ads
ރީގެ ޕީޖީ މުހުތާޒް މުހުސިންގެ ކޮށްކޮ ސަލްމާ ނަސީރު:-
ސަލްމާގެ މަރު: މުވައްޒަފުންގެ ޕާސްޕޯޓް ހިފަހައްޓަން އެދެފި
ވިހެއުމުގެ ތެރޭގައި މިއަހަރުގެ ފެބުރުއަރީ މަހުގެ ތިންވަނަ ދުވަހު ސަލްމާ ނަސީރު މަރުވި މައްސަލަ ޖިނާއީ މައްސަލައެއްގެ ގޮތުގައި ތަހުގީގުކޮށް، ތަހުގީގު ނިމެންދެން އެ މުވައްޒަފުންގެ ޕާސްޕޯޓް ހިފަހައްޓައިދިނުމަށް އެދި އެޑްވޮކެސީ ޗެމްބާސް އިން ފުލުހުންގެ އިދާރާގައި އެދެފި އެވެ.

އެގޮތަށް އެދިފައިވަނީ ކޮމިޝަނާ އޮޕް ޕޮލިސް އަހްމަދު ހަމީދަށް އެޑްރެސްކޮށް ސަލްމާގެ ފިރިމީހާ އިބްރާހީމް އަދުހަމްގެ ޤާނޫނީ ވަކީލުންގެ ހައިސިއްޔަތުން އެޑްވޮކެސީ ޗެމްބާސް އިން ފޮނުވި ސިޓީއެއްގައެވެ. 

އެސިޓީގައި ބުނެފައިވަނީ ސަލްމާ ނިޔާވުމަށް ދިމާވި ހާދިސާއާއި ގުޅިގެން އެހާދިސާ ހިނގައިދިޔަގޮތް ބެލުމަށާއި، އެކަމުގައި ގާނޫނީ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް އެ ލޯފާމް ވަނީ އައްޔަންކުރެވިފަ ކަމަށާއި އެ ހާދިސާއާއި ގުޅިގެން ސަލްމާގެ ފިރިމީހާ އަދުހަމުގެ ފަރާތުން ހެލްތް މިނިސްޓްރީއަށް ފޮނުވާފައިވާ ޝަކުވާއާއި ގުޅިގެން އެ މިނިސްޓްރީއިން ހާދިސާ ހިނގައިދިޔަ ގޮތް ބެއްލެވުމަށްފަހު ފޮނުއްވާފައިވާ ޖަވާބުގައި ބަޔާންކޮށްފައިވަނީ އެހާދިސާ ހިނގައިދިޔުމުގައި ބަލިމީހާއަށް ފަރުވާ ދިނުމަށް އެކަށީގެންވާ ވަރަށް ތައްޔާރުވެފައިނުވާކަން ފާހަގަކުރެވިފައިވާކަމަށް ކަމަށެވެ. 

އަދި، ސަލްމާ ނަސީރު ނިޔާވުމުގައި އޭޑީކޭ ހޮސްޕިޓަލް އާއި އެ ހޮސްޕިޓަލުގެ މުވައްޒަފުންތަކެއްގެ އިހުމާލު އޮތް ކަމަށް ގަބޫލުކުރެވޭތީ، އެ މައްސަލަ ޖިނާއީ މައްސަލައެއްގެ ގޮތުގައި ތަހުގީގު ކޮށްދެއްވުން އެދި ހުށަހަޅާކަމަށް އެ ސިޓީގައި ބުނެފައިވެއެވެ. 

ސަލްމާ ނިޔާވި ހާދިސާއާއި ގުޅިގެން އެފަރާތުގެ މެޑިކަލް ރެކޯޑްސް ހޯދުމަށް އެލޯފާމުން ކުރި މަސައްކަތުން އެލިޔުންތައް އޭޑީކޭ ހޮސްޕިޓަލުގެ ފަރާތުން މިހާތަނަށް ފޯރުކޮށްދީފައިނުވާކަން ފާހަގަކޮށް ބުނެފައިވަނީ، ހާދިސާގައި ޝާމިލްވާ ބައެއް ފަރާތްތަކަކީ ރާއްޖެއިން ބޭރުގެ ބައެއް ކަމަށް ވެފައި، މައްސަލަ ތަހުގީގު ކޮށް ނިމުމުގެ ކުރިން އެފަރާތްތައް ރާއްޖެއިން ފުރައިގެން ހިނގައިދާނެ ކަމަށްޓަކައި، އެމައްސަލައިގައި ހިމެނޭ ބިދޭސީ ފަރާތްތަކުގެ ޕާސްޕޯޓު ތަހުގީގު ނިމެންދެން ހިފަހައްޓަވައިދެއްވުން އެދޭކަމަށެވެެ.

ސަލްމާގެ ފިރިމީހާ ވަނީ މައްސަލަ ތަހުގީގު ކޮށްދިނުމަށް އެދި ހެލްތު މިނިސްޓްރީއަށް ސިޓީއެއް ފޮނުވާފައެވެ. އެ ސިޓީގެ ޖަވާބުގައި މިނިސްޓްރީން ވަނީ އެ މަރުގައި ހޮސްޕިޓަލުގެ އިހުމާލުތަކެއް ހުރިކަން ފާހަގަކޮށްފައެވެ. 

އެދުވަހު ކަންހިގާފައިވާ ގޮތަށް ބަލާއިރު، 1 ފެބްރުއަރީ 2021 ވަނަ ދުވަހު ސަލްމާގެ ބަނޑަށް 39 ހަފްތާ 6 ދުވަހުގައި ވިއްސުމަށްޓަކައި ވޭންވަރު ގެނައުމަށް އޭޑީކޭ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވެއެވެ. އަދި އޭގެ ދެވަނަ ދުވަހު 9:45 ގައި ސަލްމާ ވޯޑްއަށް ބަދަލުކުރިއިރު، އޭނާގެ ދަރިފުޅުގެ ވިންދު ރަނގަޅުކަމަށާއި އަދި ކްރޮސްމެޗް ހަދަން ފޮނުވާފައިވެއެވެ.

ޢޭގެފަހުން 12:25 ގައި ސަލްމާ ލޭބާ ރޫމް އަށް ގެންދެވުނު ކަމަށާއި، ބެލިބެލުމުން ވައިޓަލްސް ރަނގަޅުކަމާއި ސީޓީޖީ ހެދިކަން، އަދި ބަނޑުގައިވާ ދަރިފުޅުގެ ވިންދު ރަނގަޅުކަމަށް ވެސް ބުނެފައިވެއެވެ. 12:43 ގައި މީސޯޕްރޮސްޓޯލް (ފުރަތަމަ) ޑޯޒް، ބަނޑުގެ ވޭންވަރު ގެންނަންވެގެން ދިންކަން، އަދި ހަތަރު ގަޑިން، 4 ޑޯޒް ހަމަވަންދެން ދެވިފައިވާކަން ލިޔެކިއުމުން ފެންނަންހުރި ކަންވެސް ފާހަގަކޮށްފައިވެއެވެ.

އޭގެ ފަހުން ފެބްރުއަރީ ތިންވަނަ ދުވަހު ހެދުނު 5:34 ގައި ސަލްމާ އަނެއްކާ ލޭބާ ރޫމް އަށް ގެންދެވިފައިވެއެވެ. އަދި މީސޯޕްރޮސްޓޯލްގެ ފަސް ވަނަ ޑޯޒް ދީފައިވެެއެވެ. އޭރުވެސް ބޭބީގެ ވިންދު ރަނގަޅުކަމަށް އަދި ބަނޑުގެ ވޭންވަރު އަންނަން ފަށާފައިވާ ކަމަށް ލިޔެކިޔުމުން ފެންނަން ހުރެއެވެ. މީސޯޕްރޮސްޓޯލް ގެ އެންމެ ފަހު ޑޯޒް ދިންތާ އެއްގަޑި އިރު ފަހުން ބަނޑުގެ ވޭންވަރު ގެންނަން އިންޖެކްޝަން ސިންޓޯސިނޯން ފަށާފައިވާއިވެއެވެ. 

އޭގެފަހުން ހެދުނު 11:00 ގައި ވެސް ބަނޑުގެ ވޭންވަރު އަންނަކަމާއި، ތިން ސެންޓިމީޓާ އަށް ރަހިމުގެ ދޮރު ހުޅުވިފައިވާކަން، އަދި އެއްގަޑި އިރު ފަހުން ބެލިއިރު ރަހިމުގެ ދޮރު އެއްކޮށް ހުޅުވިފައިވާކަން ލިޔެކިޔުންތަކުން ފެންނަންހުރިިއިރު އޭގެ 20 މިނިޓް ފަހުން ވެކިއުމްކޮށްގެން ބޭބީ ވިއްސާފައިވެއެވެެ. އަދި ވިހެއިފަހުން ލޭފޭބިކަން ލިޔެކިޔުންތަކުން ދެއްކި ނަމަވެސް ލޭފޭބީ ކިހާވަރަކަށްކަން ލިޔެކިއުމުން ފެންނާކަށް ނެތެވެ. މެންދުރު 12:55 ގައި ލޭފައިބާތީ ބޭސް ފަށާފައިވެއެވެ. އަދި "ވެޖައިނަލް އެކްސްޕްލޮރޭށަން" ހަދާފައިވެއެވެ.

ސަލްމާގެ އެހީތެރިޔާގެ ބަޔާނުން އިނގޭގޮތުގައި ވިހަންވެގެން އެޑްމިޓްކުރިއިރު ދެމީހަކަށް ކޮރޮސްމެޗް ހަދާފައިވެއެވެ. އެހެންނަމަވެސް ޑޯނާ ގެންނަންބުނީ ވިހެއުމަށްފަހު އިރުތަކެއްފަހުން ލޭމަނާނުވެގެންނެވެ. އޭގެފަހުން 13:35 ގައި ބަލިމީހާގެ ހާލަތު ހޮސްޕިޓަލުގެ ފަރާތުން އަންގަމުން ސަލްމާގެ ފުރާނަ ސަލާމަތް ކުރުމަށް ރަހިމު ނަގަން ޖެހިދާނެކަމަށް އާއިލާއަށް ކިޔައިދީފައިވެއެވެ.

ވިހެއުމަށްފަހު ބޭބީ ގެންދިޔައިރުވެސް ސަލްމާއޮތީ ވަރަށް ހެވިފައި ކަމަށާއި، އިރުކޮޅެއްފަހުން ފުސްވާ ކަހަލަގޮތެއްވެ، މޫނު މައްޗައް އަނދިރިވާން ފެށީ ކަމަށް ސަލްމާ ބުނިކަން، އެހީތެރިޔާގެ ބަޔާނުން އެެގެއެވެ. ބަލިމީހާގެ ހާލަތު އެހީތެރިޔާއަށް ކިޔައިދިނުމަށްފަހު 13:40 ގައި ލޭ ގެންނަން ބުނިކަމާއި، ބްލަޑް ބޭންކުން ދެ ޕައިޓް ލޭ ހަމަޖެއްސިކަންވެސް ލިޔެކިޔުމުން އެގެން އޮވެއެވެ. އެގޮތަށް ލޭ ހަމަޖެހި ވިހެއިތާ 1 ގަޑިއިރު ފަހުންވެސް ލޭބާ ރޫމްގައި ސަލްމާގެ ގަޔަށް ލޭ އަޅާފައި ނުވާކަމަށްވެސް ލިޔުމުން އެގެން އޮތް ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

ސަލްމާ އޮޕަރޭޝަން ތިއޭޓަރަށް ގެންގޮސްފައިވަނީ 14:00 ގައެވެ. އޭރު ނޭވާލާން އުދަގޫވާކަމަށް ސަލްމާ ބުނިކަން ހޮސްޕިޓަލުގެ ލިޔެކިއުމުން ފެންނަންހުރިއިރު ހެޔައްގޮތްވެފައިވާކަމާއި، "ރެސްޓްލެސް" ނަމަވެސް އެގަޑީގައި ލޭގެ ޕްރެޝާ ބެލިފައިނުވެއެވެ. އޭރު ވިންދުހުރީ 190 މިނިޓްގައިކަން ލިޔެކިއުމުން ފެންނަން ހުރިއިރު 190 މިނިޓް އަކީ ހުންނަންޖެހޭ ވަރަށްވުރެ މައްޗެވެ.

ސަލްމާގެ ގަޔަށް ލޭ އަޅަން ފަށާފައިވަނީ 14:25 ގައެވެ. އޭރު ވިންދުުހުރީ 42 މިނިޓްގައެވެ. އެހެންނަމަވެސް އެގަޑީގައިވެސް ލޭގެ ޕްރެޝަރު ރިކޯޑް ނުކުރެވޭތީ 14:30 ގައި "ހިސްޓެރެކްޓޮމީ" ހަދަން ފެށިއެވެ. އަދި އޮޕަރޭޝަނުގެ ތެރޭގައި އޭނާ މަރުވެފައިވަނީ "ކާޑިއެކް އެރެސްޓް" އަށް ފަހުއެވެ. ކާޑިއެކް އެރެސްޓް އަށް ދިޔުމުން "ސީޕީއާރް" ހެދިނަމަވެސް އޭނާގެ ފުރާނަ ސަލާމަތްނުވެ ސަލްމާ މަރުވެފައިވަނީ ހަވީރު 16:00ގައެެވެ. އަދި ބަލިމީހާ ނިޔާވި ސަބަބު އާއިލާއަށް ކިޔާދީފައިވަނީ 16:05ގައެެވެ. 

އެ ހާދިސާ ހިނގިގޮތް، ހޮސްޕިޓަލުގެ ލިޔެކިޔުންތަކަށް ރިއާޔަތްކޮށް ތަފްސީލުކޮށް ކިޔައިދީފައިވާއިރު، މިނިސްޓްރީން ބުނީ މާބަނޑު މީހުންނަށް މަތީ މިންގަނޑަކަށް އަޅާލެވޭ އަދި އެކަމުގެ އެންމެހާ ވަސީލަތްތައް ފަހިވެފައިވާ ތަންތަނުގައި ވެސް، ވިހެއުމަށް ފަހު ގަދައަށް، އަދި މެދުކެނޑުމެއް ނެތި ލޭ އައިސް، ބަލިމީހާގެ ހާލަތު ދަށްވަމުން ދާ ހިނދެއްގައި، ވިހެއުމުގެ ތެރޭގައި ހިނގާ މަރަކީ ބައެއް ހާލަތްތަކުގައި، ދުރުކުރުވޭނެ ކަމެއް ކަމުގައި ނުވެދާނެ ކަަމަށެވެ. ނަމަވެސް ވިހެއުމުގެ ތެރޭގައި ދިމާވެދާނެ ހާލަތަކަށް ފުރިހަމައަށް ތައްޔާރުވެފައި އޮތުމަކީ ކޮންމެ ސިއްހީ ފަރުވާދޭ ތަންތަނަކުންވެސް ކުރަންޖެހޭނެ ކަމެއްކަން މިނިސްޓްރީން ފާހަަގަކުރިއެވެ.

މިނިސްޓްރީން ބުނީ މިހާދިސާގައި ހިމެނުނު މުވައްޒަފުންނާއި ޑޮކްޓަރުން ވަކިވަކިން ދީފައިވާ ބަޔާންތަކަށް ބަލާއިރު، ހަށިގަނޑުން ފޭބި ލޭގެ މިންވަރު އެފަރާތްތަކަށް އަންދާޒާ ކުރެވިފައިވަނީ މަދުން ކަމަށެވެ. އެހެންނަަމަވެސް ރިވިއުއިން ފެންނަގޮތުގައި، ވިހެއުމަށް ފަހު ހަށިގަނޑުން ފޭބި ލޭ ވަޒަންކުރެވިފައިވާ މިންވަރަށް ވުރެ ބޮޑަށް ލޭފައިބާފައިވާކަން އަންދާޒާ ކުރެވޭ ކަމަށްވެސް މިނިސްްޓްރީން ވަނީ ބުނެފައެވެ.

ލޭ ދޭން ދެމީހެއްގެ ކްރޮސްމެޗު ހެދިފައި ވީ ނަމަވެސް، އެމީހުންގެ ގައިން ލޭ ނަގައި، ލޭ އެޅުމަށް ތައްޔާރުކުރެވިފައި ނުވާކަން މިނިސްޓްރީންވެސް ފާހަގަ ކުރެއެވެ.

20%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
60%
ސަތޭކައަކުން ސުމެއް
20%
ވަރަށް ސަލާމް
ކޮމެންޓްސް