ads
ފޮޓޯ: އެންވަޔަރަމެންޓް މީޑިއާ
"ޕްލާސްޓިކާ ނުލައި" ކެމްޕެއިން އިފްތިތާހް ކޮށްފި
އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކުގެ މައްސަލައަށް ހައްލު ހޯދުމަށްޓަކައި ދިވެހި ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން، ސިންގަލްޔޫސް ޕްލާސްޓިކާ ދެކޮޅަށް "ޕްލާސްޓިކާ ނުލައި" ގެ ނަމުގައި އާއްމުން ހޭލުންތެރި ކުރުވުމުގެ ގައުމީ ކެމްޕެއިނެއް އިފްތިތާހު ކޮށްފިއެވެ.

އެކެމްޕެއިން ރަސްމީ ކޮށް އިފްތިތާހު ކުރެއްވީ މިރޭ ވާޗުއަލް އިވެންޓް އެއްގެ ތެރެއިން، އެންވަޔަރަމަންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން އެވެ. 

އެއިވެންޓުގައި، ސިންގަލްޔޫސް ޕްލާސްޓިކް ފޭސްއައުޓް ޕްލޭނާއި ގުޅޭގޮތުން އެންވަޔަރަންމަންޓް މިނިސްޓްރީން ތައްޔާރުކޮށްފައިވާ "ސިންގަލް ޔޫސް ޕްލާސްޓިކް ފޭސްއައުޓް ޕްލޭން" ގެ މަސައްކަތާއި ގުޅޭ ފޮލިސީ ޕްރެޒެންޓޭޝަންގެ ވީޑިއޯ އެއް ގެނެސްދީފައިވާއިރު، އެޕްރެޒެންޓޭޝަންގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ސިންގަލް ޔޫސް ޕްލާސްޓިކް ފޭސްއައުޓް ޕްލޭންގެ ދަށުން ޖުމްލަގޮތެއްގައި ކުރެވެމުންދާ އަދި ކުރުމަށް ރޭވިފައިވާ މަސައްކަތްތަކަށެވެ. 

މީގެ އިތުރުން " ޕްލާސްޓިކާ ނުލައި" ކެމްޕެއިންގެ ލޯގޯ އަދި "ސިންގަލް ޔޫސް ޕްލާސްޓިކް ފޭސްއައުޓް ޕްލޭން" ރަސްމީކޮށް އެއިވެންޓްގައި ދައްކާލާފައިވެއެވެ. އެގޮތުން، "ސިންގަލް ޔޫސް ޕްލާސްޓިކް ފޭސްއައުޓް ޕްލޭން" ގެ ދެލި ކޮޕީ އެންވަޔަރަމަންޓް މިނިސްޓްރީގެ ވެބްސައިޓުން މިހާރު ބައްލަވާލެވޭނެ ކަމަށް މިނިސްޓްރީން ބުނެއެވެ. 

އެކެމްޕެއިނަކީ ސަރުކާރުގެ އެކި މުވައްސަސާ ތަކާއި މަދަނީ ޖަމިއްޔާތަކުގެ އެހީތެރިކަމާ އެކީ ހިންގޭނެ މަލްޓިސެކްޓޯރަލް އެވެއާނެސް ކެމްޕެއިނެކެވެ. އެގޮތުން، އެއިވެންޓުގައި ސިންގަލްޔޫސް ޕްލާސްޓިކް ފޭސް އައުޓް ޕްލޭން ތަންފީޒުކުރުމުގައި ޝާމިލްވާ އެކި މުވައްސަސާ ތަކުގެ  އެއްބާރުލުން ހިއްސާކޮށްފައިވާ ވީޑިއޯ އެއް ގެނެސްދީފައިވާއި، މުވައްސަސާތަކުގެ ތެރޭގައި ސަރުކާރުގެ  ބައެއް ވުޒާރާތަކާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކާއި މަދަނީ ޖަމިއްޔާތަށް ހިމެނެއެވެ. 

އެވީޑިއޯއިން ދައްކުވައިދޭ މެސެޖަކީ ސިންގަލް ޔޫސް ޕްލާސްޓިކް ފޭސްއައުޓް ޕްލޭން ތަންފީޒުކުރުމުގައި މުވައްސަސާތަކުގެ ފުރިހަމަ އެއްބާރުލުން ލިބިގެންދާނެކަމާއި، މިހާރުވެސް ބައެއް މުވައްސަސާ ތަކުން ސިންގަލް ޔޫސް ޕްލާސްޓިކާއި ދެކޮޅަށް މަސައްކަތް ކުރަމުން ދާކަމެވެ. އަދި މުސްތަގްބަލުގައި މި ކެމްޕެއިންގެ ދަށުން ކުރިއަށް ގެންދާނެ ހަރަކާތްތަކަށް އެބޭފުޅުންގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމުގެ ޔަގީންކަން ވެސް އެރުވާފައިވެެއެވެ. އެކެމްޕެއިންގެ ދަށުން އެކި މުވައްސަސަތަކާ ގުޅިގެން "ސިންގަލް ޔޫސް ޕްލާސްޓިކް ފޭސްއައުޓް ޕްލޭން" ތަންފީޒުކުރުމުގައި ކުރެވިގެންދާނެ މަސައްކަތްތަކާ ބެހޭ ފުރިހަމަ މައުލޫމާތު ދެވި އެކަންތައްތަކަކަށް އާއްމުން ހޭލުންތެރި ކުރުވިގެންދާނެ ކަމަށާއި، އެގޮތުން، ގާނޫނީ ގޮތުން ގެނެވޭ ބަދަލުތަކާއި ޕްލާސްޓިކާ ނުލައި ދިރިއުޅުމުގެ ވައްޓަފާޅި ބަދަލުކުރެވޭނެ ތަފާތު އެކި ބައިތަކަށް އަމާޒުކޮށްގެން އާއްމުނަށް ހޭލުންތެރިކަމުގެ ތަފާތު އެކި ހަރަކާތްތައް ކުރިއަށް ގެންދެވޭނެ ކަމަށް މިިނިސްޓްރީން ބުނެއެވެ. 

މީގެ އިތުރުން، "ސިންގަލް ޔޫސް ޕްލާސްޓިކް ފޭސްއައުޓް ޕްލޭން" ތަންފީޒުކުރުމުގެ މަސައްކަތްތަކުގެ މައުލޫމާތު އެ ކެމްޕެއިންގައި ހިއްސާވާ ފަރާތްތައް މެދުވެރިކޮށްވެސް އާއްމުނާ ހަމައަށް ފޯރުކޮށްދެވިގެންދާނެއެވެ. މި އިވެންޓްނިމިގެން ދިޔައީ އެންވަޔަރަމަންޓް މިނިސްޓަރު ހުސައިން ރަޝީދުގެ ބަސްދީގަތުމަކުންނެވެ.

އެއްފަހަރު ބޭނުންކޮށްފާ އުކާލާ ޕްލާސްޓިކް ރާއްޖޭގައި އުފެއްދުމާއި، އެތެރެކުރުމާއި އަދި ބޭނުންކުރުން މަނާކުރުމަށް 05 ނޮވެމްބަރު 2020 ވަނަ ދުވަހު ވަޒީރުންގެ މަޖިލީހުގެ މަޝްވަރާއާއިއެކު ރައީސުލްޖުމްހޫރިއްޔާ ވަނީ " ސިންގަލް ޔޫސް ޕްލާސްޓިކް ފޭސްއައުޓް ޕްލޭން" ފާސްކުރައްވާފައެވެ. އަދި، މި މަސައްކަތާ ގުޅިގެން ރާއްޖޭގެ އެކްސްޕޯޓު އިމްޕޯޓު ޤާނޫނުގެ ދަށުން ދިވެހިރާއްޖެއަށް އެތެރެކުރުން މަނާ ކުރާ ސިންގަލްޔޫސް ޕްލާސްޓިކްގެ ވަކި ބާވަތްތަކެއް މަނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ 30 ޑިސެމްބަރު 2020 ގައި ގަރާރެއް ފާސްކޮށްދެއްވާފައެވެ. އެގަރާރުގެ ދަށުން 12 ބާވަތެއް ޕްލާސްޓިކް 2023 ވަނަ އަހަރުގެ ނިޔަލަށް ރާއްޖެއަށް އެތެރެކުރުމާއި އުފެއްދުން މަނާކުރުމަށް ވަނީ ނިންމާފައެވެ.

އެއްފަހަރު ބޭނުންކޮށްފާ އުކާލާ ޕްލާސްޓިކް މަދުކުރުމާ ގުޅޭ މަސައްކަތަކީ ސަރުކާރުން ކުނީގެ މައްސަލަ ހައްލުކުރުމަށް ކުރާ މަސައްކަތްތަކުގެ ތެރެއިން ރައީސް ސޯލީހު ހާއްސަ އިސްކަމެއް ދެއްވައިގެން ކުރަމުންގެންދާ މަސައްކަތެކެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް