ads
ޖާބިރު ---
ސަރުކާރު ހިންގުމަށް މަޖިލީހުން ހުރަސް އަޅާ: ޖާބިރު
ރައްޔިތުންގެ މަޖިލީހުން ސަރުކާރު ހިންގުމަށް ހުރަސް އަޅާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަދި ޑީއާރުޕީގެ ރައީސް އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

ޖާބިރު މިހެން ވިދާޅުވީ، ވިޔަފާރިތަކަށް ސަރުކާރުން ބަދަލު ދިނުމާއި ގުޅިގެން "ސީއެންއެމް" އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގަ އެވެ. 

އެގޮތުން ރާއްޖޭގެ ތާރީހުގައިވެސް، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަ މީހަކީ ސަރުކާރުގެ ފުލް ކޮންޓްރޯލު އޮންނަ މީހާ ކަން ފާހަގަ ކުރެވިފައިވާ ކަމަށް ޖާބިރު ވިދާޅުވިއެވެ. 

ޖާބިރު ވިދާޅުވީ، ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމްގެ ސަރުކާރަށް އެކަނި ބެއްލެވި ނަމަވެސް، އެ ދުވަސްވަރު ރާއްޖޭގެ ސެންޓްރަލް ބޭންކް ގަވަރުނަރު، ފިނޭންސް މިނިސްޓަރު އަދި ޑިފެންސްން މިނިސްޓަރުގެ ވެސް ކޮންޓްރޯލް އޮތީ މައުމޫނުގެ އަތުގައިކަން ޖާބިރު ފާހަގަ ކުރެއްވިއެވެ.

މީގެ އިތުރުން ދައުލަތް ހިންގުމުގައި އަބަދުވެސް ބަލަން ޖެހޭނީ އެއްވެސް މީހަކަށް "ހާނީއްކަ" ނުވާނެ ގޮތަކަށް ސަރުކާރު ހިންގުމަށް ކަމަށް ޖާބިރު ވިދާޅުވިއެވެ. ނަމަވެސް ސަރުކާރުގައި އެ އިރަކު ތިބޭ މީހުން، އެމީހުން ބޭނުންހާ ގޮތަކަށް، ވިޔަފާރިތަކަށް ގެއްލުންވާ ގޮތަށް އަމަލު ކުރައްވާ ކަމަށް ޖާބިރު ތުހުމަތު ކުރެއްވި އެވެ. 

"ސަރުކާރު ކުންފުނިތަކުގަޔާ ސަރުކާރު ވުޒާރާތަކުގައި ތިބެގެން، އެކި ގޮތްގޮތުން އެކި ސަރުކާރުތަކުން ވަނީ ވިޔަފާރިތަކާއެކު ކުރެވިފައިވާ އެގްރީމަންޓުތަކަށް، ސަރުކާރު ހިތުހުރިހާ ގޮތަކަށް ސަރުކާރުގައި އެވަގުތަކު ތިބޭ ބަޔަކު ސިޔާސީ ގޮތަކުން ބޭނުންވާހާ ގޮތަކަށް އަމަލު ކުރަމުން ދަނީ" ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ވެރިކަމަށް އައީ، ވިޔަފާރިތަކަށް ހައްގު ބަދަލު ދޭނެ ކަމަށް ވައުދުވެގެން ކަމަށެވެ. އަދި ވެރިކަމަށް ވަޑައިގެން ރައީސް އެ މަސައްކަތް ފެއްޓެވިކަން ޖާބިރު ފާހަގަ ކުރެއްވިއެވެ. 

ނަމަވެސް އެކަމަށް ހުރަސް އެޅީ ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުން ކަމަށް ޖާބިރު ވިދާޅުވިއެވެ. އަދި ބަދަލަކީ ދޭން ޖެހޭ އެއްޗެއް ނޫންކަމަށް މަޖިލީހުން ހަދާފައިވާ ކަމަށް ޖާބިރު ވިދާޅުވިއެވެ.

މިކަމާ ގުޅިގެން އެތައް ވިޔަފާރިތަކެއް ކޯޓުތަކުގައި އުޅޭ ކަމަށާއި، އެ ވިޔަފާރިތައް ބަނގުރޫޓުވެގެން ދަނީ މިކަމާ ގުޅިގެން ކަމަށް ޖާބިރު ވިދާޅުވިއެވެ. 

ސަރުކާރުން މިހާރު މަސައްކަތް ކުރަނީ، ހައްގު ގޮތުގައި ސަރުކާރުގެ ފަރާތުން މީހަކަށް ގެއްލުމެއް ވެފައިވާނަމަ، ސަރުކާރާ އެމީހަކާ ވާހަކަ ދައްކާ، ސަރުކާރަށް އަގުހެޔޮވާގޮތަށް އެ ބަދަލު ދިނުން ކަމަށެވެ. އަދި ކޯޓުން މިފަދަ މައްސަލަ ނިންމާނަމަ، ސަރުކާރުގެ އިތުރުން ވިޔަފާރިތަކަށް ވެސް ގެއްލުންވާ ކަމަށް ޖާބިރު ވިދާޅުވިއެވެ. 

ކޮންޓްރެކްޓުތަކާ، ގާނޫނު އަސާސީގައި ވެސް ބަދަލު ދޭން އޮންނައިރު އެގޮތަށް ކަން ކުރަން ޖެހޭ ކަމަށް ޖާބިރު ވިދާޅުވިއެވެ. އަދި ތިން ބާރު ވަކިވެފައިވާ ސަރުކާރެއްގައި ފެނިގެން މިދަނީ، "ހުދުމުހުތާރުކޮށް" މަޖިލީހުން ސަރުކާރު ހިންގުމަށް ހުރަސް އަޅާ މަންޒަރު ކަމަށް ޖާބިރު ވިދާޅުވިއެވެ. 

ރައްޔިތުން މަޖިލީހުގެ ރައީސް އަދި މަޖިލީހުގެ މެމްބަރުންނަށް ދަންނަވަން އޮތީ، ސަރުކާރު ހިންގުމަށް ހުރަސް އެޅުމަކީ މަޖިލީހުން ޖަވާބުދާރީ ކުރުމުގެ ތެރެއިން ހިންގަންވާނެ ކަމެއް ނޫން ކަމަށާއި، ސަރުކާރު ޖަވާބުދާރީ ކުރުވުމަކީ މަޖިލީހުގެ ފަންކްޝަނެއް ކަމަށާއި، ސަރުކާރު ހިންގަން ޖެހޭނެ ކަމަށާއި، ސަރުކާރު ނުހިންގިއްޖެ ނަމަ ގެއްލުންވާނީ ރައްޔިތުންނާއި ގައުމުގެ ވިޔަފާރިތަކަށް ކަމަށް ޖާބިރު ވިދާޅުވިއެވެ. 

ސަރުކާރު ހިންގުމުގެ އެއްވެސް ކަމަކަށް މަޖިލީހުން ހުރަސް އަޅާން ޖެހޭ ސަބަބެއް ނޯންނާނެ ކަމަށް ޖާބިރު ވިދާޅުވިއެވެ. އަދި ގަބޫލު ކުރަނީ އެފަދަ ދުވަހެއް އައިސްފައިވާ ކަމުގައި ކަމަށް ޖާބިރު ވިދާޅުވިއެވެެ. 

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް