ads
ކޮވިޝީލްޑް ވެކްސިން
ކޮވިޝީލްޑް ދެ ހަފްތާ ތެރޭގައި ލިބޭނެ: އެޗްޕީއޭ
މިވަގުތު މާލޭ ސަރަހައްދުގައި ޖެހުން ހުއްޓާލާފައިވާ ކޮވިޝީލްގެ ވެކްސިން ދެން ލިބޭނީ ދެ ހަފްތާއެއްހާ ދުވަސް ފަހުން ކަމަށް އެޗްޕީއޭއިން ބުނެފި އެވެ.

 އެޗްޕީއޭއިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ކޮވިޑް-19 ގެ ބަލިމަޑުކަން ފެށި، އެ ބައްޔަށް ވެކްސިނެއް ތައްޔާރުކުރުމުގެ މަސައްކަތް ފެށުނު ހިސާބުން، ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ބޭނުންވާ މިންވަރަށް ވެކްސިން ހޯދުމަށް ގިނަ ގޮތްގޮތުން ސަރުކާރުން ގެންދަނީ މަސައްކަތް ކުރަމުން ކަމަށެވެ.

އެގޮތުން، އެސްޓްރާޒެނެކާ ކުންފުންޏާއެކު މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ހަދާފައިވާ އެއްބަސްވުމުގެ ދަށުން "އެސްޓްރާޒެނެކާ" ވެކްސިންގެ 700،000 ޑޯޒްއަށް ފައިސާ ދެއްކި ކަމަށާއި ކުރިއަށް އޮތް ޖޫން މަހުން ފެށިގެން ވެކްސިން ލިބޭނެކަމަށްވަނީ އަންގާފައި ކަމަށް އެޗްޕީއޭއިން ބުނެ އެވެ.

މީގެ އިތުރުން، ސިރަމް އިންސްޓިޓިއުޓް އޮފް އިންޑިއާއާއެކު ހަދާފައިވާ އެއްބަސްވުމެއްގެ ދަށުން "ކޮވިޝީލްޑް" ބްރޭންޑްގެ 300،000 ޑޯޒް ހޯދުމަށް ފައިސާ ދައްކާފައިވާނޭ ކަމަށާއި އެ އެއްބަސްވުމުގެ ދަށުން މިހާތަނަށް 100،000 ޑޯޒް ލިބިފައިވާކަމަށް އެޗްޕީއޭއިން ބުނެ އެވެ. 

އަދި މިދިޔަ މަހުގެ ތެރޭގައި އިތުރު ކޮވިޝީލްޑް ޝިޕްމަންޓްތައް ލިބުމަށް އޮތީ ތާވަލުކުރެވިފައި ކަމަށް ވެސް އެޗްޕީއޭއިން ބުނެ އެވެ.

އެޗްޕީއޭއިން ބުނެފައި ވަނީ މިއަހަރުގެ ފެބްރުވަރީ މަހުގެ އެއްވަނަ ދުވަހު ފެށި ކޮވިޑް-19 ދިފާއު ވެކްސިން ދިނުމުގެ ކެމްޕޭންގެ ދަށުން މިހާތަނަށް ޖުމްލަ 297،639 މީހުންނަށް ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައިދީފައިވާނެ ކަމަށެވެ .

އަދި، ވެކްސިންގެ ދެވަނަ ޑޯޒް ޖަހާދީފައިވާ މީހުންގެ އަދަދު 108،494 އަށް އަރާފައިވާކަން ފާހަގަކުރަމުން އެޗްޕީއޭއިން ބުނެފައި ވަނީ މިއާއެކު، ރާއްޖޭގެ ވެކްސިން ޖެހުމަށް އެލިޖިބަލް އާބާދީގެ 67.69 އިންސައްތައަށް ފުރަތަމަ ޑޯޒް ޖަހައިދީފައިވާއިރު، ދެވަނަ ޑޯޒް މި ވަނީ އެލިޖިބަލް އާބާދީގެ 24.67 އިންސައްތައަށް ޖަހައިދެވިފައި ކަމަށެވެ.

އެޗްޕީއޭއިން ބުނެފައި ވަނީ ކޮވިޑް-19ގެ ބަލިމަޑުކަމުގައި މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ހާލަތު އިތުރަށް ގޯސްވުމާ ގުޅިގެން ވެކްސިން އުފެއްދުމާއި، ވެކްސިން ފޯރުކޮށްދިނުމަށް ހުރިހާ ގައުމަކަށް ހުރަސްތަކަކާއި ލަސްތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.

ހާއްސަކޮށް، އެންމެ ގިނަ އަދަދަކަށް ވެކްސިން އުފައްދާ ގައުމުކަމުގައިވާ އިންޑިއާގެ އެކި ސަރަހައްދުތަކުގައި ކޮވިޑް-19ގެ ކޭސްތައް ހަލުވިކަމާއެކު ފެތުރެން ފަށާފައިވާ އިރު، ދުނިޔޭގެ އެހެން ގައުމުތަކެކޭ އެއް ފަދައިން، ރާއްޖެއަށް ވެސް މި ވަނީ ވެކްސިން ހޯދުމުގައި ދަތިތަކެއް ކުރިމަތިވެފައިކަން އެޗްޕީއޭއިން ފާހަގަކުރެ އެވެ.

އެހެންކަމުން، މި ކަންކަން ހައްލުކުރެވި، ވެކްސިންގެ އިތުރު ޑޯޒްތައް ރާއްޖެއަށް ލިބެންދެން، އާންމުކޮށް ހުޅުވައިލައިގެން ކޮވިޝީލްޑް ވެކްސިން ޖަހައިދިނުމަށް މި ވަގުތަށް މެދުކަނޑައިލާފައިވާ ކަމަށާއި ނަމަވެސް، އެމަޖެންސީ ހާލަތްތަކުގައްޔާއި، ބަލި ހާލަތު ހުރިގޮތުން ވެކްސިން ޖަހައިދޭން ޖެހޭ ފަރާތްތަކަށް ވެކްސިން ޖަހައިދިނުމުގެ މަސައްކަތް ކުރިއަށް ގެންދާނެ އެޗްޕީއޭއިން ބުނެއެވެ.

އާންމުކޮށް ހުޅުވައިލައިގެން ކޮވިޝީލްޑް ވެކްސިން އަލުން ޖަހައިދޭން ފަށާނެ ތާރީހެއް ފަހުން އިއުލާނު ކުރެވޭނެ ކަމަށް އެޗްޕީއޭއިން ބުނެ އެވެ. އަދި ސަރުކާރުން މިހާރު މަސައްކަތް ކުރަމުން ދަނީ، ވީ އެންމެ އަވަސް ފުރުސަތެއްގައި، ވެކްސިންގެ އިތުރު ބެޗްތައް ހޯދުމަށް ކަމަށް ވެސް އެ އެޗްޕީއޭއިން ބުނެ އެވެ.

އެގޮތުން، ކުރިއަށް އޮތް ދެ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ކޮވިޝީލްޑް ބްރޭންޑުގެ އިތުރު ޝިޕްމަންޓެއް ހޯދުމުގެ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންގެންދާ ކަމަށް އެޗްޕީއޭއިން ބުނެފައި ވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް