ads
ޝިފާޒް އަދު ޖަޒްލީން-----
ފީނަން ފޭބިތަނުން ހަބަރު ހުސްވި ޒުވާނާގެ ހާލު މިހާރު ރަނގަޅު
ފީނަން ފޭބިތަނުން ހަބަރު ހުސްވެގެން އިތުރު ފަރުވާއަށް މާލޭ ގެނައި ޒުވާނާގެ ހާލު ރަނގަޅުވެއްޖެ އެވެ.

ފ. ނިލަންދޫ ކައިރީގައި އޮންނަ "ތިން ވަން މުލި" ކިޔާ ސަރަހައްދަށް މަސް ހިފަން ގޮސް އުޅެނިކޮށް ހަބަރު ހުސްވެ، ހާލު ސީރިއަސްވެގެން ޒުވާނަކު މާލެ ގެނެސްފައިވަނީ މިމަހުގެ 26ވަނަ ދުވަހުއެވެ. 

ފަރުވާއަށްފަހު އޭނާގެ ހާލު މިހާރު ރަނގަޅުވެފައިވާއިރު، އޭނާ ސަލާމަތްވެފައިވަނީ އެވަގުތު ފީނަން ގޮސްއުޅުނު އޭނާގެ ރަހުމަތްތެރިޔާގެ ހިތްވަރުން އޭނާ މައްޗަށް ނެގީތީއެވެ. 

މަސް ހިފަން ގޮސްއުޅެނިކޮށް ހަބަރު ހުސްވެފައިވަނީ 25 އަހަރުގެ އަހުމަދު ޝިފާޒުއެވެ. އަދި ޝިފާޒް ސަލާމަތްކުރަން އުޅެނިކޮށް ހާލު ސީރިއަސްވީ އޭނާގެ ރަހުމަތްތެރިޔާ ޖަޒްލީން އަހުމަދެވެ.

މިކަން ހިނގިދުވަހު ސީއެންއެމްއަށް މައުލޫމާތު ދެއްވަމުން ނިލަންދޫ ކައުންސިލުގެ ނައިބު ރައީސް އަލީ މުހައްމަދު ބުނެފައިވަނީ އެމީހުން އެ ސަރަހައްދަށް މަސްހިފަަން ގޮސްފައިވަނީ އެދުވަހުގެ މެންދުރުގެ ވަގުތެއްގައި ކަމަށެވެ. އެމީހުން މަސް ހިފަން އުުޅުނީ 25 މީޓަރު އަޑިން ކަމަށާއި، އެގޮތަށް މަސް ހިފަން އުޅުމުގެ ތެރޭގައި މަސްހިފަން ބޭނުންކުރި ދަނގަޑު މަހަކަށް ޖަހައިގެން އެ ދަނގަޑު ގޮސް ތާށިވީ ގަލެއްގައި ކަމަށް އަލީ ވިދާޅުވިއެވެެ. 

އަދި އަޑީގައި ހަބަރު ހުސްވެފައި އޮށްވާ ފެނުނީ ދަނގަޑު ތާށިވުމުން އެ ނަގަން ދިޔަ ސިފާޒް ކަމަށް އަލީ ވިދާޅުވިއެވެ. ހަބަރު ހުސްވުމުން އޭނާ ކައިރީ އެހީތެރިއަކަށްހުރި ޖަޒްލީން އޭނާ ނަގަން ދިޔައީ ކަމަށާއި ޖަޒްލީންގެ ހާލުވެސް ސީރިއަސްވީ އެޔަށްފަހު ކަމަށް ކައުންސިލުން މައުލޫމާތުދީފައިވެއެވެ. 

ޖަޒްލީން ވަނީ އޭނާގެ ނޭވާ ކުރުވަމުން ދިޔުމުންވެސް ސިފާޒް ދޫނުކޮށް ކަނޑުގެ އަޑިން ނަގާ އެހީތެރިކަމަށް އެދުނު ލޯންޗަށް އާދެެވެންދެން ސިފާޒް ހޭ އެރުވޭތޯ މަސައްކަތްކޮށްފައެވެ. ޖަޒްލީން ހޭނިތިގެން ވެއްޓިފައިވަނީ އޭގެ ފަހުންނެވެ.

އެ ދެމީހުންނަށްވެސް ފަރުވާ ދިނުމަށް ވަގުތުން އެ ރަށު ހޮސްޕިޓަލަށް ގެނެވުނުއިރު، ސަލާމަތްކުރަން ފޭބި ޖަޒްލީންގެ ހާލު ފަހުން ރަނގަޅުވި ނަމަވެސް އަޑީގައި ހަބަރު ހުސްވެފައިވާ ޝިފާޒްގެ ހާލު ސީރިއަސްކަމުން އޭނާ ވަނީ ވެންޓިލޭޓަރުގައި މާލެ ގެނެސްފައެވެ.

މިހާރު އޭނާ ރަނގަޅުވެފައިވާއިރު، އޭނާ ސަލާމަތްކުރުމަށް ޖަޒްލީން ދެއްކި ހިތްވަަރަށް ގިނަ ބަޔަކު ވަނީ ތައުރީފުކޮށްފައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް