ads
މާލޭ މިސްކިތްތަކުގައި ފާހަގަ ޖަހާފަ:
ނަމާދު ކުރާއިރު ގައިދުރުކަން ބެހެއްޓުމާއެކު މާސް އެޅުމަށް މަޖްބޫރު ކޮށްފި
މިސްކިތްތަކުގައި ނަމާދު ކުރާއިރު ގައިދުރުކަން ބެހެއްޓުމާއި އެކު މާސް އެޅުމަށް މަޖްބޫރު ކުރާ ގޮތަށް ބަދަލު ގެނައުމަށް މިއަދު ނިންމައިފިއެވެ.

އެޗްޕީއޭއިން ބުނީ މިސްކިތްތަކުގައި ނަމާދުކުރާއިރު ނޭފަތާއި އަނގަ ނިވާވާ ގޮތަށް މާސް އަޅަން މަޖުބޫރުވާނޭ ކަމަށެވެ. އަދި މިސްކިތްތަކަށް ނަމާދުކުރަން ދާއިރު، އަމިއްލަ މުސައްލަ ގެންދިއުމަށްވެސް ވަނީ އިލްތިމާޒް ކޮށްފަ އެވެ.

މީގެ އިތުރުން މިސްކިތްތަކުގައި ޖަމާއަތް ހަދައިގެން ނަމާދުކުރާއިރު ގައިދުރުކޮށް ތިބުމަށްވެސް އެޗްޕީއޭގެ އެންގުމުގައި ބުނެފައިވެ އެވެ.

މި ނިންމުމަށް އަމަލުކުރާނީ މި މަހުގެ ފަސްވަނަ ދުވަހުން ފެށިގެން 15ވަަނަ ދުވަހާ ހަމައަށް ދިހަ ދުވަހުގެ މުއްދަތަކަށް ކަމަށް ވެސް އެޗްޕީއޭއިން ބުނެ އެވެ.

އެ މުއްދަތުގައި އަޅަން އިއުލާންކުރި ފިޔަވަޅުތަކުގެ ތެރޭގައި ރޭގަނޑު 12 އިން ފަތިހު ހަތަރަކަށް މާލެ ސަރަހައްދުގައި އެއްގަމު އުޅަނދުފަހަރު ދުއްވުން މަނާކުރުމާއި، ޕާކުތަކާއި މައިޒާންތައް ބަންދުކޮށް، ކުޅިވަރު ހަރަކާތްތަކާއި މުބާރާތްތައް ބޭއްވުން މަނާކުރުމާއި ކިންޑަގާޑަންއިން ފެށިގެން ގްރޭޑް 12 އާ ހަމައަށް ކިޔެވުން އޮންލައިންކޮށް ކުރިއަށްގެން ދިއުން ހިމެނޭ ކަމަށް އެޗްޕީއޭއިން ބުނެ އެވެ.

މީގެ އިތުރުން ވެކްސިންގެ ދެ ޑޯޒު ފުރިހަމަ ކުރުމުން ރަށްރަށަށް ދަތުރުކުރުމުގައި ދިން ލުއިތައް ވެސް އެ މުއްދަތަށް ވަނީ އެޗްޕީއޭއިން މެދުކަނޑާލާފަ އެވެ.

ރާއްޖޭގައި ފިޔަވަޅުތަށް ވަރުގަދަކޮށްފައި ވަނީ ކޮވިޑަށް ރެކޯޑް އަދަދަކަށް މީހުން ޕޮޒިޓިވްވުމާ ގުޅިގެން އެ ބަލި ކޮންޓުރޯލް ކުރުމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް