ads
މޯލްޑިވްސް ޕޮލިސް ސާވިސްގެ މެރިން ޕޮލިހުގެ ކުރީގެ ވެރިޔާ ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އިބްރާހިމް އަދުނާން--- ފޮޓޯ: މިހާރު
ވަޒީފާއިން ވަކިކުރި މެރިން ފުލުހުންގެ ކުރީގެ ވެރިޔާ އަނބުރާ ވަޒީފާއަށް
މޯލްޑިވްސް ޕޮލިސް ސާވިސްގެ މެރިން ޕޮލިހުގެ ކުރީގެ ވެރިޔާ ސްޕްރިންޑެންޓް އޮފް ޕޮލިސް އިބްރާހިމް އަދުނާން އަނިސް އަށް އެ ވަޒީފާ އަލުން ހަމަޖައްސާދީފި އެވެ.

އަދުނާން ފުލުހުންގެ ވަޒީފާއިން ވަކިކުރީ ގޯސްކޮށް ކަމަށް ސްޕްރީމް ކޯޓުން ހުކުމްކޮށްފައިވަނީ މި އަހަރުގެ ޖެނުއަރީމަހުގެ 13ވަނަ ދުވަހުއެވެ. 

އޭނާއަށް އަލުން ވަޒީފާ ހަމަޖައްސާ ދީފައިވާކަން ކަށަވަރު ކޮށްދެއްވަމުން ސީއެންއެމްއަށް ފުލުހުން ބުނެފައިވަނީ، އޭނާ ވަޒީފާއަށް ނިިކުންނަން ފެށިތާ ހަފްތާއެއްހާ ދުވަސް ވެފައިވާ ކަމަށެވެ. 

ސްޕްރިންޑެންޓް އޮފް ޕޮލިސްގެ މަގާމު ފުރުއްވަމުން ދަނިކޮށް ފުލުހުންގެ މުވައްޒަފުންތަކެއް ސިޔާސީ ގޮތުން ވަކި ބަޔަކަށް މަންފާއެއް ހޯދައި ދިނުމަށްޓަކައި މަގާމުގެ ހައިސިއްޔަތުން ލިބިފައިވާ މައުލޫމާތު ނަހަމަ ގޮތުގައި ބޭނުންކޮށް، ސަލާމަތީ ހިދުމަތްތަކުގައި މަސައްކަތް ކުރާ ފަރާތްތަކާމެދު އާންމު ރައްޔިތުންގެ ހިތްތަކުގައި އޮންނަ އިތުބާރަށް އުނިކަން ލިބޭ ގޮތަށް "ފުލުހުންނާއި ސިފައިން ހިންގި ބަޣާވާތް"ގެ ނަމުގައި ރިޕޯޓެއް ތައްޔާރު ކުރުމުގައި ބައިވެރިވި ކަމަށް ތުހުމަތުކޮށް، ފުލުހުންގެ ޑިސިިޕްލިނަރީ ބޯޑުން އަދުނާން ވަޒީފާއިން ވަކި ކުރަން ނިންމާ 2012 ވަނަ އަހަރުގެ އޮގަސްޓު މަހުގައި ހަތްވަނަ ދުވަހުން ފެށިގެން ވަޒީފާއިން ވަކިކޮށްފައިވާކަން އަންގާފައިވަނީ އެ މަހުގެ ނުވައެއް ގައެވެ. 

އެ މައްސަލަ އަދުނާނުގެ ފަރާތުން ސިވިލްކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުން އަދުނާން ވަކި ކުރީ ގޯސްކޮށް ކަމަށް ނިންމި ނަމަވެސް، އެ ނިންމުން ހައިކޯޓުން ވަނީ ބާތިލުކޮށްފައެވެ. އަދި އެއަށްފަހު އަނެއްްކާވެސް އަދުނާންގެ ފަރާތުން މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން މި އަހަރުގެ ޖެނުއަރީމަހުގެ 13ވަނަ ދުވަހު ސްޕްރީމް ކޯޓުން ވަނީ އޭނާ ވަޒީފާއިން ވަކި ކުރީ ގޯސްކޮށް ކަމަށް ނިންމާފައެވެ. 

އަދުނާން ވަޒީފާއިން ވަކި ކުރީ ރަނގަޅަށް ކަމަށް ހައިކޯޓުން ނިންމާފައިވަނީ އަދުނާންގެ މައްޗަށް ކުރެވުނު ތުހުމަތާއި ގުޅިގެން ޖަވާބު ދާރީވުމަށް ޑިސިޕްލިނަރީ ބޯޑުން އަދުނާނަށް އެންގުމުން އެކަމުގައި މަގުބޫލު އެއްވެސް ސަބަބެއް ނެތި ހަނުހުރެވެފައި ވާތީ ކަމަށް ބުނެއެވެ. އަދި މަގުބޫލު އެއްވެސް ސަބަބެއް ނެތި ޖަވާބުދާރީ ނުވުމަކީ، އެފަދަ މަގާމެއްގައި އަދުނާން ބެހެއްޓުމަށް ހުއްދަކުރެވޭނެ ސަބަބެއް ކަމުގައި ގަބޫލުނުކުރެވޭކަމާއި، އެފަދައިން އިބްރާހީމް އަދުނާން އަނީސް ކަން ކުރުމަކީ އޭނާ ވަޒީފާއިން ވަކިކުރުމަށް ކާފީ ސަބަބެއް ކަމަށް ބެލުމުގެ އިތުރުން، އޭނާގެ މައްޗަށް ތުހުމަތުކުރެވުނު އަމަލުގައި ބައިވެރިވެފައިވާ ކަމަށް ދަލާލަތުކުރެވޭ ކަމެއްކަން، އަދި  ތަހުގީގުގައި ހަނުހުރެފައިވުމުން އެއީ އޭނާ ވަޒީފާއިން ވަކި ކުރެވޭނެ ސަބަބެއް ކަމަށް ބަލަ އެވެ.

އެހެންނަމަވެސް އޭނާ ތަހުގީގުގައި ހަނުހުރެފައިވުމުން އެއީ އޭނާ ވަޒީފާއިން ވަކި ކުރެވޭނެ ސަބަބެއް ނޫންކަމުންނާއި، އަދުނާން ވަޒީފާއިން ވަކި ކުރީ ތަހުގީގަށް ކޮން މައުލޫމާތެއް ނުވަތަ ހެއްކެއް ހުށަހެޅިފައިވުމުން ކަން ދައުލަތަށް ސާބިތު ކޮށްދެވިފައި ނުވާތީ އަދުނާން ފުލުހުންގެ ވަޒީފާއިން ވަކި ކުރީ ގޯސްކޮށް ކަމަށް ސުޕްރީމް ކޯޓުން މިއަދު ވަނީ ކަނޑައަޅާފައެވެ. 

ސުޕްރީމް ކޯޓުގެ ހުކުމުގައި ވަނީ ފުލުހަކު ވަކިކުރެވޭނެ ދެކަމެއް ފާހަގަކޮށްފައެވެ. އެއްކަމަކީ މޯލްޑިވްސް ޕޮލިސް ސާވިސްއިން ކުރާ ތަހުގީގަކުން ނުވަތަ ތަހުލީލަކުން މުވައްޒަފަކު ގާނޫނާއި ނުވަތަ ގަވާއިދާއި ހިލާފު އަމަލެއް ކޮށްފިކަން ފުލުހުންގެ ތަހުގީގަށް
ސާބިތުވުމެވެ. އަދި އަނެއްކަމަކީ އެއަމަލެއްގެ ސަބަބުން ފުލުހުން ފަދަ ސަލާމަތީ ހިދުމަތް ދޭ މުއައްސަސާއެއްގައި، އެފަދަ މީހަކު އިތުރަށް ވަޒީފާގައި ބެހެއްޓުމަކީ އޭގެ ސަބަބުން އެހެން މުވައްޒަފުންނަށާއި މުއައްސަސާގެ މައްޗަށް އާންމު ރައްޔިތުން ކުރާ އިތުބާރު ކުޑަވެދާނެ ނުވަތަ ބުރޫއަރާފާނެ ކަމެއް ކަމަށް ޑިސިޕްލިނަރީ އަދި އިދާރީ ކުށްތަކުގެ އަދަބު ކަނޑައަޅާ ބޯޑުން ނުވަތަ ކޮމިޓީއަށް ހީވުމެވެ. 

ސްޕްރީމް ކޯޓުގެ ހުކުމުގައި ވާގޮތުން އަދުނާން ވަޒީފާއިން ވަކި ކުރީ ތަހުގީގަށް ކޮން މައުލޫމާތެއް ނުވަތަ ހެއްކެއް ހުށަހެޅިފައިވުމުންކަން ދައުލަތަށް ސާބިތުކޮށްދެވިފައެއް ނުވެއެވެ. އެގޮތުން އަދުނާންގެ މައްޗަށް ތުހުމަތު ކުރެވުނު އަމަލު ސާބިތުވާކަމަށް ޑިސިޕްލިނަރީ ބޯޑަށް ބުރަވެވުނު ބުރަވުން ބިނާވާ އެކަށޭނަ ހެއްކެއް އެ ބޯޑުގެ ކުރިމަތީގައި އެވަގުތު އޮތްކަން ނުވަތަ ނޫންކަން އެއްވެސް މަރުހަލާއެއްގައި ދައުލަތުން ސާފުކޮށްދީފައި ނުވުމާއި، ވަޒީފާއިން ވަކިކުރުމަށް އެކަށީގެންވާ ސަބަބެއް އޮތް ކަމަށް ބޯޑަށް ގަބޫލުކުރެވުނު ސަބަބުތަކުގެ ހަގީގަތް ދެނެގަތުމަށް އެ ބޯޑުން އެކަށީގެންވާ މިންވަރެއްގެ ތަހުގީގެއް ކޮށްފައިވާކަން ނުވަތަ ނޫންކަންވެސް ދައުލަތުން އެއްވެސް މަރުހަލާއެއްގައި ސާފުކޮށްދީފައި ނުވުން ހިމެނެއެވެ.

އެދުވަހު ސްޕްރީމް ކޯޓުގައި އަދުނާންއާ އެއްކޮޅަށް މައްސަލަ ނިމިގެން ދިޔައިރު، އަލުން ވަޒީފާ ދިނުމަށް ނުވަތަ ލިބުނު ގެއްލުމުގެ ބަދަލު ނަގައިދޭން ދަށު ކޯޓުގައި އަދުނާން އެދިފައި ނެތުމުން ސުޕްރީމް ކޯޓުން އެ ބަދަލު ދިނުމަށް އޭރު އަންގާފައެއް ނުވެއެވެ. 

މި މައްސަލަ ބެއްލެވީ ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދާއި، ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި، ފަނޑިޔާރު މަހާޒު އަލީ ޒާހިރެވެ.

0%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް