ads
މެމްބަރު އަލީ އާޒިމް-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ޔާމީން ގެއަށް ބަދަލުކުރުން އެއީ ރަނގަޅު ނިންމުމެއް: އާޒިމް
އެމްއެމްޕީއާރްސީގެ މައްސަލާގައި ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒް ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެއަށް ބަދަލުކުރުން، އެއީ ސަރުކާރުން ކުރި ވަރަށް ރަނގަޅު ކަމެއް ކަމަށް އެމްޑީޕިގެ ޕާލަމެންޓްރީ ގްރޫޕް ލީޑަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން ވަގުތީ ގޮތުން ގެއަށް ބަދަލުކޮށްފައިވަނީ މިރޭގެ އިރާކޮޅު ވަގުތެއްގައެވެ

ކަރެކްޝަންސް އިން ބުނެފައިވަނީ އެމަނިކުފާނު ވަގުތީ ގޮތުން ގެއަށް ބަދަލުކޮށްފައިވަނީ ކޮވިޑް-19 ޖަލުގައި ފެތުރެމުން އަންނާތީ ކަމަށެވެ.

ރައީސް ޔާމީން ގެއަށް ބަދަލުކުރެވިފައިވާތީ އެކަމާއި ގުޅޭ ގޮތުން "ސީއެންއެމް" އަށް މައުލޫމާތު ދެއްވަމުން އާޒިމް ވިދާޅުވީ ރައީސް ޔާމީން ގެއަށް ބަދަލުކުރިކުރުން އެއީ ސަރުކާރުން ކުރި ވަރަށް ރަނގަޅު ކަމެއް ކަމަށެވެ. އޭނާ ވިދާޅުވީ ސަރުކާރުން ލުއި ދޭން ވީ ހަމައެކަނި ރައީސް ޔާމީންއަށް ނޫން ކަމަށާއި، ލުއި ދެވެން އޮތް އެހެން ގައިދީންނަށްވެސް އަވަސް ލުޔެއް ދޭން ޖެހޭ ކަމަށެވެ.

"ޖަލުގައި ތިބެ ކުޑަކުދިންނާއި ބެހިފައި ތިބި މީހުން، ނޫނީ މީހުން މަރާފައިވާ މީހުން ފިޔަވާ އެހެން މީހުންނަށްވެސް ލުއިތައް ދޭން ޖެހޭ" އާޒިމް ވިދާޅުވިއެވެ.

އާޒިމް އިތުރަށް ވިދާޅުވީ ރަމަޞާންމަހު ޖަލުގައި އެއްވެސް މީހަކު ބޭއްވުމަކީ ރަނގަޅު ކަމެއް ނޫން ކަމަށާއި، މި ފަދަ މަހެއްގައި ޖަލުގައި ދުވަސްތައް ހޭދަކުރުމަކީ ވަރަށް ހިތްދަތި ކަމެއް ކަމަށެވެ.

ހުދު އޭނާއަކީ ރަމަޞާން މަހު އެފަދަ ދުވަސްތަކެއް ޖަލުގައި ހޭދަކޮށްފައިވާ ފަރާތެއް ކަމަށާއި، އެ ހިތްދަތިކަން އޭނާއަށް ވަރަށް ބޮޑަށް އިހްސާސް ކުރެއްވޭ ކަމަށް އާޒިމް ވިދާޅުވިއެވެ.

މެމްބަރު އާޒިމް އިތުރަށް ވިދާޅުވީ ވެރިޔަކަށް ހުރެގެން ވައްކަންކޮށްފައިވާ ނަމަ ޖަލަށް ލާންޖެހޭ ކަމަށެވެ.

ރައީސް ޔާމީން މިރޭ ގެއަށް ބަދަލުކޮށްފައިވާއިރު، އެ މަނިކުފާނަށް ތާއީދުކުރާ ފަރާތްތަކުން ދަނީ އެކަމުގެ  އުފާފާޅުކުރަމުންނެވެ.

ރައީސް ޔާމީން މިރޭ ވަގުތީ ގޮތުން ގެއަށް ބަދަލުކޮށްފައިވާއިރު، އެ މަނިކުފާނު މީގެ ކުރިން ވިދާޅުވެފައިވަނީ، އެ މަނިކުފާނު ޖަލުން ނިކުމެވަޑައިގަންނަވާނީ މިނިވަނެއްގެ ގޮތުގައި ކަމަށެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ކަމަށް ތުހުމަތުކުރާ އެއް މިލިއަން ޑޮލަރު ރައީސް ޔާމީންގެ އިސްލާމިކް ބޭންކްގައި އޮންނަ ސޭވިން އެކައުންޓަކަށް ޖަމާކޮށް، މަނީ ލޯންޑާ ކުރުމުގެ ކުށް ސާބިތުވާ ކަމަށް ނިންމައި،ފަސް އަހަރަށް ޖަލަށްލުމާއެކު ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކޮށް އެމަނިކުފާނު ޖަލަށް ލުމަށް ހުކުމް ކޮށްފައިވަނީ 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހު އެވެ.

25%
ކަމުގޮސްފި
75%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް