ads
ހައިކޯޓުގެ ރަޖިސްޓްރާ ހޫރުޝީދާ (ފޮޓޯ ޖޭއެސްސީ ޓްވިޓަރ)
ހައިކޯޓުގައި މައްސަލައެއް ރަޖިސްޓްރީވާން ބައްތިރީސް ދުވަސް!
ދިވެހިރާއްޖޭގެ ހައިކޯޓުގައި މައްސަލައެއް ރަޖިސްޓްރީވުމަށް އެވްރެޖުކޮށް ބައްތިރީސް ދުވަސް ނަގާ ކަމަށް ހައިކޯޓުން ބުނެފިއެވެ. ހައިކޯޓުން މިހެން ބުނީ، ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގައި އަންގާރަ ދުވަހު ވާހަކަ ދައްކަވަމުންނެވެ.

ދިވެހިރާއްޖޭގެ ހައިކޯޓާ ގުޅިގެން ލިބެމުންދާ ޝަކުވާތަކާ  ގުޅޭގޮތުން، ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝިއަރީ ކޮމިޓީއިން ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ އައިޝަތު ރިޒްނާ، އަދި ހައިކޯޓުގެ ރަޖިސްޓްރާ މަރްޔަމް ޚޫރުޝިދާ މަޖިލީހަށް ހާޒިރުކޮށް ދެކެވުނު ވާހަކަތަކުގައި ހައިކޯޓުން ފާހަގަކުރި ގޮތުގައި އެ ކޯޓުގައި މައްސަލައެއް ރަޖިސްޓްރީވުމަށް އެވްރެޖުކޮށް ބައްތިރީސް ދުވަސް ނަގައެވެ.

މިއީ އެކަށީގެންވާ މުއްދަތަށްވުރެ ގިނަ ދުވަސްކަން އެ ކޮމިޓީގެ މެންބަރުން ފާހަގަ ކުރެއްވިއެވެ. މި ގޮތުން އެ ކޮމިޓީގެ މެންބަރު، ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދުވަނީ މައްސަލަތައް ހައިކޯޓުގެ ރެޖިސްޓްރޭޝަންގެ މަރުހަލާގައި ގިނަ ދުވަސްވުމަކީ ރައްޔިތުންގެ ވަރަށް ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަ ކުރައްވާފައެވެ.

ކީއްވެގެންތޯ ވަގުތީ އަމުރެއް ނެރެން އެދި ހުށަހެޅޭ މައްސަލައެއް ރަޖިސްޓްރީ ނުކުރެވި ހަ މަސް، ހަތް މަސް ވެގެންދަނީ؟ ކީއްވެގެންތޯ ހަމައެކަނި ރަޖިސްޓްރީވުމަށް އެހާ ގިނަ ދުވަސް ވެގެންދަނީ؟ އަޅުގަނޑު މި ދައްކަނީ އިސްތިއުނާފަށް ހުށަހެޅޭ މައްސަލައެއް ބަލައިގަންނާނެތޯ ނުވަތަ ނޫންތޯ ނުނިމި މިހާ ދުވަސްވަނީ؟

ނިހާދުގެ ސުވާލުތަކާ ގުޅިގެން ހައިކޯޓުންބުނީ މައްސަލަތައް ލަސްވަނީ މުވައްޒަފުން މަދުވުމުގެ ސަބަބުން ކަމަށެވެ. އަދި ބައެއް ފަހަރު ވަގުތީ އަމުރެއް މައްސަލައިގައި ހިމެނޭކަން ނޭނގިގެންވެސް މައްސަލަ ލަސްވެފައި ހުންނާނެ ކަމަށް ހައިކޯޓުން އެ ކޮމިޓީގައި ބުންޏެވެ. ހައިކޯޓުގެ އެސިސްޓެންޓް ރަޖިސްޓްރާ އެ ބައްދަލުވުމުގައި ވިދާޅުވި ގޮތުގައި އެވްރެޖުކޮށް ރެޖިސްޓްރޭޝަން މަރުހަލާގައި މައްސަލައަކަށް ބައްތިރީސް ދުވަސް ނަގައެވެ. އަދި މި ވަގުތުވެސް ގޮތެއް ނުނިމި އަށްޑިހަ މައްސަލަ ހައިކޯޓުގެ ރެޖިސްޓްރާގެ އަތުގައި އޮތް ކަމަށް އެ ބައްދަލުވުމުގައި ހައިކޯޓުން ބުންޏެވެ.

ހައިކޯޓުގެ ރެޖިސްޓްރޭޝަނާ ގުޅޭ ގޮތުން ހުށަހެޅިފައިވާ މައްސަލައެއް ޖުޑީޝަލް ސަރވިސް ކޮމިޝަނުންވެސް އަންނަނީ ބަލަމުންނެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ޖޭއެސްސީއަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން، މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން މި އަހަރުގެ މިހާތަނަށް ހައިކޯޓުގެ ރެޖިސްޓްރޭޝަންގެ މަސައްކަތްތައް ހިނގަމުން ގޮސްފައިވާ ގޮތް ޖޭއެސްސީން އަންނަނީ ބަލަމުންނެވެ. 

your imageމަޖިލީހުގެ ކޮމިޓީގައި ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ އަދި ހައިކޯޓުގެ ރެޖިސްޓްރާ

މިކަމާ ގުޅިގެން ޖޭއެސްސީން ހޯދަމުން އަންނަ މައުލޫމާތުތަކުގެ ތެރޭގައި ހައިކޯޓުގެ ރެޖިސްޓްރޭޝަން މަރުހަލާގައި މައްސަލަތައް ފުނި ޖެހި، މައްސަލަތައް ލަސްވަމުން އަންނަ ސަބަބު ހިމެނެއެވެ. މި ގޮތުން، އެވްރެޖުކޮށް ހައިކޯޓުގައި މައްސަލައެއް ރަޖިސްޓްރީވާން ކިހާ މުއްދަތެއް ނަގާތޯ ބަލަން ޖޭއެސްސީން ބޭނުންވެއެވެ. މީގެ އިތުރުން އަދި ހައިކޯޓަށް ހުށަހެޅޭ ދުސްތޫރީ މައްސަލަތައް ބަލައިގަތުމަށް ފަހު އަމަލު ކުރަމުން އަންނަ ގޮތްވެސް ޖޭއެސްސީން އަންނަނީ ބަލަމުންނެވެ.

ހައިކޯޓުގެ ރެޖިސްޓްރޭޝަން މަރުހަލާގައި މައްސަލަތައް ފުނިޖެހި، އެކަމުގެ ޝަކުވާ ގިނަ އަދަދެއްގެ ގާނޫނީ ވަކީލުންނާއި އާއްމުންވެސް އަންނަނީ ކުރަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް