ads
ރައްޔިތުންގެ މަޖިލީހުގެ ފުލޯ: ފޮޓޯ މަޖިލިސް
އަގަށް އެސައިމެންޓް ހަދައިދޭނަމަ 10،000 ރުފިޔާއިން ޖޫރިމަނާ ކުރަނީ
ދަރިވަރުންނާއި ހަވާލުކުރެވޭ އެސައިމެންޓުތައް ފައިސާ ދީގެން ވިޔަފާރި އުސޫލުން އެހެން ފަރާތްތަކަށް ހަވާލުކޮށްގެން ކުރުމަކީ ކުަށެއްކަމަށް ކަނޑައަޅައި ޖޫރިމަނާކުރާ ގޮތަށް މަތީ ތައުލީމުގެ ބިލު މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ސަރުކާރުގެ ފަރާތުން ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ ޝަފީގް ހުށަހަޅުއްވާފައިވާ މަތީ ތައުލީމުގެ ބިލު ދިރާސާކޮށް ގައުމީ ތަރައްގީއާއި ކޮމެޓީއިން ނިންމި ގޮތަށް އެ ބިލު ފާސްކުރީ ވޯޓުގައި ބައިވެރިވި 49 މެމްބަރުންގެ އަގުލަބިއްޔަތުންނެވެ.

އެ ބިލު ފާސްވުމާއިއެކު އެ ބިލުގެ ސުރުހީވަނީ "ދިވެހިރާއްޖޭގެ މަތީތައުލީމާއި ތަމުރީނުގެ ބިލު" މިގޮތަށް ބަދަލުވެފައެވެ. 

ބިލުގައި ބުނެފައި ވަނީ ދަރިވަރު ފުރިހަމަ ކުރަން ޖެހޭ މަސައްކަތެއް އެހެން މީހެއް ލައްވައި އަގު ދީގެން ނުވަތަ އަގު ނުދީވިޔަސް ކުރުވުމާއި، އަދި އަމިއްލައަަށް އަގު ހުށަހަޅައިގެން ވިޔަފާރިއެއް ގޮތުގައި އެސައިންމެންޓް ހެދުމުގެ މަސައްކަތް ކޮށްދިނުމަކީ ވެސް ކުށެއް ކަމަށެެވެ.

ބިލުގައި ވާގޮތުން ދަރިވަރު ފުރިހަމަ ކުރަން ޖެހޭ މަސައްކަތެއް އެހެން މީހެއް ލައްވައި އަގު ދީގެން ނުވަތަ އަގު ނުދީވިޔަސް ކުރުވައިފިނަމަ 5000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަށެވެ.

އަދި އަމިއްލައަަށް އަގު ހުށަހަޅައިގެން ވިޔަފާރިއެއް ގޮތުގައި އެސައިންމެންޓް ހެދުމުގެ މަސައްކަތް ކޮށްދޭ ފަރާތްތަށް ޖޫރިމަނާކުރާ އަދަދެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ، 10،000 ރުފިޔާއެވެ.

އެފަދަ އަމަލެއް ދަރިވަރު ހިންގިކަން ކަށަވަރުކުރުމަށް، އެކަށިގެންވާ ނިޒާމެއް މަތީ ތައުލީމު ފޯރުކޮށްދޭ ތަންތަނުގައި ގާއިމް ކުރަން ވާނެކަމަށާއި އެފަދަ އަމަލެއް އެއްވެސް ދަރިވަރަކު ހިންގައިފިނަމަ ޖޫރިމަނާ ކުރުމުގެ އިތުރުން އެ ދަރުވަރަކު ތައުލީމު ހާސިލުކުރާތަނަކުން އެޅެން ހުރި ފިޔަވަޅެއް ދަރިވަރަކާއިމެދު އެޅޭނެ ކަމަށް ބިލުގައި ވަނީ ބުނެފައެވެ. 

ވިޔަފާރި އުސޫލުން އެސައިންމަންޓް ހަދާ މައްސަލަ ތަހްގީގީ އިދާރާއެއްގެ އެހީތެރިކަމާއެކު ހައްލުކުރުމަށް މަސައްކަތް ކުރަމުންދާކަމަށް ހަޔާ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިބްރާހީމް ހަސަން ވަނީ މީގެ ކުރިން ވިދާޅުވެފައެވެ. 

ދަަރިވަރުން މަތީ ތައުލީމު ހާސިލްކުރަމުން ދާއިރު ތައްޔާރު ކުރުމަށް ހަވާލު ކުރެވޭ އެސައިންމަންޓްތަކަކީ އެ ދަރިވަރުންނަށް އުނގަންނައިދޭ މާއްދާތައް ދަސްވެފައިވާ މިންވަރު ވަޒަން ކުރުމަށްޓަކައި މަތީތައުލީމު ފޯރުކޮށްދޭ މަރުކަޒުތަކުން ބޭނުންކުރާ ނިޒާމެއްކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެއެވެ.

ނަމަވެސް ފައިސާ ދީގެން ދަރިވަރުންނަށް ހަވާލުކުރެވޭ އެސައިންމަންޓުތައް ވިޔަފާރި އުސޫލުން އެހެން ފަރާތްތަކާ ހަވާލުކޮށްގެން ތައްޔާރުކުރަމުންދާތީ ދަރިވަރުންނަށް އެކިއެކި މާއްދާތަކުން ދަސްވެފައިވާ މިންވަރު ވަޒަން ކުރުމަށް މަތީތައުލީމު ފޯރުކޮށްދޭ މަރުކަޒުތަކުން ކުރަމުންދާ މަސައްކަތްތަކަށް ވަނީ ވަރަށް ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިވެފަކަމަށާއި ރާއްޖޭގެ މަތީތައުލީމުގެ ފެންވަރު ކަށަވަރު ކުރުމަށްޓަކާ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ކުރަމުންދާ މަސައްކަތްތަކަށް އެކަންކަން އެހެން ހުރުމުގެ ސަބަބުން ދަތިތަކެއް ދިމާވެ މަތީތައުލީމުގެ ފެންވަރު ހިފެހެއްޓުމަށްޓަކާ މަސައްކަތްކުރާ ފަރާތްތަކާއި އާއްމު ރައްޔިތުންގެ ފަރާތުން އެކަމުގެ ޝަކުވާ އެ މިނިސްޓްރީއަށް ލިބެމުން ދާ ކަންވެސް މިނިސްޓްރީން ފާހަގަކުރެއެވެ. 

މި ބިލު ފާސްވެގެންދިޔުމާއިއެކު މިކަމަށް ހައްލެއް ލިބިގެންދާނެ ކަން ކޮމެޓީން ފާސްކުރި ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް