ads
އައިކޮމް ގްރޭންޑު މާފުށި
އަތޮޅުތެރޭގެ އެންމެ އުސް އިމާރާތް މާފުށިގައި
އަތޮޅުތެރޭގެ އެންމެ އުސް އިމާރާތް، ގެސްޓުހައުސް ވިޔަފާރިގައި ރަސްކަން ކުރަމުން އަންނަ މާފުށީގައި ހަދާ ނިމެނީއެވެ.

މި އިމާރާތަކީ އައިކޮމް ހޮޓެލްސްގެ "އައިކޮމް ގްރޭންޑް މާފުށި" ނަމަކަށް ކިޔާ ހޮޓަލެކެވެ. 

2019 ވަނަ އަހަރު ނިމެންވެފައި ހުއްޓާ އިމާރާތްކުރަން ފެށި މި ހޮޓަލުގެ މަސައްކަތް 2021 ވަނަ އަހަރު ނިމުމުގެ ކުރިން އެެއްކޮށް ނިންމާލެވޭނެކަމަށް އައިކޮމް ގްރޭންޑުގެ އެމްޑީ އަލީ ރަމީޒު މައުލޫމާތު ދެއެވެ. 

މި މަސައްކަތަށް ޖުމްލަ 35 މިލިޔަން ރުފިޔާ ހަރަދުވާނެ ކަމަށް ބެލެވޭއިރު، ކޮވިޑް-19 ގެ ޕެންޑަމިކްގެ ސަބަބުން މި މަސައްކަތަށް ވަރަށް ބޮޑެތި ދަތިތަކަކާ ކުރިމަތިލާން ޖެހިފައިވާކަމަށްވެސް އެކުންފުނިން ބުނެއެވެ. 

އެގޮތުން މަސައްކަތަށް ބޭނުންވާ ކޮންކްރިޓް ޕަމްޕު ފަދަ ސާމާނު މާލެއިން ގެނައުމަށް ދަތިވުމާ، ލިބެންޖެހޭ ހުއްދަތައް ލިބުން ލަސްވުމާއެކު މި މަސައްކަތަށް ބުރޫ އަރާފައިވާކަމަށްވެސް އެކުންފުނިން ބުންޏެވެ. 

"އައިކޮމް ގްރޭންޑް މާފުށި" އަކީ މާފުށީގެ ބަނދަރު ސަރަހައްދުގައި ހަދާ އިމާރާތަކަށް ވުމުން އެތަނުގެ "ވިއު" ސަޅިވެފައި އެތަނުން ހިދުމަތް ހޯދުމަށް ފަސޭހަ ވެގެންދާނެއެވެ. 

ޖުމްލަ 12 ފްލޯއަކާއެކު އަންޑާ ގްރައުންޑް އެއް ފްލޯ ހިމެނޭ މި ހޮޓަލަކީ އަތޮޅުތެރޭގައި ހެދޭ އެންމެ އުސް އިމާރާތަށް ވެގެންދާނެއެވެ. 

މި ހޮޓަލުގައި 50 ކޮޓަރިއާއެކު 130 އެނދު ހުންނާނެއެވެ. އަދި ރެސްޓޯރެންޓްގެ އިތުރުން ސްވިމިން ޕޫލާއި ހުންނައިރު، ސަރުކާރުގެ ހުއްދަ ލިބިއްޖެ ނަމަ ބޭސްމެންޓުގައި ކުލަބެއް ހެދުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މާފުށްޓަކީ މިހާރުވެސް ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ ރަށަށްވާއިރު، އައިކޮމް ގްރޭންޑު މާފުށި ހުޅުވުމާއެކު އެރަށަށްދާ ފަތުރުވެރިންގެ އަދަދު އިތުރުވެގެން ދާނެކަމަށް ބެލެވެއެވެ. އަދި އޭގެ ސަބަބުން މާފުށްޓާ މުޅި ދިވެހިރާއްޖޭގެ އިގްތިސޯދަށްވެސް އިތުރު ތަނަވަސްކަމެއް ލިބިގެންދާނެ ކަމަށް ބުނެއެވެ.

40%
ކަމުގޮސްފި
20%
އަޑުއެހިތާ މިހުރީ
27%
ސަތޭކައަކުން ސުމެއް
13%
ވަރަށް ސަލާމް
ކޮމެންޓްސް