ads
ވީޑިއޯ ރިޕޯޓް-
ކޮވިޑްގެ ކޭސްތައް ރިކޯޑް އަދަދަކަށް، ފިޔަވަޅުތައް ވަރުގަދަ އެއް ނުކުރޭ!؟
ރާއްޖޭގައި ކޮވިޑް-19ގެ ބިރުވެރިކަން ފެށިގެން ދިޔައީ 2020 ވަނަ އަހަރުގެ މާޗުމަހުގަ އެވެ. ހަތަރު މަސްވަންދެން ގޭގައި ރައްޔިތުން ތިބެން ޖެހުނެވެ. ލޯބިވާ އެތަށް ބައެއް ވަނީ ކޮވިޑްގެ ބަލީގައި މަރުވެގެން ވެސް ގޮސްފަ އެވެ.

ރާއްޖެ މިހާރު ކޮވިޑްގެ ތިންވަނަ ރާޅުގެ ތެރޭގައި ވާއިރު ކޮންމެ ދުވަހަކުވެސް ޕޮޒިޓިވްވާ މީހުންގެ އަދަދު އުޅެނީ 100 މަތީގަ އެވެ. ފަހުގެ ތާރީހެއްގައި ރާއްޖޭގައި ކޮވިޑްގެ ހާލަތު އެންމެ ގޯސްވެފައިވަނީ ތިންވަނަ ރާޅުގައި ކަމަށް ގިނަ ބަޔަކު ބުނަމުން ދެއެވެ.

އާވެރިއަންޓުގެ ބިރުވެރިކަން މާހައުލުގައި އޮތް އިރު، މިބަލީގައި ނިމިދިޔަ މާޗު މަހު އެކަނިވެސް ފަސް މީހުން މަރުވިއެވެ. 

މާލޭގައި އޮތް ބިރުވެރިކަން މިހާރު ވަނީ އަތޮޅުތެރެއަށް ފެތުރިފަ އެވެ. ގިނަ ރަށްތަކަކުން ކޮވިޑްގެ ކޭސްތައް ފެންމަތިވެ މުޅި ރާއްޖެ މިހާރު މި އޮތީ ހާސްކަމެއްގެ ތެރޭގަ އެވެ.

މޮނިޓަރިންގެ ހާލަތުގައި ގިނަ ދުވަސްތަކެއްވަންދެން ރަށްތައް އޮންނަން ޖެހި ކޮވިޑްގެ ބިރުވެރިކަމުގެ ސަބަބުން ރައްޔިތުން ގެތަކުގައި ބަންދުވެ ނަފްސާނީ ގޮތުން ބަލިކަށިވެފައިވާ ކަމަށް ބައެއް ރަށްތަކުން މައުލޫމާތު ދެއެވެ.

ކޮވިޑްގެ ހާލަތު ގޯހުން ގޯހަށް ގޮސްފައި ވާއިރުގަ އިއްޔެ ރާއްޖެއިން ވަނީ ރިކޯޑް އަދަދަކަށް މީހުން ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ.

އިއްޔެ މުޅި ރާއްޖެއިން 319 މީހުން  ޕޮޒިޓިވްވެފައި ވާއިރުގައި އެއީ މާލެ ސަރަހައްދުން 108 މީހަކާ، އަތޮޅުތެރެއިން 182 މީހަކާ، ރިސޯޓުތަކުން 22 މީހެއްގެ އިތުރުން އިންޑަސްޓްރިއަލް ރަށްތަކުން އަށް މީހެކެވެ. 

ފަހުގެ ތާރީހެއްގައި ޕޮޒިޓިވްވެފައިވާ މީހުން އަދަދު 300 އިން މައްޗަށް އަރާފައިވާއިރު ރިކޯޑް އަދަދަކަށް އަތޮޅުތެރޭގެ ރަށްތަކަށް ވެސް ވަނީ އަރާފޭބުން މަނާކޮށްފަ އެވެ. އެގޮތުން މިހާރުވެސް މޮނިޓަރިންގެ ހާލަތުގައި 20 އަށްވުރެ ގިނަ ރަށް އެބަ އުޅެ އެވެ.

ނަމަވެސް ކޭސްތަކުގެ އަދަދު ގިނަވެ، ބިރުވެރިކަން ބޮޑުވަމުން ދިޔަނަމަވެސް މާލޭ ސަރަހައްދުގައި އެއްވެސް ފިޔަވަޅެއް އަޅަން ނުވިސްނާ ކަމަށް އެޗްއީއޯސީން ބުނެ އެވެ.

އެޗްއީއޯސީ އިން ބުނާ ގޮތުގައޮ އަތޮޅުތަކުގައި ކޮވިޑްގެ ބިރުވެރިކަން މާބޮޑެވެ. އަތޮޅުތެރޭގެ ކޮވިޑް ކޮންޓްރޯލް ކުރުން މާލެއަށްވުރެ މި ދަނޑިވަޅުގައި މުހިންމުކަމަށް އެޗްއީއޯސީން ބުނެ އެވެ.

އެޗްއީއޯސީ އިން މިހެން ބުނެފައިވާއިރު ރާއްޖޭގައި ކޮވިޑްގެ ކޭސްތައް މިއަށްވުރެ މަދުން ފެނުނު ދުވަސްކޮޅު ވެސް މިއަށްވުރެ ހަރުކަށި ފިޔަވަޅުތައް އަޅާފައިވެއެވެ.

ރެސްޓޯރެންޓް ކެޕޭތަށް ރޭގަނޑު 20:00 ބަންދުކުރުމަށް އެންގުމާ، ހަޔަކުން ހަޔަކަށް ދުއްވާ އެއްޗިހި ނުދުއްވޭ ގޮތަށް ހެދުމުގެ އިތުރުން 23:00 ކާފިއުވެސް އިއުލާނު ކުރި މަންޒަރު ފެނިގެން ދިޔަ އެވެ. އެއީ އަދި މާ ކުރީގެ ވާހަކައެއް ވެސް ނޫނެވެ. މި ފިޔަވަޅުތަކަށް ލުއި ދީފައިވަނީ އެޕްރިލް މަހު ދިހަ ވަނަ ދުވަހު އޮތް ލޯކަލް ކައުންސިލް އިންތިހާބުގެ ކުރިންނެވެ.

ނަމަވެސް މިހާރު ކޭސްތަކުގެ އަދަދު 200 އިން މަތީގައި ކޮންމެ ދުވަހަކު އުޅޭ އިރުގައިވެސް އެއީ ފިޔަވަޅު އަޅަން ޖެހޭ ކަމެއް ނޫންކަމަށް އެޗްއީއޯސީން ބުނުމަކީ ގިނަ ބަޔަކަށް ޖޯކަކަށް ވާކަމެކެވެ.

އެޗްޕީއޭ އަދި އެޗްއީއޯސީގެ ގަވާއިދުތަކަކީ ދޯހަޅި އެއްވެސް ތާކުންތާކު ނުޖެހޭ ކަމެއްކަމަށް ރައްޔިތުންނަށް މިހާރު ވަނީ ގަބޫލު ކުރެވިފަ އެވެ.

ކޮވިޑްގެ ބިރުވެރިކަން އިންތިހާ ދަރަޖައިގަ ވާއިރު ރައީސް މައުމޫން އަބްދުލްގައްޔޫމް ވެސް ވަނީ މިކަމާ ކަންބޮޑުވުން ފާޅުކޮށް ފިޔަވަޅުތައް އެޅުމަށް ގޮވާލާފަ އެވެ. އަދި ކޮވިޑްގެ ބިރުވެރިކަން ކުރިއަށްވުރެ ބޮޑުވެފައިވާކަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.

ރާއްޖޭގެ ކޮވިޑްގެ ހާލަތު ބިރުވެރި އަދަވަޅަކަށް ވެއްޓިފައި ވާއިރުގައި ކަމާ ބެހޭ މުވައްސަސާތައް އެއްވެސް ފިޔަވަޅެއް ނޭޅުމުން ދައްކުވާދެނީ އެމީހުން ޒިންމާދާރު ކުޑަކަމަށެވެ. އަދި އެމީހުންގެ އުސޫލްތަކާއި ގަވައިދުތަކުގެ ދޯހަޅިކަން ވެސް ހާމަ ވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް