ads
ފޮޓޯ--މިހާރު
ވިނަރެސްގެ 10 ޓަވަރު، 2022 ގެ މޭމަހުގައި ނިމޭނެ:އެޗްޑީސީ
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތްކުރަމުން އަންނަ ވިނަރެސްގެ 10 ޓަވަރު، 2022 ވަނަ އަހަރުގެ މޭމަހު ގައި ނިމޭނެ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ.

ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަދައްކަމުން އެޗްޑީސީން ބުނެފައި ވަނީ އެތަނުގައި ހުންނާނީ ހަތަރު ވައްތަރެއްގެ އެޕާޓްމަންޓްތަކެއް ކަމަށާއި އެއީ މެރީނާ ވިއު އާއި އިނާ ވިއު އަދި އައުޓާ ވިއުގެ އިތުރުން ސްޓޭންޑާޑް ވިއު ކަމަށެވެ.

މެރީނާ ވިއު އެޕާޓްމަންޓްތަކުން ފެންނާނީ ޔޮޓް މެރީނާ އަދި ކްރޫޒް ޓާމިނަލް ކަމަށާއި އިނާ ވިއު އެޕާޓްމަންޓްތަކުން ފެނިގެން ދާނީ މައި މަގު ކަމަށާއި އައުޓާ ވިއު އިން ފެންނާނީ ސިޓީ ކަމަށް އެޗްޑީސީން ބުނެ އެވެ. އަދި ސްޓޭންޑާޑް އެޕާޓްމަންޓްތަކަކީ އިމާރާތުގެ މެދު ތެރޭގައި ހުންނަ އެޕާޓްމަންޓްތައް ކަމަށް އެޗްޑީސީ އިން ބުނެ އެވެ.


"އިނާ ވިއު، އައުޓާ ވިއު އަދި މެރީނާ ވިއު އެޕާޓްމަންޓްތަކުގެ ބޮޑުމިނުގައި 902 އަކަފޫޓު ހުންނާނެ. އެ ތަންތަނުގައި ތިން ކޮޓަރި އާއި ތިން ފާހާނާ އަދި ބެލްކަންޏެއް ވެސް ހުންނާނެ. ސްޓޭންޑާޑް ވިއު އެޕާޓްމަންޓްތަކުގެ ބޮޑުމިނުގައި ހުންނާނީ 883 އަކަފޫޓް.އެ ތަންތަނުގައި ވެސް ތިން ކޮޓަރި ހިމެނޭ ގޮތަށް ތިން ފާހާނާ އާއި ބެލްކަންޏެއް ހުންނާނެ."އެޗްޑީސީގެ އޮފިޝަރު ބުންޏެވެ.

އެ ފްލެޓްތަކުގެ ފިނިޝިންގެ މަސައްކަތް ނިމޭއިރު، ލިވިން ރޫމާއި ކޮޓަރިތަކުގައި ހުންނާނީ ތަށިމުށި ޖަހައިފަ ކަމަށާއި ފާހާނާގެ ތަޅުމާއި ފާރުގައި ވެސް ތަށިމުށި ޖެހުމާއި ފާހާނާގައި ފިކްސްޗާސްތައް ވެސް ހަރުކޮށްފައި ހުންނާނެ ކަމަށް އެޗްޑީސީން ބުނެ އެވެ.

އަދި ބަދިގެ ކަބަޑު ސެޓު ވެސް ފާރުގައި ހަރުކޮށްފައި ހުންނާނެ  ކަމަށާއި ބެލްކަނީ ހުންނާނީ ދޮންނަ މެޝިން ބެހެއްޓޭ ގޮތަށް، އަދި އި ލިވިން ރޫމާއި ކޮޓަރިތަަކުގައި ވެސް އޭސީ ހަރުކޮށްފައި ހުންނާނޭ ކަމަށް އެޗްޑީސީން ބުނެއެވެ. އެޕާޓްމަންޓްތައް ހަވާލުކުރާއިރު އެތަނުގައި ފަރުނީޗަރެއް ނުހުންނާނެ ކަމަށް އެޗްޑީސީން ބުނެ އެވެ.

"އެ މަޝްރޫއުގެ ހުރިހާ ޓަވަރެއްގައި އޭޓީއެމް، ސްމާޓް ރެޑީ، ޕާކިން، ސީސީޓީވީ، އަދި ކޮންމެ ޓަވަރެއްގައި ހަތަރު ލިފްޓް ހުންނާނެ." އެޗްޑީސީގެ އޮފިޝަރު ބުންޏެވެ. 

އެޗްޑީސީން ބުނާ ގޮތުގައި އެ މަޝްރޫއުގެ ގްރައުންޑާއި ފަސްޓް ފްލޯ ހާއްސަ ކުރެވިފައި ވަނީ ކޮމާޝަލް ކަންކަމަށެވެ. އަދި އެތަންތަނުގައި އޮފީސް ސްޕޭސް އާއި ސުޕަމާޓް އަދި ކޮންވީނިއެންޓް ސްޓޯރާއި ކެފޭ ރެސްޓޯރަންޓާއި ޖިމް ހުންނާނެ ކަމަށެވެ.

އެ މަޝްރޫއުގެ 42 ޕަސެންޓް މަސައްކަތް މާޗު މަހާ ހަމައަށް ނިމިފައިވާ ކަމަށާއި އަންނަ އަހަރުގެ މެއި މަހުގެ ނިޔަލަށް އެ މަޝްރޫއު އެއްކޮށް ނިމޭނެ ކަމަށް ބެލެވޭ ކަމަށް އެޗްޑީސީން ބުނެ އެވެ.

"އެތަންތަން ވިއްކަން ހަމަޖެހިފައި ވަނީ ތިން މޮޑެލްއެއްގެ ދަށުން ކަމަށް. އެގޮތުން ލީސް ޓު އޯން މޮޑެލްގެ ދަށުން، އެޕާޓްމަންޓް އަގުގެ 15 ޕަސެންޓް ޑައުންޕޭމަންޓްގެ ގޮތުގައި ދެއްކުމަށް ފަހު، ވިހި އަހަރަށް ބަހާލައިގެން ފައިސާ ދެއްކޭނެ. އަދި ޑައުންޕޭމަންޓަށް ވިހި ޕަސެންޓް ދައްކައިފިނަމަ 25 އަހަރަށް ބަހާލައިގެން ފައިސާ ދެއްކޭނެ." އެޗްޑީސީގެ އޮފިޝަލު ބުންޏެވެ.

އޯން އިކުއިޓީ ފައިނޭންސިން މޮޑެލްގެ ދަށުން، ޕްރޮޖެކްޓްގެ އަގު އެއް ފަހަރާ ވެސް ދެއްކޭނެ ކަމަށާއި އަދި ބަހާލައިގެން ޕޭމަންޓް ޝެޑިއުލްގެ ދަށުން ވެސް ފައިސާ ދެއްކޭނެ ކަމަށް އެޗްޑީސީން ބުނެ އެވެ.

އެޗުޑީސީ އިން ބުނީ "އެންޑް ޔޫސާ ފައިނޭންސިން މޮޑެލް"ގެ ދަށުން ބޭންކެއް ނުވަތަ އެހެން ފައިނޭންޝަލް އިންސްޓިޓިއުޓެއް މެދުވެރިކޮށް ލޯނެއްގެ ދަށުން އެޕާޓްމަންޓް ގަނެވޭނެ ކަމަށެވެ.

"އޯން އިކުއިޓީ ނުވަތަ އެންޑް ޔޫޒާ މޮޑެލް ބޭނުންކުރާނަމަ ދިހަ ޕަސެންޓްގެ ޑިސްކައުންޓެއް ވެސް ލިބޭނެ." އެޗްޑީސީގެ އޮފިޝަރު ބުންޏެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިއްކާފައިވާ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ތަރައްގީ ކުރަމުން އަންނަ 13 ބުރީގެ 10 ޓަވަރުގައި ހުންނާނީ 1،344 ފްލެޓެވެ. މިއީ ތިން ކޮޓަރީގެ އެޕާޓްމަންޓްތަކެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް