ads
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހާއި ޖަޕާނުގެ ބޮޑު ވަޒީރު ޝިންޒޯ އާބޭ -- ފޮޓޯ: ރައީސް އޮފީސް
ރައީސް ސޯލިހް ޖަޕާނުގެ ބޮޑުވަޒީރާ ބައްދަލުކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހާއި ޖަޕާނުގެ ބޮޑުވަޒީރު، ޝިންޒޯ އާބޭ މިއަދު ބައްދަލުކުރައްވައި ދެ ގައުމުގެ ދެމެދުގައި ރަސްމީ ވާހަކަފުޅުތައް ބާއްވަވައިފިއެވެ. އެ ބައްދަލު ކުރެއްވުން އޮތީ ޖަޕާނުގެ ބޮޑުވަޒީރުގެ އޮފީހުގައެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް، ޖަޕާނުގެ ބޮޑުވަޒީރު ޝިންޒޯ އާބޭއާ މިއަދު ބައްދަލުކުރައްވައިފި އެވެ.

ޖަޕާންގެ ބޮޑުވަޒީރުގެ އޮފީހުގައި ކުރިއަށް ދިޔަ މިބައްދަލުކުރެއްވުމުގައި ދެ ގައުމުގެ ދެމެދުގައި ރަސްމީ ވާހަކަތައް ވަނީ ކުރިއަށް ގެންގޮސްފަ އެވެ. އެގޮތުން ދެ ލީޑަރުންގެ މި ބައްދަލުކުރެއްވުމުގައި ދެ ގައުމުގެ ޒަމާންވީ ބަދަހިގުޅުމާއި އެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރެއްވި އެވެ.

މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ވޭތުވެދިޔަ ދުވަސްތަކުގައި ޖަޕާނުން ރާއްޖެއަށް ވެދެއްވާފައިވާ އެހީތެރިކަމަށް ޝުކުރު އަދާ ކުރައްވާ ޖަޕާނާއި ރާއްޖެއާއި ދެމެދު އޮންނަ ރަހްމަތްތެރިކަން ކުރިމަގުގައި އޮންނާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައި ވިދާޅުވެފަ އެވެ.

ޖަޕާނަށް ދަތުރުކުރާ ދިވެހިންނަށް ވިސާގެ ކަންކަން ފަސޭހަކުރުމާއި ފަތުރުވެރިކަން ކުރިއެރުވުމުގެ އިތުރުން ދެ ގައުމުގެ ދެމެދުގައި ވައިގެ ދަތުރުތައް އިތުރުކުރުމާ ގުޅޭގޮތުންވެސް މިބައްދަލުވުމުގައި މަޝްވަރާކުރައްވާފައިވެ އެވެ.

ޖަޕާނުގެ ބޮޑުވަޒީރު ވަނީ ރާއްޖެއަކީ އިންޑިއާ ކަނޑުގެ ގައުމުތަކުގެ ތެރެއިން ޖަޕާނަށް ވަރަށް މުހިއްމު ބައިވެރިއެއްކަން ފާހަގަކުރައްވައި ރާއްޖޭގެ އުމުރާނީ ތަރައްގީ އާއި މާލީ ދާއިރާ އަދި ސަލާމަތީ ދާއިރާފަދަ ރާއްޖެއަށް އެހީތެރިކަން ބޭނުންވާ ދާއިރާތަކުން ކުރިމަގުގައި ވެސް އެހީތެރިކަން ފޯރުކޮށްދެއްވަމުން ގެންދަވާނެ ކަމުގައި ވިދާޅުވެފަ އެވެ.

ޖަޕާނުގެ ބޮޑުވަޒީރާއި ރައީސުލްޖުމްހޫރިއްޔާގެ މިބައްދަލުކުރެއްވުމުގައި ދެގައުމުން އިސްކަންދޭ ބައިނަލްއަގްވާމީ އެކި މައްސަލަތަކާ ބެހޭގޮތުންވެސް މަޝްވަރާކުރެއްވި އެވެ.

މިބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޖަޕާނުގެ ތަހުތަށް އެމްޕެރާ ނަރުހީޓޯ އިސްކުރެއްވުމާ ގުޅިގެން މަރުހަބާ ވިދާޅުވެފަ އެވެ. ހަމަ އެހެންމެ ނިމިދިޔަ ހަފުތާގެ ތެރޭގައި ޖަޕާނުގެ ކަންޓޯ ސަރަހައްދަށް އެރި ތޫފާން "ހަގިބިސް" ގައި ގެއްލުން ލިބުނު ފަރާތްތަކަށް އެމަނިކުފާނުގެ އިހްލާސްތެރި ހެޔޮދުއާ ރައްދުކުރެއްވި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވާލައްވަމުން ޖަޕާނުގެ ބޮޑުވަޒީރުގެ ޒައާމަތުގައި ޖަޕާނުގެ ރައްޔިތުންނަށް ކުރިއެރުމާ ފާގަތިކަމަށް އެދިވަޑައިގެންފައިވެ އެވެ. އަދި ޖަޕާނުގެ ބޮޑުވަޒީރު ޝިންޒޯ އާބޭއަށް ފަސޭހަފުޅު ވަގުތެއްގައި ރާއްޖެ ވަޑައިގެންނެވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ޖަޕާނުގެ ބޮޑުވަޒީރަށް ދައުވަތު އަރުއްވާފަ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޖަޕާނަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ ޖަޕާނު ސަރުކާރުގެ ދައުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ.

ޖަޕާނަކީ ވޭތުވެދިޔަ ދިގު މާޒީގައި ރާއްޖެއަށް އެންމެ ބޮޑަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ރާއްޖޭގެ ޒަމާންވީ ތަރައްގީގެ ބައިވެރިއެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް