ads
ކަސްޓަމްސް ބިލްޑިންގްގައި ހިނގައިދިޔަ ރަސްމިއްޔާތު ތެރެއިން --- ފޮޓޯ؛ ކަސްޓަމްސް
ކަސްޓަމްސް އާއި ފުލުހުންނާއި އިމިގްރޭޝަން އެއްބަސްވުމެއްގައި ސޮއިކޮށްފި
ކަސްޓަމްސް އިން ނެރިފައިވާ ނޫސްބަޔާނެއްގައި ބުނެފައިވާ ގޮތުގައި މިއަދު ކަސްޓަމްސް ބިލްޑިންގްގައި ބޭއްވުނު ހާއްސަ ރަސްމިއްޔާތެއްގައި މޯލްޑިވްސް ޕޮލިސް ސާވިސް އަދި މޯލްޑިވްސް އިމިގްރޭޝަން އާއެކު މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ގްލޯބަލް ޓްރެވަލް އެސެސްމަންޓް ސިސްޓަމް (ޖީޓީއޭއެސް) މައުލޫމާތު ހިއްސާކުރުމަށްޓަކައި އެމްއޯޔޫއެއްގައި ވަނީ ސޮއިކޮށްފައެވެ.

މި އެމްއޯޔޫގައި ކަސްޓަމްސްގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް ޢަބްދުﷲ ޝަރީފްއެވެ. އަދި ފުލުހުންގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދި ހަމީދު، އަދި އިމިގްރޭޝަންގެ ފަރާތުން ސޮއިކުރެއްވީ ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު އަހްމަދު ހުސެއިން ކަމަށް ކަސްޓަމްސް އިން ބުނެފައިވެއެވެ.

ޖީޓީއޭއެސްއަކީ ދުނިޔޭގެ ކަސްޓަމްސް ޖަމިއްޔާ އާއި ޔޫއެސް ކަސްޓަމްސް އެންޑް ބޯޑާ ޕްރޮޓެކްޝަން ގުޅިގެން ޔުނައިޓެޑް ނޭޝަންސް (ޔޫއެން) ސެކިއުރިޓީ ކައުންސިލްގެ ރިޒޮލިއުޝަން 2178 އާއި 2396 އަށް ރިއާޔަތްކޮށް އެޑްވާންސް ޕެސެންޖާ އިންފޯމޭޝަން (އޭޕީއައި) އަދި ޕެސެންޖާ ނޭމް ރެކޯޑްސް (ޕީއެންއާރު) އެސެސްކޮށް އެނެލައިޒްކުރެވޭ ގޮތަކަށް ފަރުމާކޮށްފައިވާ ސިސްޓަމެއް ކަމަށް ކަސްޓަމްސްއިން ބުނެފައިވެއެވެ. 

އެމްޔޫއޯގައި ސޮއިކުރެވުނު މައިގަނޑު މަގްސަދަކީ މޯލްޑިވްސް ކަސްޓަމްސް ސާވިސް ގައި ގާއިމްކުރެވިފައިވާ މި ސިސްޓަމް މެދުވެރިކޮށް އޭޕީއައި އަދި ޕީއެންއާރު މައުލޫމާތު މޯލްޑިވްސް ޕޮލިސް ސާވީސް އަދި މޯލްޑިވްސް އިމިގްރޭޝަންގައި ހިއްސާކުރުމަށް ކަމަށާއި އަދި މީގެ ސަބަބުން ދިވެހިރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގައި، ބޯޑާ ސެކިއުރިޓީ ބެލެހެއްޓުމުގެ ނިޒާމް ހަރުދަނާވެ، މޯލްޑިވްސް ޕޮލިސް ސާވީސް އަދި މޯލްޑިވްސް އިމިގްރޭޝަން އާއި ކަސްޓަމްސް އާއި ދެމެދު ފަސޭހަކަމާއެކު މައުލޫމާތު ބަދަލުކުރެވިގެންދާނެ ކަމަށް ކަސްޓަމްސް އިން ބުނެފައިވެއެވެ. 

އަދި މި ނިޒާމް ގާއިމްކުރުމުގެ ސަބަބުން ޓެރަރިޒަމް، މަނީ ލޯންޑަރިންގް އަދި ހިއުމަން ޓްރެފިކިންގް ފަދަ ކުށްތައް ހުއްޓުވުމާއި، މަސްތުވާތަކެއްޗާއި ރާއްޖެއަށް އެތެރެކުރުން މަނާތަކެތި އެތެރެވެ ބޭރުވުން ހުއްޓުވައި އަދި އެނޫނަސް ގާނޫނާއި ގަވާދާއި ހިލާފު ހަރަކާތްތަކަށް ފާރަވެރިވެ ދިވެހިރާއްޖެ އަށް ވަދެނިކުމެވޭ ދޮރާށިތައް ހިމާޔަތްކޮށް ރައްކާތެރިކުރުމުގެ މަސައްކަތް ހަރުދަނާވެ، ބައިނަލް އަގުވާމީ ވިޔަފާރިއާއި، ދަތުރުފަތުރަށް ރައްކާތެރި އަދި ލުއިފަސޭހަ މާހައުލެއް ގާއިމުކޮށްދިނުމާއި ގާނޫނާއި ގަވައިދުތައް އެންމެ ފުރިހަމަ ގޮތުގައި ތަންފީޒުކުރުމަށް މަގުފަހިވެގެންދާނެ ކަމަށާއި ނިޒާމް ހަރުދަނާ ކުރުމުގެ ގޮތުން ކަމާ ގުޅުންހުރި ސަރުކާރުގެ އިތުރު އިދާރަ ތަކާއެކު މިފަދަ އެއްބަސްވުން ތަކުގައި ސޮއިކުރެވިގެން ދާނެ ކަމަށް ކަސްޓަމްސް އިން ބުނެފައިވެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް