ads
ގދ. ތިނަދޫ--
ނުދެއްކި އޮތީ 5މަހުގެ ބިލު: ފެނަކައިގެ އަމަލު ކުށްވެރިކުރަން: ތިނަދޫ ކައުންސިލް
ގދ.ތިނަދޫ ކައުންސިލުން ބާކީ ދައްކަން އޮތީ 5 މަހުގެ ކަރަންޓު ބިލް ކަމަށާއި 2 އަހަރުގެ ބިލް ނޫން ކަަމަށް ތިނަދޫ ކައުންސިލުން ބުނެފިއެވެ.

ތިނަދޫ ކައުންސިލުން ކަރަންޓް ބިލް ނުދައްކާތާ ދެ އަހަރު ވެއްޖެކަމަށްބުނެ ފެނަކަ ކޯޕަރޭޝަނުން ވަނީ ތިނަދޫ ކައުންސިލް އިދާރާއިން ކަރަންޓު ކަނޑާލާފައެވެ. އަދި ފައިސާ ދެއްކުމަށް ތިނަދޫ ކައުންސިލަށް އެތައް ފަހަރެއްގެ މަތިން އަނގަ ބަހުންނާއި ލިޔުމުންވެސް އެދިފައިވާނެ ކަމަށާ، ކަރަންޓު ކަނޑާލީ ގިނަ މުއްދަތުތަކެއްދީ، ބިލް ނުދެއްކުމުން ކަމަށްވެސް ވަނީ ބުނެފައެވެ.

މިކަމާ ގުޅިގެން ތިނަދޫ ކައުންސިލުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ފެނަކައިން ފޮނުވާފައިވާ ސިޓީގައި ބަޔާންކޮށްފައިވާ ބިލްތަކަކީ ތިނަދޫގައި ހުރި މިސްކިތްތަކުގެ ކަރަންޓު ބިލްތަކަށް ފައިސާ ދެއްކުމުގެ ކަންކަން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ބަލަހައްޓަވަމުން އައިސް، ތިނަދޫ ކައުންސިލް އިދާރާއާއި ޙަވާލު ކުރެއްވިއިރު ގިނަދުވަސްތަކެއް ވަންދެން ނުދައްކައިހުރި ބިލްތަކެއް ކަމަށެވެ. އަދި ކޮވިޑް-19 އާ ގުޅިގެން އަންދާޒާކުރި ވަރަށް އާމްދަނީ ލިބެމުން ނުދާތީ އެއްފަހަރާ 1.9 މިލިއަންގެ ޢަދަދެއްގެ ފައިސާ ދެއްކުމަށް ދަތިވާ ކަމަށެވެ.

އަދި ކަރަންޓު ކަނޑާލާފައިވަނީ 28 އޭޕްރިލް ގައި އެކަށީގެންވާ ޢަދަދެއްގެ ފައިސާ ދެއްކުމަށްފަހު ބާކީ އޮންނަ އަދަދަށް ވަރަށް އަވަހަށް ފައިސާ ދައްކައި ހަލާސް ކުރާނޭ ކަމަށް ބުނެ، ފެނަކަ ތިނަދޫ ބްރާންޗުގެ ބޭފުޅުންނާއި މަޝްވަރާ ކުރެވި، މަޝްވަރާކުރެވުނު ގޮތަށް ބައެއް ބިލްތަކަށް ފައިސާދެއްކުމުގެ މަސައްކަތް ކުރިއަށް ދަނިކޮށް ކަމަށް ތިނަދޫ ކައުންސިލުން ބުނެފައިވެއެވެ. 

އެހެންކަމުން އެގޮތައް ކުށްލިއަކަށް ކަރަންޓު ކަނޑާލުމުން، އެވަގުތު އިދާރާގެ މުވައްޒަފުންނަށް މުސާރަ ދިނުމަށް އިދާރީ މުވައްޒަފުން ކުރަމުން ދިޔަ މަސައްކަތްތަކާއި އަލަށް އިންތިހާބުވި ކައުންސިލަރުންނަށް މަޢުލޫމާތު ދިނުމަށް އިންތިގާލީ ކޮމެޓީން ބާއްވަމުން ދިޔަ ބައްދަލުވުންތައް ހުއްޓާލަން މަޖުބޫރުވެ، އިދާރާގެ ހިދުމަތްތައް މެދުކެނޑުމުގެ ސަބަބުން، ރަށް މޮނިޓަރިންގެ ހާލަތުގައި އޮތުމުން ޒަރޫރީ ކަންކަމަށް ރަށުން ބޭރަށް ދާންޖެހޭ ފަރާތްތަކަށާއި ހޯމް ކަރަންޓީނުވުމަށް ރަށަށް އަންނަންޖެހޭ ފަރާތްތަކަށް ލިބިދޭންޖެހޭ ހުއްދަ ދިނުން ހުއްޓުމަކަށް އައިސް، ފިތުރު ޒަކާތު ބަލައިގަތުމަށް ދަތިވެ، ރައްޔިތުންނަށް ނުހަނު ބޮޑު ތަކުލީފުތަކެއް ލިބުނު ކަމަށް ތިނަދޫ ކައުންސިލުގެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.

ތިނަދޫ ކައުންސިލުން ބުނީ ނޫސްތަކާއި ސޯޝަލް މީޑިއާގައި ތިނަދޫ ކައުންސިލް ބަދުނާމު ކުރުމަށް ފެނަކަ ކޯރޕަރޭޝަނުން ހިންގާފައިވާ ޒިންމާދާރުކަން ކުޑަ އަމަލު ކުށްވެރިކުރާ ކަމަށެވެ. 

ތިނަދޫ ކައުންސިލުން ބުނީ ފެނަކައިގެ ވެރިންނަށް އާދޭސްކޮށްގެން 28 ވަނަ ދުވަހު ކަރަންޓު އަލުން އިޔާދަކޮށްދީފައިވަނީ 1 މިލިއަން ރުފިޔާ ވަގުތުން ދެއްކުމުން ކަމަށާއި އަދި ބާކީ ހުރި ބިލްތައް ދެއްކޭނެ މުއްދަތުވެސް ލިޔުމުން މިހާރު އަންގާފައިވާ ކަމަށެވެ. އޭގެ އިތުރުން، ކައުންސިލް އިދާރާއިން ކަރަންޓު ކަނޑާލީ ހަމައެއް ލަމައެއް ނެތި ކަމަށާއި، ބާކީ ނުދެއްކި އޮތީ އެންމެ 5 މަހުގެ ކަރަންޓު ބިލް ކަމަށްވެސް ތިނަދޫ ކައުންސިލުން ވަނީ ބުނެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް