު އެކައުންޓުން ދައުލަތުގެ ހަރަދުތަކަށް ފައިސާ އޯވަޑުރޯ ކުރަން ނުވަތަ އިތުރަށް ރުފިޔާ ޗާޕް ކުރެވޭ ގޮތަށް ދީފައި އޮތް ހުއްދަ އިތުރު އެއް އަހަރަށް ދަންމާލުމަށް ފިނޭންސް މިނިސްޓްރީ އިން ރައްޔިތުންގެ މަޖިލީހުގައި އެދުނު އެދުމާ މެދު ގޮތެއް ނިންމުމަށް ހުރިހާ ޕާޓީއެއް އަދި އަމިއްލަ ގޮތުން މެންބަރަކު ތަމްސީލުކުރާ ގޮތަށް ނުވަ މެންބަރުންގެ ކޮމެޓީއެއް އެކުލަވާލައިފި އެވެ.

ރުފިޔާ ޗާޕް ކުރެވޭ ގޮތަށް ދީފައި އޮތް ހުއްދަ އިތުރު އެއް އަހަރަށް ދަންމާލުމަށް ފިނޭންސް މިނިސްޓްރީ އިން ރައްޔިތުންގެ މަޖިލީހުގައި އެދުނު އެދުމާ މެދު ގޮތެއް ނިންމުމަށް އަންގާރަ ދުވަހު ބޭއްވި މަޖިލީހުގައި އެހި ވޯޓުގައި 48 މެމްބަރުން އެހުށަހެޅުމަށް ނޫނެކޭ ބުނެފައި ވާއިރު، އާއެކޭ ބުނީ 12 މެމްބަރުންނެވެ. އެހެން ކަމުން އެ މައްސަލައަށް އަންގާރަ ދުވަހުގެ މަޖިލީހުން ވަކި ގޮތެއް ނިންމާފައެއް ނުވެއެވެ.  

އެ މައްސަލަ އަލުން މަޖިލީހުގައި މިއަދު އެޖެންޑާ ކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ. މިއަދުގެ މަޖިލިސް ފަށަމުން ރައީސް ނަޝީދު ވިދާޅުވީ، އެ މައްސަލަ އަލުން އެޖެންޑާ ކޮށްފައިވަނީ، އެމައްސަލައަށް މިދިޔަ ދެދުވަހު މެންބަރުން ބަހުސް ކުރެއްވުމަށްފަހު ހުށަހެޅި ތާއީދު ލިބިފައިވާ ގޮތަށް ވޯޓަށް އެހުނުނަމަވެސް ފިނޭންސް މިނިސްްޓްރީން އެދިފައިވާ ގޮތަށް އެ ނިންމުން މަޖިލީހުގެ ތެރެއިން ނިންމާފައިނުވާތީ މައްސަލަ އިތުރަށް ކުރިއަށް ގެންދާނެ ގޮތެއް ނިންމުމަށްޓަކައި ކަމަށެވެ. 

އެގޮތުން އެމައްސަލަ އިތުރަށް ކުރިއަށް ގެންދާނެ ގޮތެއް ނިންމާ ހުށަހެޅުއްވުމަށް މިއަދުގެ މަޖިލީހުގައި ވަނީ ފުރުސަތު ހުޅުވާލާފައެވެ. އެފުރުސަތުގައި އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ރަަޝީދު ވަނީ ދެ ހުށަހެޅުމެެއް ހުށަހަޅުއްވާފައެވެ. 

އެގޮތުން ރަޝީދު ވިދާޅުވީ ހުރިހާ ޕާޓީއެއް އަދި އަމިއްލަ ގޮތުން މެންބަރަކު ތަމްސީލުކުރާ ގޮތަށް އެކުލަވާލެވޭ ކޮމެޓީއަަށް ގެންގޮސްގެން ކުރުން ނުވަތަ މުޅި މަޖިލިސް ކޮމެޓީގެ ގޮތުގައިވެސް ކުރެވިދާނެ ކަމަށާއި އެހެންކަމުން ނުވަ މެންބަރުން އެކުލެވޭ ކޮމެޓީއެއް އެކުލަވާލައިގެން އެ މަސައްކަތް ކުރިއަށް ގެންދިޔުމަށް ހުށަހަޅާ ކަމަށެވެ. 

މި ހުށަހެޅުމަށް ތާއީދުކުރައްވާ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ވިދާޅުވީ، ނުވަ މެންބަރުން ނުވަތަ 100 މެންބަރުންގެ ކޮމެޓީއަކުންވިޔަސް އެ މައްސަަލަ ދިވެހި ރައްޔިތުންނަށްޓަކައި ކޮށްދެން އެބަޖެހޭ ކަމަށެވެެ. 

އެފަހުން މަޖިލީހުގެ ރައީސް ނަޝީދު ވަނީ ނުވަ މެންބަރުން އެކުލެވޭ ކޮމެޓީއެއް އެކުލަވާލައިގެން އެ މަސައްކަތް ކުރިއަށް ގެންދިޔުމަށް މެންބަރު ރަޝީދު ހުށަހެޅުއްވި ހުށަހެޅުއްވުމަށް މެންބަރުންގެ ވޯޓަށް އަހާފައެވެ. ވޯޓަށް އެހުމުގެ ކުރިން ރައީސް ނަޝީދުވަނީ އެ މައްސަލަ ކުރިއަށް ގެންދެވޭނީ ވޯޓަށް އަހާ، މެންބަރުން ގޮތެއް ނިންމުމުން ކަމަށެވެ. 

ނުވަ މެންބަރުންގެ ކޮމެޓީއެއް ނަގާ މަޝްވަރާކުރުމަށް މެންބަރު ރަޝީދު ހުށަހަޅުއްވާ މެންބަރު ޝަރީފް ތާއިދު ކުރެއްވި ހުށަހެޅުން ފާސްކުރުމަށް ފެންނަކަމަށް މަޖިލީހަށް ހާޒިރުވެތިބި 52 މެންބަރުންގެ ތެރެއިން ވޯޓުގައި ބައިވެރިވި 51 މެންބަރުން ވަނީ ވޯޓުދީފައެވެ. ނުފެންނަ ކަމަށް އަދި ވަކި ގޮތަކަށް ވޯޓު ނުދެއްވާ މެންބަރަކު ނެތެވެ. 

އެ ކޮމެޓީ އެކުލަވާލުމަށްޓަކައި މެންބަރު ރަޝީދު ވަނީ ކޮމެޓީގައި ހިމެނިވަޑައިގަންނަވާނެ މެންބަރުންގެ ލިސްޓެއްވެސް ހުށަހަޅުއްވާފައެވެ. އެހެންނަމަވެސް މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމްވެސް ހުށަހެޅުއްވުމެއް ހުށަހަޅުއްވާފައިވާތީ މަސްލަހަތައްޓަަކައި އަދި މަސައްކަތް އަވަސް ކުރުމަށް ރަޝީދު ވަނީ އޭނާ ހުށަހެޅުއްވި މެންބަރުންގެ ލިސްޓު ނަންގަވާފައެވެ. އެހެންކަމުން ވޯޓަށް އަހާފައިވަނީ މެންބަރު އަލީ އާޒިމް ހުށަހެޅުއްވި މެންބަރުންނަށެވެ.

ކޮމެޓީގައި ހިމެނުމަށް ހުށަހެޅި ނުވަ މެންބަރުން:

  1. ހިތަދޫ އުތުރު ދާއިރާގެ މެންބަރު، މުހައްމަދު އަސްލަމް
  2. ހުޅުދޫ ދާއިރާގެ މެންބަރު، އިލިޔާސް ލަބީބް
  3. ދާންދޫ ދާއިރާގެ މެންބަރު، ޔައުގޫބު އަބްދުﷲ
  4. ހެންވޭރު ދެކެނު ދާއިރާގެ މެންބަރު، ހުސެން ޝަހީމް
  5. ތުލްސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަސީމް
  6. މީދޫ ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް މުހައްމަދު
  7. މާމިގިލީ ދާއިރާގެ މެންބަރު، ގާސިމް އިބްރާހިމް 
  8. މާވަށު ދާއިރާގެ މެންބަރު، މުހައްމަދު ސައީދު
  9. އަލިފުށީ ދާއިރާގެ މެންބަރު، މުހައްމަދު ރަޝީދު ހުސެއިން 

އެ ކޮމެޓީގައި މި ނުވަ މެންބަރުން ހިމެނުމަށް އެހި ވޯޓުގައި ބައިވެރިވި 48 މެންބަރުންވެސް އެ ނުވަ މެންބަރުން ހިމެނުމަށް ވޯޓުދެއްވާފައިވެއެވެ. އެހެންކަމުން އެ ކޮމެޓީ ފާސްވުމާއިއެކު މަޖިލީހުގެ ރައީސް ވަނީ ކޮމެޓީގެ މަސައްކަތް ވަގުތުން ފެށުމަށް އެދިލައްވާފަައެވެ. 

ކޮމެޓީގެ މަސައްކަތް މިއަދާއި މިރޭ ކުރެެއްވުމަށްފަހު ކޮމެޓީގެ ރިޕޯޓު މާދަމާއަށް ނިންމަވާދެއްވުމަށާއި، ސިޔާސީ ޕާޓީތަކުގެ ރުހުން އޮތްނަމަ މާދަމާ ޖަލްސާއެއް ބާއްވާ އެ ރިޕޯޓަށް ވޯޓަށް އަހެމަށް ނަޝީދު ވަނީ ނިންމަވާފައެވެ. އޭގެއިތުރުން އެއްވެސް ސަބަބަކާއި ހެދި އެ ރުހުން ނުލިބިއްޖެނަމަ އެ ރިޕޯޓަށް ވޯޓަށް އެހުން އޮންނާނީ އާދިއްތަ ދުވަހުއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް