ads
ޕޮލިސް ބޯޑުގެ ރައީސް އަދި ނައިބު ރައީސް
ޕޮލިސް ބޯޑަށް ރައީސް އަދި ނައިބު ރައީސްއަކު އައްޔަންކޮށްފި
ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ 78 ވަނަ މާއްދާގެ ދަށުން ޕޮލިސް ބޯޑަށް އައްޔަންކުރަންޖެހޭ ރައީސް އަދި ނައިބު ރައީސް އައްޔަންކޮށްފި އެވެ.

ޕޮލިސް ބޯޑުގެ ރައީސްކަމަށް އައްޔަން ކޮށްފައިވަނީ، މއ. މަނާގެ، އަލީ ފާއިޒުއެވެ. އަދި އެ ބޯޑުގެ ނާއިބް ރައީސް ކަމަށް އައްޔަންކޮށްފައިވަނީ މ. ހަޒާރީވިލާ، އަހްމަދު ފަޔާޟް ހަސަން އެވެ.

މި މަގާމުތަކަށް ދެބޭފުޅުން އިންތިހާބު ކުރެއްވުމާއި ގުޅިގެން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވަނީ އެ ދެބޭފުޅުންނަށް މަރުހަބާ ދަންނަވާފައެވެ.

މިނިސްޓަރު އިމްރާން ވިދާޅުވީ، ފުލުހުންގެ ހިދުމަތް ރައްޔިތުންނަށް އެންމެ ފައިދާ ހުރި މަގަށް ބައްޓަން ކުރުމަށް ޕޮލިސް ބޯޑުގެ ދައުރު ވަރަށް ބޮޑު ކަމަށެވެ. 

އަދި މި އިންތިހާބުވި ރިޔާސަތާއިއެކު އެ މަގަށް މިސްރާބު ހިފާނެކަމަށް ޔަގީން ކުރާކަމަށް އިމްރާން ވިދާޅުވިއެވެ.

ފުލުހުންގެ ހިދުމަތުގެ ގާނޫނު ފާސްކުރީ 2020 ވަނަ އަހަރުގެ ޑިސެންބަރު މަހުއެވެ. ގާނޫނަށް އަމަލުކުރަން ފަށާފައިވަނީ މާޗު މަހުގެ ފަހުކޮޅުއެވެ. 

ގާނޫނަށް އަމަލު ކުރަން ފަށާފައި މިވަނީ ގާނޫނު ތަސްދީގު ކުރިތާ ތިން މަސް ފަހުންނެވެ.

އެގާނޫނުގައި ވާގޮތުން ފުލުހުންގެ ގާނޫނީ މަސްއޫލިއްޔަތުތައް އަދާކުރުމަށާއި، އެ ގާނޫނުގެ ދަށުން ލަފާ ދޭންޖެހޭ ކަންކަމުގައި ވަޒީރަށާއި، ގާނޫނުގައި ލަފާދިނުމަށް ކަނޑައަޅާފައިވާ ފަރާތްތަކަށް ލަފާދިނުމަށް، ހަތް މެންބަރުންގެ މައްޗަށް އެކުލެވޭ ބޯޑެއް ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވަން ޖެހެއެވެ. 

އެގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު، ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ 75 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން، "ޕޮލިސް ބޯޑު" އެކުލަވާލާފައިވަނީ މިމަހުގެ ނުވަ ވަނަ ދުވަހުއެވެ. 

މި ބޯޑުގެ އެކުލަވާލައްވާފައި ވަނީ ތިރީގައި މި ދަންނަވާ ބޭފުޅުންގެ މައްޗަށެވެ.
1. އަހްމަދު ފަޔާޟް ހަސަން، މ.ހަޒާރީވިލާ
2. އައިޝަތު ނޫރާ މުހައްމަދު، ހ.ނޫމުތީ
3. އަލީ ފާއިޒު، މއ.މަނާގެ
4. އަހްމަދު ނާޝިދު، މއ.ގޯލްޑަންމޫން
5. އާދަމް އިބްރާހީމް، ގ.ޑިމްލައިޓް
6. ހާމިދު އަބްދުލްޣަފޫރު، ހ.ޝޭޑީކޯނަރ
7. ސަފާ ޝަރީފް، ދެތަޑިމާގެ / ސ.ހުޅުދޫ

އެ ބޯޑުގައި ހިމެނެނީ ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ ދެ މެންބަރުންނާއި، ފަންނީ ދާއިރާއަކުން ތައުލީމާއި ތަޖުރިބާ ލިބިފައިވާ ތިން މެންބަރުންނާއި، އާންމުކޮށް ހުޅުވާލައިގެން އާންމު ރައްޔިތުންގެ ތެރެއިން، ކުރިމަތިލާ ދެ މެންބަރުންނެވެ.

މި ބޯޑުގެ މަސްއޫލިއްޔަތުގެ ތެެރޭގައި ޕޮލިސް ކޮމިޝަނަރާއި، ޑެޕިއުޓީ ކޮމިޝަނަރު އައްޔަންކުރުމުގައި، އެ މަގާމަށް އެކަށޭނެ ފަރާތެއް ވަޒަންކުރުމަށް ކުރަންޖެހޭ އެންމެހައި ކަންތައްތައް ކުރުމުގެ ގާނޫނީ ބާރު އެ ބޯޑަށް ލިބިދެއެވެ. އަދި ބޯޑު އެކުލަވާލާތާ ހަތަރު މަސް ދުވަހުގެ ތެރޭގައި ކޮމިޝަނާ އޮފް ޕޮލިސް ފިޔަވައި ސުޕްރިޓެންޓެންޑުން ފެށިގެން މަތީގެ ރޭންކުތަކުގައި ތިއްބެވި ފުލުހުންގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލަތައް ފުލުހުންގެ ބޯޑުން ބަލާއި އެ ފަރާތްތައް މަގާމުން ދުރުކުރުމާއި މެދު ގޮތެއް ނިންމަން ޖެހެ އެވެ. 

އާ ގާނޫނުގައި ފުލުހުންގެ ހިދުމަތުގެ ހާއްސަ ސިފަތަކުގެ ގޮތުގައި ފުލުހުންނަކީ ދިވެހި ސިވިލް ސާވިސްގައި ނުހިމެނޭ، މަދަނީ އަދި ސަލާމަތީ ހިދުމަތެއްގެ ގޮތުގައި ވަނީ ހިމަނާފަ އެވެ. 

މިއާއެކު ފުލުހުންގެ ހިދުމަތް މުޅި ރާއްޖެއަށް އިންތިޒާމު ކުރެވިގެންވާ އެއް ހިދުމަތެއްގެ ގޮތުގައި ފުލުހުންގެ ހިދުމަތް ހިމެނުމާއި، އިދާރީ ގޮތުން ހިންގުން ލާމަރުކަޒީ ކޮށް އިންތިޒާމުކުރެވިފައިވާ، އަދި ވަޒީފާއާބެހޭ ގާނޫނުން އިސްތިސްނާ ލިބިގެންވާ ހިދުމަތެއްގެ ގޮތުގައި ވަނީ ކަނޑައަޅައިފަ އެވެ.

އާ ގާނޫނު ބުނާ ގޮތުން ގާނޫނަށް އަަމަލު ކުރާއިރު ތިބި ފުލުހުންގެ އިސް އޮފިސަރުންގެ މައްސަލަތައް އެ ގާނޫނުގެ ދަށުން އުފައްދާ ޕޮލިސް ބޯޑުން ބަލައި އެ މީހުން މަގާމުގައި ބޭތިއްބުމާ މެދު ގޮތެއް ނިންމަން ޖެހެ އެވެ.

 

0%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް