ads
ފޮޓޯ:އިރު
ހައިރިސްކު ވިޔަސް ނުރައްކާތެރި ގައިދީން ގޭބަންދަށް ބަދަލު ނުކުރާނެ: ކަރެކްޝަންސް
ޖަލުތަކުގައި ތިބި ހައިރިސްކު މީހުން ގޭ ބަންދަށް ބަދަލުކުރުމުގައި ވަކިކަންތައްތަކަށް ބަލަމުންދާ ކަމަށާއި ހައިރިސްކު ވިޔަސް މުޖުތަމައުއަށް ނުރައްކާތެރި ގައިދީން ގޭބަންދަށް ބަދަލު ނުކުރާނެ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނެފި އެވެ.

ސީއެންއެމްއަށް މައުލޫމާތު ދެއްވަމުން ކަރެކްޝަންސްގެ މީޑިއާ އޮފިސަރު އައިމިނަތު ޔުސްރީން ވިދާޅުވީ، ޖަލުތަކުގައި ތިބި ހައި ރިސްކު މީހުން ގޭ ބަންދަށް ބަދަލުކުރުމުގެ މަސައްކަތުގެ ތެރެއިން މިހާރު ކުރަމުންދާ މަސައްކަތަކީ އެފަދަ މީހުން ދެނެގަތުން ކަމަށާއި، ގޭބަންދަށް ބަދަލުކުރުމުގައި މީހުން ކަނޑައަޅަން ނިންމާފައިވަނީ ވަކި ކެޓަގެރީތަކަކަށް ފެތޭ ގައިދީން ކަމަށެވެ. 

އެގޮތުން ގޭ ބަންދަށް ބަދަލުކުރަންޖެހޭ ހައިރިސްކު މީހުންގެ ތެރެއިން މުޖުތަމައުައަށް ނުރައްކަލެއް އޮންނަ އެއްވެސް ގައިދީއަކު ގޭ ބަންދަށް ދޫކޮށްނުލާނެ ކަމަށް ޔުސްރީން ވިދާޅުވިއެވެ. އެފަދަ ގައިދީން ދޫކޮށްނުލާނެ ސަބަބު ސާފުކޮށްދެއްވަމުން ޔުސްރީން ވިދާޅުވީ، އެ ގައިދީން އަކީ އެމީހުން ގޭބަންދަށް ދޫކޮށްލައިފިނަމަ މުޖުތަމައުއަށް އެމީހުންގެ ސަބަބުން ގެއްލުމެއް ނުވަތަ ބިރުވެރިކަމެއް އޮންނާނެ ބައެއް ކަމަށާއި ފިލުމުގެ ފުރުސަތުވެސް އޮތް ބައެއް ކަމަށެވެ. 

އެހެންކަމުން ކޮވިޑް-19 އާއި ގުޅިގެން ކަރެކްޝަންސްގެ ބެލުމުގެ ދަށުގައި ތިބި ހައިރިސްކު މީހުންގެ ތެރެއިން ގޭ ބަންދަށް ދޫކޮށްލެވޭ މީހުން ރަނގަޅަށް ބެލުމަށްފަހު އެމީހުން ގޭބަންދަށް ދޫކޮށްލުމާއި މެދު އަންނަ ހަފްތާގެ ތެރޭގައި ގޮތެއް ނިންމޭނެ ކަމަށް ޔުސްރީން ވިދާޅުވިއެވެ. 

އެމީހުން ގޭބަންދަށް ދޫކޮށްލުމަށްފަހު ކަރެކްޝަންސްގެ ފަރާތުން ގައިދީން ބެލެހެއްޓުމުގެ ކަންކަން ކުރިއަށް ގެންދާނެ ގޮތަކާއި މެދު ވެސް މަޝްވަރާ ކުރެވެމުންދާ ކަމަށާއި ވަރަށް އަވަހަށް އެކަމަށްވެސް ގޮތެއް ނިންމިގެންދާނެ ކަމަށް ޔުސްރީން ވިދާޅުވިއެވެ. 

ޖަލުތަކުގައި ތިބި ހައި ރިސްކު މީހުން ގޭ ބަންދަށް ބަދަލު ކުރަން ނިންމީ ކޮވިޑްގެ ހާލަތު ގޯސްވަމުންދާތީ ރައްކާތެރިކަމަށްޓަކައެވެ.

ކަރެކްޝަނުން ބުނެފައި ވަނީ އައްސޭރި ޖަލާއި މާފުށީ ޖަލުންވެސް ގައިދީން ޕޮޒިޓިވްފަައިވާ ކަމަށާއި ބައެއް އޮފިސަރުންވެސް ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.

ޖަލުގައި ކޮވިޑް ފެތުރެމުން ދާތީ އެންމެ ފުރަތަަމަ ގެއަށް ބަދަލުކުރެއްވި ބޭފުޅަކީ އެމްއެމްޕީއާރްސީގެ މައްސަލާގައި ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒް ކުރަމުންދާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް