ads
ރޭޕްއާއި ދެކޮޅަށް ކުރިން ބޭއްވުނު މުޒާހަރާގެ ތެރެއިން - ފޮޓޯ: ސީއެންއެމް
ވިކްޓިމް ބްލޭމް ކުރުން؛ އޯކޭއެއްނޫން!
ޖިންސީ ފުރައްސާރައާއި ރޭޕްގެ ވާހަކަތަކަކީ ދޭތެރެ ދޭތެރެއިން އަޑު އިވޭ ވާހަކަތަކެކެވެ. މި މައްސަލަތަކުގައި، އަނިޔާއަށް ހުށަހެޅި، ވިކްޓިމައިޒްވާ ކުއްޖާ އިތުރަށް ވިކްޓިމައިޒް ކުރުމަކީ އަހަރެމެންގެ ތެރެއިން މިހާރުވެސް ފެންނަ، ލަދުވެތި އާދައެކެވެ.

މިދިޔަ ހުކުރު ދުވަހު މާލޭގައި އަންހެނަކު ދަމާ ކޫއްތާފައި ގޯޅިގަނޑަކަށް ވައްދާ ރޭޕްކުރި މައްސަލައަކީ މިހާރުގެ އެންމެ ފަހުގެ ވިކްޓިމް ބްލޭމް ކުރާ މައްސަލައެވެ.

އަންހެން މީހާ ގޯޅިގަނޑަށް ވެއްދުމަށްފަހު ކަން ހިނގި ގޮތް ނޭނގުނަސް، އެ އަންހެން މީހާ ގޯޅި ގަނޑަށް ވެއްދީ ގައިމުވެސް އޭނާގެ ރުހުމުގައިނޫންކަން، އާންމު ވެފައިވާ ސީސީޓީވީ ވީޑިއޯއިންވެސް އެނގޭނެއެވެ. 

މުޅި ސޯޝަލް މީޑިއާގައި އެ އަހެންމީހާގެ އުޅުމާއި، އޭނާ އެ ގޯޅިގަނޑަށް ވެއްދި މީހުންނާ ހުރި ގުޅުމާމެދު ވާހަކަ ދައްކާއިރު ހީވަނީ، މީހަކު އޭނާގެ ރުހުމާ ދެކޮޅަށް، ތަނަކަށް "ދަމާ ކޫއްތާފައި" ގެންދިއުމަކީ އެއްވެސް މައްސަލައެއް ނެތް ކަމެއްހެނެވެ. 

ހަފްތާއެއްތެރޭ، މި މައްސަލައިގައި ކަން ހިނގާ ދިޔަގޮތް ބަލާއިރު، މީހުން ދައްކާ ވާހަކަ ތަކުން ހީވަނީ، އެފަދައިން މީހެއްގެ އަމިއްލަ ރުހުމާއި ދެކޮޅަށް މީހަކު ގެންދިއުމަކީ "އޯކޭ" ކަމެއް ހެންނެވެ. އަދި އެ ފަދަ ކަމެއް "އޯކޭ" ނުވާނީ އަނިޔާ ލިބޭމީހާގެ އުޅުމަށް ނުވަތަ އަނިޔާ ދިން މީހާއާއި ދެމީހުންގެ "ހިސްޓްރީ" އަށް ބަލާފައިހެނެވެ.

ކުށެއް ކުރުމުގައި މީހެއްގެ އުޅުމަކަށް، އެމީހާއާއި ދެން އެ މައްސަލައެއްގައި ހިމެނޭ މީހުންނާ ދެމެދު ހުރިގުޅުމަކަށް ބެލުމެއް ނެތެވެ. ކުށެއްކަމަށް ވިއްޔާ ވާނީ ކުށަކަށެވެ. ގައިމުވެސްއިންސާނަކު އޭނާގެ ނުރުހުމުގައި އެފަދައިން ގެންދިއުމަކީ ކުށެއް ނޫންކަމަށް ބެލެވޭނެ ގޮތެއް ނެތެވެ. 

ގައިމުވެސް މި ކުޑަކުޑަ މުޖުތަމައުގައި މިއީ ވިކްޓިމް ބްލޭމް ކުރުމުގެ ފުރަތަމަ މައްސަލައެއް ނޫނެވެ. ހަމައެކަނި އެކި ނޫސްތަކުން ލިޔެފައިވާ މިފަދަ ހަބަރުތަކުގެ ކޮމަންޓު ސެކްޝަނަށް އެކަނި ބަލާލިނަމަވެސް މިފަދަ އެތައް ކަމެއް ފެނެއެވެ. 

"އެމީހާ އާއެކު އެތަނަށް ދިޔައީ ކީއްވެ"، "ގޭގައި އޮތް ނަމަ އެހެން ނުވާނެ"، "އެކަހަލަ ހެދުން ލާނަމަ އެހެން ނުވާނެ" ނުވަތަ "އެއީ އިސްލާމް ދީނަށް ނޫޅޭތީ ވާގޮތް"، މިއީ ހުސް ވިކްޓިމް ބްލޭމް ކުރުމަށް މި ރާއްޖޭގެ މި ކުޑަކުޑަ މުޖުތަމައުގައި ބޭނުން ކުރާ ބަސްތަކެކެވެ.

ގައިމު މިއީ ކުރަން ރަނގަޅު ސުވާލުތަކެއް ނަމަ، ތިން އަހަރުގެ، ރަނގަޅަށް ވާހަކަ ނުދެއްކޭ ކުޑަ ކުއްޖާއަށް މީހަކު ޖިންސީ ގޯނާއެއް ނުކުރާއެވެ. ބަރާބަރަށް ނަމާދު ކުރާ، ދީނަށް އުޅޭ މީހަކުވެސް އެހެން މީހެއްގެ އަނިޔާގެ ޝިކާރައަކަށް ވެދާނެ އެވެ. މިއީ ދީނަކުން، މީހާ ލާއެއްޗަކުން، ނުވަތަ ދާ ތަނަކުން ވާކަންކަމެއް ނޫނެވެ. 

އަންހެނުންނަށް ދިމާވާ މިފަދަ ހާދިސާތަކަކީ އެކަން ކުރާ މީހުންގެ ސަބަބުން އެކަނި ވާކަންކަމެވެ. މިފަދަ އަނިޔާވެރިކަމުގެ ޝިކާރައަށްވާ އަންހެނުންނާއި އަންހެން ކުދިން "ވިކްޓިމް ބްލޭމް" ކުރުމުގެ ބަދަލުގައި، އެކަން ކުރި މީހުންނަށް އެއްޗެއް ބުނަން ނުކެރޭ ކަމީ ހިތާމަ ހުރިކަމެކެވެ. 

ވިކްޓިމް ބްލޭމް ކުރުމުގެ އާދަ މުޖުތަމައުން ނައްތާލަން މިހާރުވެސް މާ ލަސްވެއްޖެއެވެ. ބޯދާ ވިސްނުން ދޫކުރުމާއެކު އަހަރެމެންގެ އަންހެން ދަރިންނަށް ރައްކާތެރިވާން އުނގަންނައިދޭހެން، ފިރިހެން ދަރިންނަށް އަނިޔާވެރި ނުވުމަށް ދަސްކޮށްދޭން ފަށަން މާވެސް ލަސްވެއްޖެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް