ads
ޝަހީދު ހުސެން އާދަމް ބިލްޑިން-- ފޮޓޯ: ރާއްޖެ އެމްވީ
އާރުޑީސީ އޮފީސް ފަޅާލި މައްސަލާގައި 3 މީހަކު ހައްޔަރުކޮށްފި
ރޯޑް ޑެވެލޮޕްމަންޓް ކޯޕަރޭޝަން، އާރުޑީސީގެ އޮފީސް ފަޅައިލާ 100،000 އަށްވުރެ ގިނަ ރުފިޔާ ވަގަށް ނެގި މައްސަލާގައި ތިން މީހަކު ހައްޔަރުކޮށްފި އެވެ

ފުލުހުން ބުނީ މިމައްސަލާގައި އެޕްރީލް 25ވަނަ ދުވަހު 25 އަހަރުގެ ފިރުހެނަކާއި 31 އަހަރުގެ ފިރިހެނެއްގެ އިތުރުން 33 އަހަރުގެ ފިރިހެނަކު ވަނީ ހައްޔަރުކޮށްފަ ކަމަށެވެ. 

އެމީހުން ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުންނެވެ. މިމީހުންގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 10 ދުވަހުގެ މުއްދަތު ޖަހާފައިވާކަމަށް ފުލުހުން މައުލޫމާތު ދެއެވެ. 

އެކޯޕަރޭޝަން ގެ ހެޑް އޮފީސް ފަޅާލައި ވައްކަން ކޮށްފައިވަނީ ނިމި ދިޔަ ހަފްތާ ބަންދު ތެރޭގައެވެ. އާރްޑީސީން ބުނެފައިވަނީ ލިބިފައިވާ މައުލޫމާތުތަކަށް ބަލައިފައި ބޮޑަށް ލަފާ ކުރެވެނީ އޭޕްރިލް މަހުގެ 16 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގާ އެކަން ކޮށްފައިވާ ކަމަށް ކަަމަށެވެ. 

އާރުޑީސީ އިން ބުނީ ވަގަށް ނަގާފައިވާ ފައިސާތަކަށް ބަލާއިރު، ތިޖޫރީގައި ހުރި 118،986 (އެއްލައްކަ އަށާރަ ހާސް ނުވަސަތޭކަ އަށްޑިހަ ހައެއް) ރުފިޔާއާއި ޕެޓީ ކޭޝްގެ ގޮތުގައި އެކި މުއައްޒަފުންގެ ހަވާލުގައި ހުރި 10،737 (ދިހަހާސް ހަތްސަތޭކަ ތިރީސް ހަތް) ރުފިޔާއާއެކު ޖުމްލަ 129،723 (އެއްލައްކަ ނަވާވީސްހާސް ހަތްސަތޭކަތޭވީސް) ރުފިޔާ ކުންފުނީގެ ފައިސާގެ ތެރެއިން ވަގަށް ނަގާފައި ވާކަމަށް މިހާތަކަނަކަށް ބެލިބެލުންތަކުން ފާހަގަ ކުރެވޭ ކަމަށެވެ.

ކުންފުނީގެ ފައިސާގެ އިތުރުން ބައެއް މުއައްޒަފުންގެ އަމިއްލަ ފައިސާއާއި، އެކްސްޓާނަލް ހާޑު، އަތުކުރި ގަޑި، އަވިއައިނު، ހެޑްސެޓް، ޕެންޑްރައިވް އަދި ސެންޓްފަދަ އަގުބޮޑެތި ތަކެތި ވަގަށް ނަގައިފާ ވާކަމަށް އާރުޑީސީއިން ބުނެފައިވެއެވެ.

އޮފީހުގައި ބޭނުންކުރާ އައިޕެޑް ފަދަ ތަކެތި ހުރި ތަންތަނުން ނަގައިގެން ގެންގޮސް އެއްތާކަށް ޖަމާކޮށްފައި ހުރި ނަމަވެސް އެތަކެއްޗަށް ގެއްލުމެއް ލިބިފައިވާކަމަށް އަދި ފާހަގަކުރެވިފައެއް ނުވާކަމަށް އާރުޑީސީން ބުނެއެވެ. ބޮޑަށް ބެލެވެނީ ވަގަށް ގެންދިއުމަށްޓަކައި ތައްޔާރުކުމަށްފަހު ހަނދާންނެތިގެން ނުވަތަ އެނޫންވެސް އެހެން ސަބަބަކާހުރެ އެތަކެތި ބަހައްޓާފައި ދިޔައީކަމަށްވެސް އާރުޑީސީއިން ބުނެފައިވެއެވެ.

އޮފީހުގެ މައި ތިޖޫރީ ހަލާކުކޮށްލުމަށް ގިނަ މަސައްކަތްތަކެއް ކޮށް ވަރަށް ބޮޑެތި ގެއްލުން ދީފައިހުރި ނަމަވެސް އެ ތިޖޫރީ ވަގުންނަށް ހުޅުވިފައި ނުވާކަން އާރުޑީސީއީން ފާހަގަކުރެ އެވެ.

އޮފީހުގެ އެކި ދޮރުތަކާއި ތަޅުތައް ހަލާކުކޮށްފައިވުމުގެ އިތުރަށް މުވައްޒަފުންގެ ކަބަޑުތަކުގެ ވަތްގަނޑުތަށް ހަލާކުކޮށް ބައެއް ނޯޓް ފޮތްތަކާއި ޕްލޭނާ ފަދަ ތަކެތި ވަގަށް ނަގާފައިވެއެވެ. އަދި ކުންފުނީގެ ބައެއް ލިޔެކިއުންތަކާއި ފައިލްތަކަށާއި، ސްޓޭޝަނަރީޒްތަކަށް ވެސް ގެއްލުންދީފައިވާއިރު، އެކަމުގެ ތަފްސީލުތައް ދެނެގަތުމުގެ މަސައްކަތް މިހާރު ގެންދަނީ ކުރަމުންކަމަށް އާރުޑީސީއިން ބުނެއެވެ.

ސީއެންއެމްއަށް ފުލުހުން މީގެ ކުރިން މައުލޫމާތު ދެއްވިގޮތުގައި މި މައްސަލަ ފުލުހުންނަށް ހުށަަހަޅާފައިވަނީ މިމަހުގެ 17ވަނަ ދުވަހު ހެނދުނު 10:00 ހާއިރުއެވެ.

އަދި މިމައްސަލަ ދަނީ އިތުރަށް ތަހުގީގު ކުރެވެމުން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް