ads
ނުހައިކް ބިން މުހައްމަދު ރިޔާޒް ފޮޓޯ:-- އާއިލާ
11 އަހަރުގެ ނުހައިކް މަރާ ހަނގުރާމަ ކުރަނީ، ބޭނުން ވަނީ ދުއާ އާއި އެހީ
އެއީ މީގެ ހައެއްކަ މަސް ދުވަސް ކުރިއެވެ. ރަނގަޅު ސިއްހަތެއްގައި ހުރި އުމުރުން 11 އަހަރުގެ ނުހައިކް ބިން މުހައްމަދު ރިޔާޒްއަށް ކުރިމަތިވަމުންދިޔައީ އާދައިގެ އަރިދަފުސް ރޯގާއެއްގެ އަލާމާތްތަކެވެ. އެންމެން ވެސް ހީކުރީ އާދައިގެ ރޯގާއެއް ކަމަށެވެ. އަލާމާތްތައް ފަސޭހަނުވެގެން ދެއްކި ހުރިހާ ޑޮކްޓަރުން ވެސް ދިނީ ހަމަ ދާދި އެއް ޖަވާބެކެވެ. ނަމަވެސް މައްސަލައެއް އުޅޭކަން އާއިލާއަށް ރޭކާލީ އެކި ޑޮކްޓަރުންނަށް ދަރިފުޅު ދައްކަމުން ގޮސް، އެންމެފަހުން ދެއްކި ކަރުންމަތީގެ ޑޮކްޓަރަށް ކުއްޖާ ދެއްކި ހިސާބުންނެވެ.

އެ ޑޮކްޓަރަށް ކުއްޖާގެ އަނގައިގެ ތަލިމަތީގައި ދުޅަވެފައި އިންތަނެއް ފާހަނގަ ކުރެވި ރާއްޖެއިން ބޭރުން ފަރުވާ ހޯދުމަށް އިރުޝާދު ދެއްވި އެވެ. އަދި ޑޮކްޓަރުގެ އިރުޝާދާއެކު ނުހައިކްގެ އާއިލާ އަވަހަށް އިންޑިއާއަށް ގޮސް އެގައުމުގެ ކިމްސް ހޮސްޕިޓަލަށް ނުހައިކް ދެއްކިއެވެ. އެހިސާބުން ކިމްސްގެ ޑޮކްޓަރުން ދިން ޖަވާބު ވެގެންދިޔައީ އާއިލާއިން ހީވެސް ނުކުރާ ވަރުގެ ބޮޑު ހިތާމައަކަށެވެ. ކިމްސް ހޮސްޕިޓަލުގެ ޑޮކްޓަރުން ވިދާޅުވި ގޮތުގައި ނުހައިކްއަށް ވަނީ ކެންސަރުގެ ނުރައްކާތެރި ބާވަތެއް ކަމުގައިވާ، ބާކިޓް ލިމްފޯމާ އާއި ހަނގުރާމަ ކުރަން ޖެހިފައެވެ.


your imageނުހައިކް ހޮސްޕިޓަލުގައި ފޮޓޯ:-- އާއިލާ

އާއިލާއިން މައުލޫމާތު ދިން ގޮތުގައި ނުހައިކް އަކީ އުފަންވި އިރު ވެސް ހުރި ނުކުޅެދުންތެރިކަމަށް ބޭސްފަރުވާ ކުރުމުން އަންނަ ކުއްޖެކެއެވެ. އޮގޮތުން އޭނާގެ އާއިލާއިން ދިޔައީ ކޮންމެ ހަ މަހަކުން އިންޑިއާއަށް ގޮސް ދަރިފުޅަށް ބޭސްފަރުވާ ކުރަމުންނެވެ. ނަމަވެސް ކޮވިޑް19 އާއި ގުޅިގެން ދިމާވި ދަތުރުފަތުރުގެ ދަތިތަކާއި އެކު އޭނާގެ ބޭސްފަރުވާއަށް ވެސް ވަނީ ބުރޫތަކެއް އަރާފައެވެ. ނުހައިކް މާބޮޑަށް ވަރުބަލިވާން ފަށާ، ހާލު ގޯސްވާން ފެށީ ވެސް އެ ދުވަސްކޮޅު އެވެ.

your imageނުހައިކް ހޮސްޕިޓަލުގައި ފޮޓޯ:-- އާއިލާ

ކިމްސް ހޮސްޕިޓަލުގެ އައިސީޔޫގައި މިހާރު ނުހައިކްއަށް ފަރުވާދެމުން އަންނައިރު އޭނާގެ ހާލު ސީރިއަސް އެވެ. ކީމޯގެ ފުރަތަމަ ޑޯޒާއި ގުޅިގެން ކަރުތެރެ ފާރުވެފައިވާއިރު ކުއްޖާގެ ހުން އެހާ ގަދައެވެ. އަދި އޭނާގެ ހަށިގަނޑުގައި ލޭ ނުހިފެހެއްޓުމުގެ ސަބަބުން މިހާތަނަށް ތިން ފަހަރު ވަނީ ލޭ އަޅަން ޖެހިފައެވެ. 

ނުހައިކް އަކީ އުފެދުމުގައި ވެސް ބަލިހާލަތު ހުރި ގޮތުން، ހިނގަބިގާ ނޫޅެވޭ، އަޑުއިވުމުން މަހްރޫމްވެފައިވާ އަދި ނާރުގެ މައްސަލައެއްގެ ސަބަބުން ބެލެންސް ކުރުމުގައި ވެސް ދަތިތަކެއް ކުރިމަތިވާ ކުއްޖެކެވެ. މިހެން ކަމުން އޭނާގެ ފަރުވާގައި ވަނީ އިތުރު ގޮންޖެހުންތަކަކާއި ކުރިމަތިލާން ޖެހިފައެވެ. 

އަވަސް ފަރުވާއެއް ނުދެއްވިއްޖެ ނަމަ ބާކިޓް ލިމްފޯމާއަކީ ފުރާނައަށް ނުރައްކާވާރުގެ ބައްޔެކެވެ. ނަމަވެސް ޑޮކްޓަރުންނާއި ހަވާލާދެއްވާ އާއިލާއިން ބުނާ ގޮތުގައި ނުހައިކްގެ ފަރުވާއަށް ދޭންޖެހޭ ފުރަތަމަ ކީމޯ ޑޯޒްއާއެކު ޓިއުމަރްގެ 50 ވަރަކަށް އިންސައްތައް މިހާރު ވަނީ ނައްތާލެވިފައެވެ. އަދި ނުހައިކްގެ ހާލު ރަނގަޅު ނަމަ، ކީމޯގެ ދެވަނަ ޑޯޒްއާއެކު އޭނާ ބަލިން ސަލާމަތްވުމުގެ ފުރުސަތު ބޮޑެވެ.


your imageނުހައިކް ބިން މުހައްމަދު ރިޔާޒް ފޮޓޯ:-- އާއިލާ 

ކުއްލި ގޮތަކަށް ދިމާވި ހިތާމަވެރި މި ދަނޑިވަޅަށް އާއިލާއިން ތިބީ އެއްވެސް ވަރަކަށް ތައްޔާރު ވެގެންނެއް ނޫނެވެ. އިންޑިއާއަށް ދިއައީ ވެސް ދަރިފުޅަށް މިވަރުގެ ކަމަކާއި ކުރިމަތިލާން ޖެހިދާނެ ކަމަށް ހީވެސް ނުކޮށް ކަމުން، މާގިނަ ފައިސާއެއް ވެސް ގެންގޮސްފައެއް ނުވެއެވެ. ޑޮކްޓަރުން ލަފާ ދެއްވާ ގޮތުގައި ނުހައިކްގެ ފަރުވާއަށް މަދު ވެގެން 6 މަސް ވަރު އިންޑިއާގައި މަޑުކުރަން ޖެހެއެވެ. ނުހައިކްގެ ފަރުވާގެ ހަރަދުތައް އެންސްޕާއިން ކަވަރު ކުރެއެވެ. ނަމަވެސް ފަރުވާއާ ގުޅިގެން ލޭ އެޅުން ފަދަ ކަންކަމަށާއި އިންޑިއާގައި ހުރުން އަދި ކެއުން ބުއިމަށް ކޮންމެ ދުވަހަކު ވެސް ބޮޑު ހަރަދެއް ދެއެވެ. ކަންމިހެން އޮތުމާއި އެކު ފައިސާއަށް އިންތިހާއަށް ބޭނުންވެފައިވާ އެ ކުޑަ އާއިލާއިން އެދެނީ ދަރިފުޅުގެ ބޭސްފަރުވާއަށް އާއްމުންގެ ދީލަތި އެހީ އަކަށެވެ.

އަޅުގަނޑުމެން އެންމެންގެ ދުއާ އަކީ މާތްﷲގެ ހެޔޮ ރަހުމަތްފުޅުން ތުއްތު ނުހައިކްއަށް އަވަސް ޝިފާއެއް ލިބިގެންދިއުމެވެ. 


އިތުރު މައުލޫމާތު ހޯދުމަށް:

މުހައްމަދު ރިޔާޒް: 7904313

ފަރުހާނާ ޝަފީގް: 7727543

ބީއެމްއެލް (ދިވެހި ފައިސާ) އެކައުންޓް ނަންބަރު: 7704259376101

ބީއެމްއެލް (ޑޮލަރ) އެކައުންޓް ނަންބަރު: 7730000089298

ނޯޓް: ސީއެންއެމް އެހީ މި ސެގްމަންޓްގެ ދަށުން ގެނެސްދޭ ފަރާތްތަކަށް އެހީތެރިވުމަށް އެދޭ ފަރާތްތަކުން އެ އާއިލާއާ ގުޅައިގެން އެހީގެ ކަންކަން ކުރިއަށް ގެންދިއުން އެދެމެވެ.

20%
ކަމުގޮސްފި
5%
އަޑުއެހިތާ މިހުރީ
70%
ސަތޭކައަކުން ސުމެއް
5%
ވަރަށް ސަލާމް
ކޮމެންޓްސް