ads
ރައްޔިތުންގެ މަޖިލީހުގެ ފުލޯ: ފޮޓޯ މަޖިލިސް
މަދަނީ އިޖުރާތުގެ ފުރިހަމަ ބިލް ކޮމެޓީގައި އޮންނަތާ ފަސް މަސްވެއްޖެ
މަދަނީ އިޖުރާއަތުގެ ބިލުގެ ފުރިހަމަކޮށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ފޮނުވާފައި އޮންނަތާ ފަސް މަސް ދުވަސްވެފައިވާކަމަށް އެޓާނީ ޖެނެރަލް އޮފީހުން ބުނެފި އެވެ.

ދައުލަތުން ބަދަލު ދިނުމުގެ މައްސަލައާ ގުޅިގެން އުފެދިފައިވާ ކަން ބޮޑުވުންތަކާ ގުޅިގެން ރޭ ރައިސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުގައި ދެއްކެވި ވާހަކަތަކާ ގުޅިގެން މިއަދު ޖުޑީޝިއަރީ ކޮމެޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަދަނީ އިޖުރާތުގެ ބިލާ ގުޅިގެން ދެއްކެވި ވާހަކަތަކާ ގުޅިގެން މި ރޭ އޭޖީ އޮފީހުން ނެރުނު ބަޔާނުގައި ބުނެފައިވަނީ މަދަނީ އިޖުރާއަތުގެ ބިލު މަޖިލީހަށް ފޮނުވި އިރު މުޅިން ފުރިހަމަނުވާކަމަށް ނުވަތަ އިނގިރޭސި ތަރުޖަމާއެއް ފޮނުވިކަމަށެވެ.

އެ ބިލުގެ އިނގިރޭސި ޑްރާފްޓަށް ބިނާކޮށް، ފޮނުވި ޑްރާފްޓާބެހޭ ގޮތުން ކޮމެޓީން ދެއްކި ވާހަކަތަކާ ގުޅިގެން މަސައްކަތް އަވަސް ކުރުމަށް އެބިލް މުޅިން ފުރިހަމަކޮށް އެ މަސައްކަތް މުޅިން ނިމި، އިސްލާހުކުރެވުނު ބިލު އޭޖީ އޮފީހުން ކޮމިޓީއަށް ފޮނުވީ، މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ހަތަރު ވަނަ ދުވަހު ކަމަށް އޭޖީ އޮފީހުގެ ބަޔާނުގައި ބުނެ އެވެ.

 އެ ބިލަކީ ގާތްގަނޑަކަށް ތިންސަތޭކައެއްހާ ސަފްހާގެ ބިލެއްކަމުން، ކޮމިޓީން ބިލު ދިރާސާކުރެއްވުމުގެ މަސައްކަތަށް ހުރަހަކަށްނުވާނެ އުސޫލުން، މަސައްކަތް ގެންދިޔުމުގެ ބޭނުމުގައި، އެ އޮފީހުން އެ ބިލު މުރާޖަޢާކުރުމުގެ މަސައްކަތް ފުރަތަމަ ފެށީ، ބިލުގެ އެކި ބައިތައް ވަކިވަކިން މުރާޖާކޮށް، އެ ވަކިވަކި ބައިތަކަށް ގެންނަންޖެހޭ އިސްލާޙެއްވާނަމަ، އެ ބައިތައް އިސްލާހުކުރުމަށްފަހުގައި ކޮމިޓީއާ ހިއްސާކުރަމުންދާ ގޮތަށް، ކޮމިޓީއާ ގުޅިގެން ކުރިއަށްގެންދާ މަސައްކަތެއްގެ ގޮތުގައިކަމަށް އޭޖީ އޮފީހުން ބުނެ އެވެ.

އޭޖީ އޮފީހުގެ ބަޔާނުގައި އިތުރަށް ބުނީ އެ ބިލުގެ އެކި ބައިތައް ވަކިވަކިން ކުރިއަށްގެންދިޔުމަކީ އެންމެ އެދެވިގެންވާ ގޮތް ނޫން ކަމުގައި ކޮމިޓީން ވިދާޅުވުމުން، އެ ބިލު އެކުގައި މުރާޖާކޮށް، މުޅި ބިލުގެ އިސްލާހުކޮށްފައިވާ ދެލިކޮޕީއެއް، މަޖިލީހުގެ ޖުޑީޝިއަރީ ކޮމިޓީއާ ހިއްސާކުރަން ނިންމިކަމަށެވެ.

" އޭގެ ފަހުން، ކޮމިޓީން ބިލުގެ މަސައްކަތް ކުރިއަށްގެންދެވުމުގައި އެހީއެއްގެ ގޮތުގައި ބޭނުންކުރެއްވޭނެ ބިލުގެ ހުލާސާއެއްވެސް މި އޮފީހުން ވަނީ އެކުލަވާލައި، މި އަހަރުގެ މާރިޗު މަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝިއަރީ ކޮމިޓީއަށް ފޮނުވާފައެވެ.،" އޭޖީ އޮފީހުގެ ބަޔާނުގައި ބުނެފައިވެ އެވެ.

އޭޖީ އޮފީހުން ބުނީ މަދަނީ އިޖުރާއަތުގެ ބިލު ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ކަމަށާއި އަދި އެ ބިލުގެ އިބްތިދާއީ ބަހުސްގެ މަރުހަލާ ނިމި، ރައްޔިތުންގެ މަޖިލީހަށް ބިލު ބަލައިގަނެ މަޖިލީހުގެ ޖުޑީޝިއަރީ ކޮމިޓީއަށް ފޮނުވުނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 12 ވަނަ ދުވަހު ކަމަށެވެ.

މަދަނީ އިޖުރާއަތުގެ ބިލަކީ 25 ޖޫން 2019 ގައި ސަރުކާރުން އިޢުލާނުކުރި ލެޖިސްލެޓިވް އެޖެންޑާގައި ހިމެނުނު މުހިންމު ބިލުތަކުގެ ތެރެއިން އެއް ބިލުކަމަށާއި އެ ބިލު އެކުލަވާލުމުގެ މަސައްކަތް އެ އޮފީހުން ފަށާފައިވަނީ، 2019 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި، ޔޫ.އެން.ޑީ.ޕީ.ގެ އެހީތެރިކަމާއެކު އައްޔަންކުރި އިންޓަނޭޝަނަލް ކޮންސަލްޓަންޓެއް މެދުވެރިކޮށްގެން ކަމަށް އޭޖީ އޮފީހުން ބުނެ އެވެ.

އެގޮތުން ކޮންސަލްޓަންޓް އެކުލަވާލި ބިލުގެ އިނގިރޭސި ދެލިކޮޕީގެ އެންމެ ފަހުގެ ކޮޕީ މި އޮފީހަށް ހުށަހެޅުނީ، އެ އަހަރުގެ ނޮވެމްބަރު މަހުގެ ފަހުކޮޅުގައި ކަމަށްވީނަމަވެސް، އެ ބިލުގެ މަސައްކަތް ނިންމައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް އެ އަހަރު ގަސްދުކޮށްފައިވާތީ، ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރަށް އެ ބިލު ހުށަހެޅުމަށްޓަކައި، އެ ބިލުގެ އިނގިރޭސި ޑްރާފްޓަށް ބިނާކޮށް، ބިލުގެ ދިވެހި ދެލިކޮޕީއެއް އެކުލަވާލުމުގެ މަސައްކަތް އޭޖީ އޮފީހުން ކުރިއަށްގެންގޮސްފައިވާކަމަށް ބަޔާނުގައި ބުނެ އެވެ.

" އެހާތަނަށް މަޖިލީހުގެ އެ ދައުރުގައި ދެން ބާކީ އޮތީ ދެ ހަފްތާއެއްހާ ދުވަސްކަމުން، އެ މަސައްކަތް ފުރިހަމަކުރަންޖެހުނީ ވަރަށް ކުރު މުއްދަތެއްގެ ތެރޭގައެވެ. އެހެންނަމަވެސް، ކަނޑައެޅިފައިވާ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރު ނިމުމުގެ ކުރިން އެ ބިލު އެމަޖިލީހަށް ހުށަހެޅުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރިއަށްގެންދިޔުމަށް ނިންމައި، އެ ބިލު އެ އަހަރުގެ ޑިސެމްބަރު މަހު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީއެވެ.،" ކަން ހިނގާފައިވާ ގޮތް ހާމަކުރުމަށް އޭޖީ އޮފީހުން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

މަދަނީ އިޖުރާއަތުގެ ބިލު އެކުލަވާލުމުގެ މަސައްކަތަކީ، ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި ފުރިހަމަކުރަންޖެހުނު  މަސައްކަތެއް ކަމުން، އެ ބިލުގެ ކޮމިޓީ މަރުޙަލާގައި ބިލު އަލުން މުރާޖަޢާކޮށް ފުރިހަމަކުރުމުގެ މަސައްކަތް، ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝިއަރީ ކޮމިޓީއާ ގުޅިގެން އޭޖީ އޮފީހުން 2020 ވަނަ އަހަރު ކުރިއަށްގެންދިޔަކަމަށް ބަޔާނުގައި ބުނެ އެވެ.

މަދަނީ އިޖުރާއަތުގެ ބިލަކީ، ދިވެހިރާއްޖޭގެ މަދަނީ ޢަދުލުގެ ނިޒާމު ތަރުތީބުވެގެންދާނެ ގޮތް ކަނޑައަޅައިދޭ މައިގަނޑު ބިލު ކަމުގައިވާތީ، އެ ބިލުގެ މަސައްކަތް ޖުޑީޝިއަރީ ކޮމިޓީން ކުރިއަށްގެންދަވާއިރު، އެ ކޮމިޓީގެ މަސައްކަތުގައި ސަރުކާރުން ދޭންޖެހޭ އެހީތެރިކަމާއި އެއްބާރުލުން މިހާތަނަށް ސަރުކާރުން ދީފައިވާކަމަށް އޭޖީ އޮފީހުން ބުނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް