ads
ފޮޓޯ--ކޯޓު
ޝިއުނާގެ މަރު: ކާރު ދުއްވި މީހާގެ މައްޗަށް ކުށް ސާބިތެއް ނުވި
ހުޅުމާލޭގައި ކާރަކާއި ސައިކަލެއް ޖެހިގެން ހިނގި އެކްސިޑެންޓެއްގައި ފާތިމަތު ޝިއުނާ މަރުވި މައްސަލާގައި، ކާރު ދުއްވި މީހާގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

ސެޕްޓެމްބަރު، 2016 ގައި ޝިއުނާ އޭނާގެ ރަށްޓެއްސަކާ އެކު ސައިކަލުގައި ދުއްވާލަން ނުކުމެ އުޅެނިކޮށް ދުއްވާފައި ދިޔަ ކާރަކުން ސައިކަލުގައި ޖެހި، ޝިއުނާ މަރުވި މައްސަލާގައި ދައުލަތުން ދައުވާކުރީ ކާރު ދުއްވަން އިން ގ. ސީވޭވް، އަހުމަދު މަލްދާން އަލީގެ މައްޗަށެވެ. އޭނާގެ މައްޗަށް ކުރީ މީހަކު މަރުވެ ދިއުމުގެ އިހުމާލުގެ އަމަލެއް ކުރުމުގެ ދައުވާ އެވެ.

ކްރިމިނަލް ކޯޓުން މިމަހުގެ 27 ވަނަ ދުވަހު ކުރި ހުކުމުގައިވަނީ އެ އެކްސިޑެންޓް ހިނގީ ބާރު ސްޕީޑްގައި ކާރު ދުއްވުމުން ކަމަށް ދައުލަތުން ބުންޏަސް، އެ ކާރު ދުއްވި ސްޕީޑް އެއްވެސް ހެއްކަކަށް ޔަގީންކަމާ އެކު ބުނެދެވިފައިނުވާ ކަމަށެވެ. 

އަދި ކާރު ދުއްވި ކަމަށް ލަފާކުރާ ސްޕީޑް ކިޔައި ދިނުމުގައި ހެކިންގެ ހެކިބަހުގައި ބޮޑެތި ފުށުއެރުންތަކެއް ހުރިކަމަށް އެ ހުކުމުގައިވެ އެވެ. އެހެންކަމުން މަލްދާން އެ ކާރު ދުއްވީ ސްޕީޑް ލިމިޓަށް ވުރެ ބާރަށް ކަމަށް ނިންމެން ނެތް ކްރިމިނަލް ކޯޓުން ކުރި ހުކުމްގައި ބުނެފައި ވެއެވެ.

ގާޒީ ހަސަން ސައީދު ކުރެއްވި ހުކުމުގައިވަނީ ދައުލަތުން ހުށަހެޅި ހެކިންގެ ހެކިބަހުން މަލްދާންގެ މައްޗަށް އެ ކުށް ސާބިތުވާ މިންވަރުގެ ހެކި ލިބިފައިނުވާތީ އޭނާގެ މައްޗަށް އެ ކުށް ސާބިތުނުވާ ކަމަށެވެ.

ޝިއުނާގެ އިތުރުން ސައިކަލު ދުއްވަން އިން މީހާއަށް ވެސް އެ އެކްސިޑެންޓްގައި އަނިޔާތަކެއް ލިބުނެވެ. އޭނާ މިހާރު ވަނީ އެ އެކްސިޑެންޓުން ލިބުނު އަނިޔާއަށް ފަރުވާކުރުމަށް ފަހު ރަނގަޅުވެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް