ads
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު
ފަލަސްތީނާއި އިޒްރޭލުގެ މަޖިލީހުން ދައުވަތު ލިބިއްޖެ: ރައީސް ނަޝީދު
ފަލަސްތީނު އަދި އިޒްރޭލުގެ ރައްޔިތުންގެ މަޖިލީހުގައި ތަގުރީރު ކުރުމުގެ ދައުވަތު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ލިބިއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ފަލަސްތީނާއި އިޒްރޭލުގެ ރައްޔިތުންގެ މަޖިލީހުގައި ތަގުރީރު ކުރުމަށް ދިއުމަށް ދައުވަތު ލިބިފައިވީ ނަމަވެސް، އަދި އެކަމާ ގުޅޭގޮތުން ވަކި ގޮތެއް ނުނިންމަވާ ކަމަށެވެ. 

ނަމަވެސް މިބާވަތުގެ ކަމައެއްގައި ވިސްނުމަކީ ވީހާވެސް ގިނަ ބަޔަކާ މައުލޫމާތު ހިއްސާކުރުމަށްފަހު އަމަލުކުރުން ކަމަށާއި ގޮތް ނިންމާނީ ރައްޔިތުން ކަަމަށް ވިދާޅުވިއެވެ. އެގޮތުން ފަލަސްތީނު ރައްޔިތުންގެ މިނިވަންކަން އަދި ފަލަސްތީނު ރައްޔިތުންނަށް ދައުލަތެއް ހައްގުކަން އެއީ ޔަގީން ކަމެއްކަމަށާއި، މަޖިލީހުގެ އެއްވެސް މެންބަރަކުވެސް އެކަމާ އިންކާރު ނުކުރާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. 

"އަޅުގަނޑުމެންނަށް ފަލަސްތީނު ރައްޔިތުންނަށް އެހީތެރިކަމެއް ދެވެން އެއްވެސް މިންވަރަކަށް ވާނަމަ، އެއީ އަޅުގަނޑު ދެކޭ ގޮތުގައި ދިވެހިން އަބަދުވެސް އެދޭނެ ކަމެއް. އެ އެހީތެރިކަން އަޅުގަނޑުމެން ފޯރުކޮށްދޭން އޮތް މަގަކީ ކޮބައިތޯ އެއީ މި މަޖިލީހުގެ މެންބަރުންވެސް ވިސްނަވާންޖެހޭނެ ކަމެއް. އަދި އަޅުގަނޑުވެސް ވިސްނާންޖެހޭނެ ކަމެއް" ކަަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އޭގެ އިތުރުން ރާއްޖޭގެ ރައްޔިތުންގެ ތެރޭގައި ހިޔާލު ފާޅުކުރެވޭ ތަފާތު މަގުތައްވާކަން ފާހަގަކުރައްވައި، އެ ހިޔާލު ފާޅުކުރުމުގެ ތެރެއިން ހުރިހާ އެންމެން ހިތްހަމަ ޖެހޭ ގޮތެއް ހޯދައި، އެގޮތުގެ މަތިން މަސައްކަތް ކުރިއަށް ގެންދާނެ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

އިޒްރޭލުން ގެންދަނީ ފަލަސްތީނުގެ ބިންތަކަށް ވެރިވެގަނެ، ފަލަސްތީނުގެ ރައްޔިތުންނަށް ލާއިންސާނީ އަނިޔާ ދެމުންނެވެ. މިކަންކަން ރާއްޖޭގެ ރައްޔިތުން އަބަދުވެސް ހަރުކަށި އިބާރާތުން ކުށްވެރިކުރެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް