ads
ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ސޯލިހު ވާހަކަދައްކަވަނީ ---
ރައްޔިތުންނަށް ސައްހަ ތެދު މައުލޫމާތު ފޯރުކޮށްދެއްވާ: ރައީސް
ޚަބަރާއި މައުލޫމާތު ފެތުރުމުގައި ޒިންމާދާރުކަމާއި އެކު އެންމެ ފުރިހަމަ ތެދު މަޢުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދެއްވުމަށް ދިވެހި ނޫސްވެރިންނަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އިލްތިމާސްކުރައްވައިފިއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވެފައިވަނީ މިއަދު ފާހަގަކުރަމުންދާ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާ ގުޅިގެން ފޮނުއްވި ތަހުނިޔާގެ ހިތާބުގައެވެ.

އެމަނިކުފާނު ވިދާޅުވީ ކޮންމެ ކަމެއްގައިވެސް އެންމެ ފުރިހަމަ ތެދު މަޢުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދިނުމާއެކީ، ފަނާކުރަނިވި އެންމެހައި ކަންކަމުން ރައްޔިތުން ދުރުހެލިކޮށް، ގައުމު ބިނާކޮށް އާރާސްތުކުރުމުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމަށް މަސައްކަތް ކުރުމަކީ ނޫސްވެރިންގެ އެންމެ މަތީ ޒިންމާކަމަށް ހެދުން މުހިންމު ކަމަށެވެ.

އެމަނިކުފާނު ވަނީ ނޫސްވެރިކަމަކީވެސް ގައުމީ ހިދުމަތެއް ކަމުގައި ދެކިގެން، ގައުމު ބިނާކުރުމުގެ ރޫޙުގައި ހުރިހާ ނޫސްވެރިންވެސް މަސައްކަތް ކުރައްވާނެ ކަމަށް އުންމީދު ކުރައްވާކަމަށް ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ މައުލޫމާތު ފެތުރުމުގައި ގައިމުކޮށް ނޭނގޭ ވާހަކަތަކަށް ބަރޯސާނުވެ، ތަހުލީލީ ނޫސްވެރިކަމުގެ ޒަރީއާއިން، ކޮންމެ ކަމެއްގެވެސް ޙަގީގަތާ ހަމައަށް ފީނައި، ކަން އޮތް ގޮތް ރައްޔިތުންނަށް ހާމަކޮށްދިނުމަށް ގޮވާލައްވާފައެވެ. އަދި، ޚަބަރާއި މަޢުލޫމާތު ފެތުރުމުގައި މިހާރަށް ވުރެވެސް ބޮޑަށް ޒިންމާދާރު ވުމަށް ހުރިހާ ދިވެހި ނޫސްވެރިންނަށް، އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.

މީގެ އިތުރުން ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި ދިވެހި ނޫސްވެރިކަމަށް މިނިވަން މާޙައުލެއް ފަހިކޮށްދިނުމުން، ނޫސްވެރިކަމަކީ ދައުލަތުގެ ހަތަރު ވަނަ ބާރުކަން، މިދިޔަ ތިން އަހަރުގެ ތެރޭގައި ވަރަށް ރަނގަޅަށް ސާބިތުވެއްޖެއެވެ. ނޫސްވެރިންގެ ސަބަބުން ދައުލަތް ހިންގުމުގެ ނިޒާމުގެ ތެރޭގައި ހުރި ނުރަނގަޅު އެތައް ކަމެއް އެނގި، އެއީ ދައުލަތުގެ މުވައްޒަފުން އަމިއްލައަށް ޒިންމާދާރުވުމަށް ލިބުނު ވަރަށް ބޮޑު ބާރަކަށްވި ކަމެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މި ސަރުކާރުން މިނިވަން ނޫސްވެރިކަމަށް ޖާގަދިނުމަށް ކުރެވުނު މަސައްކަތްތަކަށް ފަހު، ފާއިތުވެގެން މިދާ ތިން އަހަރުގެ ތެރޭގައި، ބައިނަލްއަގްވާމީ ނޫސްވެރިކަމުގެ މިނިވަންކަމުގެ މިންގަނޑުގައި ރާއްޖެ ބޮޑު ކުރިއެރުމެއް ހޯދައިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މިގޮތުން، ވޯލްޑް ޕްރެސް ފްރީޑަމް އިންޑެކްސްގައި، މިހާރު ރާއްޖެ އޮތީ 72 ވަނައަށް ކުރިއަށް ޖެހިފައެވެ. 2018 ވަނަ އަހަރު މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު ވޯލްޑް ޕްރެސް ފްރީޑަމް އިންޑެކްސްގައި ރާއްޖެ އޮތީ 120 ވަނައިގައެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް