ads
އޭއެފްސީ ކަޕުގައި މާޒިޔާއާ ބެންގަލޫރު މާލޭގައި ކުރިން ކުޅުނު މެޗެއްގެ ތެރެއިން
އީގަލްސް- ބެންގަލޫރު މެޗު އަންނަ ހަފުތާގައި މާލޭގައި
އޭއެފްސީ ކަޕް ކޮލިފައިންގ ޕްރިމިލިނަރީ ފަހު ބުރުގައި ރާއްޖޭގެ ކްލަބު އީގަލްސްއާ، އިންޑިޔާގެ ބެންގަލޫރު އެފްސީ ވާދަކުރާ މެޗު މި މަހުގެ އެގާރަވާ އަންގާރަ ދުވަހު، ރަސްމީ ބޯޅަ ދަނޑުގައި ކުޅެން ތާވަލުކޮށްފިއެވެ.

އީގަލްސްއާ ބެންގަލޫރު ވާދަކުރަން ޖެހުނީ، ޕްރިމިލިނަރީ ބުރުގައި އީގަލްސްއާ ދެކޮޅަށް ކުޅެން އޮތް ބަންގަލްދޭޝްގެ ޑާކާ އަބަހާނީ މުބާރާތުން ވަކިވުމުންނެވެ. އަބަހާނީ މުބާރާތުން ވަކިވީ، ކޮވިޑާ ހެދި އެ ޓީމަށް ގައުމުން ބޭރަށް ނުދެވި، އަދި އީގަލްސްއަށް އެ ގައުމަށް ދެވޭނެ އެއްވެސް ގޮތެއް ނެތުމުންނެވެ. ބެންގަލޫރާ އީގަލްސް ކުޅޭ މެޗުން މޮޅުވާ ޓީމެއް، އޭއެފްސީ ކަޕުގެ ގްރޫޕް ސްޓޭޖަށް ކޮލިފައިވާނެއެވެ. 

ގްރޫޕް ސްޓޭޖުން މިހާރު ފުރުސަތު ހޯދާފައިވަނީ ރާއްޖޭން މާޒިޔާއާ، އިންޑިޔާގެ އޭޓީކޭ މޯހަން ބަގާން އަދި ބަންގްލަދޭޝްގެ ބަޝަންދުރާ ކިންގްސްއެވެ.

މި މަހުގެ އެގާރަވަނަ ދުވަހު ރަސްމީ ދަނޑުގައި އީގަލްސްއާ ބެންގަލޫރު ވާދަކުރާއިރު، ބެންގަލޫރު އެފްސީ އެންމެ ފަހުން ރަސްމީ ދަނޑުގައި ކުޅުނު ދެ މެޗުންވެސްވަނީ ބަލިވެފައެވެ. އެއީ މިދިޔަ އަހަރު މާޒިޔާ އަތުން އަދި ދެހާސް އަށާރަވަނަ އަހަރު ނިއުރޭޑިއަންޓު އަތުންނެވެ. އޭނގެ ކުރިން މާޒިޔާއާ ދެކޮޅަށް އަދި ޓީސީއާ ދެކޮޅަށްވެސް އެ ކްލަބުން މާލޭގައި ކުޅެފައިވެއެވެ.

އޭއެފްސީ ކަޕުގެ ގްރޫޕް ސްޓޭޖު ފެށޭނީ މި މަހުގެ ސާދަވަނަ ދުވަހުއެވެ. ގްރޫޕް ސްޓޭޖުގައި ކޮންމެ ޓީމެއް ކޮންމެ ޓީމަކާ އެއް މެޗު ކުޅުމަށް ފަހު އެންމެ މޮޅުވާ ޓީމެއްދާނީ ޒޯނަލް ސެމީ ފައިނަލަށެވެ. ރާއްޖޭން މިހާތަނަށް ގްރޫޕް ސްޓޭޖު ފަހަނަ އަޅައި އޭއެފްސީ ކަޕުގައި ކުރިއަށް ދެވިފައިވަނީ ނިއުރޭޑިއަންޓަށް އެކަންޏެވެ. ނިއުއިންވަނީ ދެހާސް ފަސްވަނަ އަހަރު މުބާރާތުގެ ސެމީ ފައިނަލަށް އަދި ދެހާސް ތޭރަވަނަ އަހަރު ކުއާޓަރ ފައިނަލަށް ދަތުރުކޮށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް