ads
ވޯލްޑް ބޭންކް--
އިގުތިސޯދީ ގޮތުން ރާއްޖެއަށް އެހީތެރިވުމަށް ވޯލްޑް ބޭންކުން އޮތީ ތައްޔާރަށް
ކޮވިޑް-19 އަށް ފަހު އިގްތިސާދު އާރާސްތުކުރުމުގައި ދިވެހިރާއްޖެ އަށް އެހީތެރިވުމަށް ތައްޔާރަށް އޮތް ކަމަށް ވޯލްޑް ބޭންކުން ބުނެފިއެވެ.

މިކަން ހާމަކުރެއްވީ ކޮވިޑް-19 ގެ ސަބަބުން ކުރިމަތިވެފައިވާ ސިއްހީ އަދި އިގްތިސާދީ ކާރިސާ އިން އަރައިގަނެ، ކުރިއަށް ވުރެ ރަނގަޅަށް އިގްތިސާދު ބިނާކުރުމުގައި އެހީތެރިވުމާ ގުޅޭ ގޮތުން ރާއްޖެއާއެކު ވޯލްޑް ބޭންކުން ކުރިއަށްގެންދާ މަސައްކަތްތަކުގެ ދަށުން ވޯލްޑް ބޭންކުން ދިވެހިރާއްޖެ އާއި ނޭޕާލް އަދި ސްރީ ލަންކާ އަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ ޑިރެކްޓަރު ފާރިސް ހަދާދު-ޒާވޮސް ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައެވެ.

މި ދަތުރުފުޅު ކުރައްވާފައިވަނީ، މި މަހުގެ 15 ވަނަ ދުވަހު ޝާއިއުކޮށްފައިވާ ވޯލްޑް ބޭންކް މޯލްޑިވްސް ޑިވެލޮޕްމަންޓް އަޕްޑޭޓް: އަ ޑިޖިޓަލް ޑޯން ރިޕޯޓް ނެރުމަށް ފަހު އެވެ. ދިވެހިރާއްޖޭގެ މިހާރުގެ އިގްތިސާދީ ހާލަތާއި އަދި ކުރިއަށް ލަފާކުރެވޭ ގޮތުގެ މައްޗަށް އެކުލަވާލެވިފައިވާ މި ރިޕޯޓްގައި، ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން ދިވެހިރާއްޖޭގެ އިގްތިސާދަށް ކުރިމަތިވެފައިވާ ބޮޑެތި ނޭދެވޭ އަސަރުތަކުގެ މައްޗަށް އަލިއަޅުވާލާފައިވެ އެވެ. އެގޮތުން، އޭގެ ކުރީ އަހަރާ އަޅާބަލާއިރު މިދިޔަ އަހަރު ރާއްޖޭގެ އިގްތިސާދު ވަނީ ގާތްގަނޑަކަށް 30 އިންސައްތަ ދަށަށް ގޮސްފަ އެވެ.

އެހެން ނަމަވެސް، ފަތުރުވެރިން ޒިޔާރަތްކުރާ މިންވަރު ބާރަށް ކުރިއަރަމުން ދިއުމާއި ފަތުރުވެރިކަމުގެ ދާއިރާގައި ކުރެވެމުން އަންނަ އިންވެސްޓްމަންޓްތަކުގެ ނަތީޖާއެއްގެ ގޮތުން، މި އަހަރު ރާއްޖޭގެ އިގްތިސާދު 17.1 އިންސައްތައިގައި ކުރިއަރާނެ ކަމަށް ވޯލްޑް ބޭންކުން ލަފާކުރެ އެވެ.

ދެ ދުވަހުގެ މުއްދަތަށް ކުރެއްވި ދަތުރުފުޅުގައި، ވޯލްޑް ބޭންކުގެ ކަންޓްރީ ޑިރެކްޓަރު ވަނީ ވާލްޑް ބޭންކުގެ އެހީގައި ހިންގޭ މުހިންމު މަޝްރޫއުތައް ވިލަރެސްކުރައްވާ ކަމާބެހޭ މިނިސްޓަރުންނާ، މަރުކަޒީ ބޭންކުގެ ގަވަރުނަރު އާ ބައްދަލުކުރައްވާފަ އެވެ. 

މި ބައްދަލުކުރެއްވުންތަކުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރައްވާފައި ވަނީ، ދިވެހިރާއްޖޭގެ އިގްތިސާދީ ހާލަތާއި ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން ދިވެހިރާއްޖޭގެ އިގްތިސާދަށް ކުރިމަތިވެފައިވާ ލޮޅުންތަކާ ގުޅޭ ގޮތުންނެވެ. ހަމަ އެއާއިއެކު، މި ކާރިސާ އިން އަރައިގަނެ، އެންމެންގެ ބައިވެރިވުން އޮންނަ އަދި ދެމެހެއްޓެނިވި ތަރައްގީއަކަށް މަގުފަހިވާނެ ގޮތަށް ކުރިއަށް ވުރެ ރަނގަޅަށް އިގްތިސާދު އާރާސްތުކުރުމުގައި ދިވެހިރާއްޖެ އަށް އެހީތެރިވުމުގައި ވޯލްޑް ބޭންކުން ތައްޔާރަށް އޮތްކަން ވެސް ކަންޓްރީ ޑިރެކްޓަރ ވަނީ ހިއްސާކުރައްވާފަ އެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށާއި، މި ބަލި ދެނެގަނެ، މި ބައްޔާ ދެކޮޅަށް މަސައްކަތްކުރުމަށް ދިވެހިރާއްޖެ އަށް އެހީތެރިވުމުގެ ގޮތުން 7.3 މިލިއަން ޑޮލަރުގެ އަވަސް އެހީގެ ޕެކޭޖެއް ވޯލްޑް ބޭންކުން ވަނީ މިދިޔަ އޭޕްރީލް މަހު ދިވެހިރާއްޖެ އަށް ފޯރުކޮށްދީފަ އެވެ. މި މަޝްރޫއުގެ އިތުރުން، ޑިޒާސްޓާ ރިސްކް މެނޭޖްމަންޓް ޑިވެލޮޕްމަންޓް ޕޮލިސީ ފައިނޭންސިން ވިތު އަ ކެޓެސްޓްރޮފީ ޑިފާޑް ޑްރޯޑައުން އޮޕްޝަން (ކެޓް ޑީޑީއޯ) ގެ ދަށުން 10 މިލިއަން ޑޮލަރުގެ މާލީ އެހީތެރިކަމާއި، 952،000 ޑޮލަރުގެ ޕެންޑެމިކް އިމަޖެންސީ ފެސިލިޓީއެއް ވެސް ދިވެހިރާއްޖެ އަށް ވަނީ ހަމަޖައްސައިދެވިފަ އެވެ.

ވޯލްޑް ބޭންކުން ވަނީ ކޮވިޑް-19 އާ ގުޅިގެން ކުރިމަތިވާ އިގްތިސާދީ ހީނަރުކަމުގެ ސަބަބުން މަސައްކަތްތެރިންނަށް ކުރިމަތިވާ ދަތިތަކުން އަރައިގަތުމަށާއި ކުރިމަގުގައި ދިމާވެދާނެ ކުއްލި ހާލަތަކަށް ތައްޔާރުވުމަށްޓަކައި ދިވެހިރާއްޖޭގެ އިޖުތިމާއީ ރައްކާތެރިކަމުގެ ޕްރޮގްރާމްތައް ވަރުގަދަކުރުމަށްޓަކައި ދިވެހިރާއްޖެ އަށް އެހީތެރިވުމަށްޓަކައި ހިންގޭ 12.8 މިލިއަން ޑޮލަރުގެ އިމަޖެންސީ އިންކަމް ސަޕޯޓް ޕްރޮޖެކްޓް މިދިޔަ ޖޫން މަހު ފަށައި، މިދިޔަ ޖެނުއަރީ މަހު ވަނީ އިތުރު 21.6 މިލިއަން ޑޮލަރާއެކު އެ މަޝްރޫއުގެ މުއްދަތު އިތުރުކޮށްފަ އެވެ.

ޖުމްލަ 182 މިލިއަން ޑޮލަރުގެ އަގުހުރި 10 މަޝްރޫއެއް ވޯލްޑް ބޭންކުން މިވަގުތު ރާއްޖޭގައި ހިންގަ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް