ads
ވީޑިއޯ ރިޕޯޓް
ދިވެހިން އެއް ޑޯޒް ޖަހައިގެން މައިންމަގަށް ލައްގަޅޭ ކިޔަން ޖެހިއްޖެ
ރާއްޖޭގައި ކޮވިޑުން ދިފާއުވުމަށް ވެކްސިން ޖަހަން ފެށީ މިއަހަރުގެ ފެބްރުވަރީ މަހުގެ އެއްވަނަ ދުވަހުގަ އެވެ. ރައްޔިތުންނަށް މިސާލެއް ދެއްކުމަށް ޓަކައި ދައުލަތުގެ އެންމެ އިސް ފަރާތްތަކުން އެދުވަހު ވަނީ އިންޑިއާއިން ރާއްޖެއަށް ހަދިޔާ ކުރި ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފަ އެވެ.

ދައުލަތުގެ ބޮޑުންގެ ފިޔަވަޅުތަކުގެ ފަހަތުން ރާއްޖޭގައި ފިނި ތަރުހީބަކާ އެކުގައި ފެށުނު ދިފާއު ވެކްސިން ކެމްޕެއިންގައި މިހާރު އާބާދީގެ 67.69 އިންސައްތަ މީހުން ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައިގެން ތިބި އިރު އޭގެތެރެއިން ވެކްސިން ފުރިހަމަ ކޮށްފައި ވަނީ 24.67 އިންސައްތަ މީހުނެވެ. ބާކީ 43.02 އިންސައްތަ މީހުންނަށް ވެކްސިން ނުޖެހިން އުޅެނިކޮށް ރާއްޖެއިން ކޮވިޝީލްޑް ވެކްސިން ހުސްވެ ރައްޔިތުން މިހާރު ވަނީ ހާސްކަމެއްގެ ތެރޭގަ އެވެ.

ރާއްޖޭގައި ތިން ވެކްސިނަކަށް މޯލްޑްވިސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއިން ހުއްދަދީފައި ވެއެވެ. އަދި 11 ސެންޓަރެއްގައި އެ ވެކްސިންތަށް ޖަހަމުން ދެއެވެ. ނަމަވެސް އެ ސެންޓަރުތަކުގައި އިންތިޒާމުތައް ހަމަޖައްސާފައިވާ ދޯހަޅި ނިޒާމުގެ ވާހަކަދައްކާ ކަރުން ލޭ ރަހަލާވަރު ވެއްޖެ އެވެ.

ދިގު ކިއުއެއްގައި ހަތަރު ފަސްގަޑިއިރު މަޑުކޮށްގެންވެސް ވެކްސިން ސެންޓަރުގެ ދޮރާ ހަމައަށް ދެވޭއިރު އޮންނަނީ ދޮރުގަ ބޮޑު ތަޅުއަޅުވާފަ އެވެ. ނުވަތަ އެ ރެއަކު ޖަހަން ހަމަޖެހިފައިވާ ވެކްސިންގެ އަދަދުތަށް ހަމަވެފަ އެވެ.

ކިއުގަ ރައްޔިތުން ޖެހިގެން އެތަށް ގަޑިއިރަކު ޖެހެން ޖެހޭ މައްސަލަ ހައްލުކޮށްދިނުމުގެ ނަމުގައި އެޗްޕީއޭއިން ޓޯކަން ނަންބަރު ރޭނގަޑު 9:00 ޖަހާއިރު ދޫކުރަން ފެށި އެވެ. ނަމަވެސް މައްސަލަތަކަށް ހައްލެއް ލިބުމުގެ ބަދަލުގައި ރައްޔިތުންނަށް އިތުރު އުދަގޫތަކާ ދިމާވި އެވެ. ތަރުތީބެއް ނޯންނަ ވެކްސިން ކިއުގައި ފިތި ބާރުވެގެން ނަންބަރު ދޫކުރާ ހިސާބަށް ދެވޭ އިރު ނަންބަރުތައްވެސް އޮންނަނީ ހުސްވެފަ އެވެ.

ރައްޔިތުން ރަތަށް އަރާވަރު ނުވިއްޔާ ދެރަ އެވެ. ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައިގެން ގަރުނެއްވާއިރުވެސް ދެވަނަ ޑޯޒް ނުޖެހޭތީ އެވެ. ރަމަޟާން މަހުގެ ރޭތަކުގައި ރޭއަޅުކަން ކުރުމުގެ ބަދަލުގައި ފަޔަށް ތަދުވަންދެން ދިގު ވެކްސިން ކިއުގައި މިރޭ ވެސް ވެކްސިން ޖެހޭނޭ ކަމުގެ އުންމީދެށް ނެތި ތިބެން ޖެހުމުން ރަށްޔިތުން ވަނީ ރޭގައި ވެކްސިން ސެންޓަރުތަށް ދޮށުގައި އަޑުގަދަކޮށް މުޒާހަރާކޮށްފަ އެވެ.

ކޮވިޑް ކޭސްތަށް ރިކޯޑް އަދަދަކަށް ރާއްޖޭގައި ގޮސްފައިވާއިރު ބަލިން ފުރިހަމަ ރައްކާތެރިކަން ހޯދުމަށް ދެވަނަ ޑޯޒް ޖަހަން ބޭނުންވެފައި ތިބި މީހުންގެ ކެތްތެރިކަން ކޮޅުންލާފައިވަނީ އެޗްޕީއޭއިން މިއަދުން ފެށިގެން ވަކި މުއްދަތެއް ނެތް ގޮތަށް މާލޭ ސަރަހައްދުގައި ކޮވިޝީލްޑް ވެކްސިން ޖެހުން ހުއްޓާލުމުން ނެވެ.

ބައެއް ރައްޔިތުން ވެކްސިންގެ ދެވަނަ ޑޯޒް ނުޖެހިގެން އުޅޭތާ ހަފްތާއަކަށްވުރެ ގިނަދުވަސްވެގެން ގޮސްފައި ވާއިރު ގޭދޮށުގައި މާވަހަރެއް ލައްގާތޯ މައިން މަގަށް ލައްގަޅޭ ކިޔަން ރައްޔިތުންނަށް މިއަދު މިވަނީ ޖެހިފަ އެވެ. އެޗްޕީއޭއިން ބުނާ ގޮތުގައި ކޮވިޝީލްޑްގެ ވެކްސިންގެ އިތުރު އެއްލަކަ ޑޯޒް ލިބޭނީ ދެ ހަފްތާ ފަހުންނެވެ.

ރާއްޖޭގެ ދިފާއު ކެމްޕޭނު މިހާރުވެފައި ވަނީ ހެލްތް މިނިސްޓްރީގެ ދޯހަޅި ނިޒާމުތަކަށް އިތުރު ވެގެން ދިޔަ ބޮޅެއް ކަމަށެވެ.

ރަށްޔިތުން މިއަދު މި ވަނީ ވެކްސިނަށް ޖެހިފަ އެވެ. މި ދުވަސް ނާންނާނެ ކަމަށް ފޮރިން މިނިސްޓަރު ޝާހިދު ވިދާޅުވި ހަނދާން ރައްޔިތުންގެ ސިކުނޑީގައި ހަރުލާފައި ވެއެވެ. ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައިގެން ދެވަނަ ޑޯޒް ޖެހޭނެތޯ ސުވާލެއްގެ ތެރޭގައި ރައްޔިތުން ތިބެން ނުޖެހޭ ކަމަށް ޝާހިދު ވިދާޅުވި އެވެ. ނަމަވެސް މިއަދު މި ވަނީ މިނިސްޓަރު ނާންނާނެ ކަމަށް ބުނަމުން އައި ދުވަސް އަރާ ހަމަކޮށްފަ އެވެ.

އަހަރެންގެ ނަޒަރުގައި ދިވެހިން މިއަދު ވެކްސިނަށް ޖެހިފައި މި ވަނީ އެޗްޕީއޭގެ ދޯހަޅި ނިޒާމުގެ ސަބަބުން ނެވެ. އަދި އެމީހުންގެ ފަރުވާކުޑަކަމާއި ނާތަހުޒީބު ކަމުން ނެވެ. ވެކްސިނަށް ރާއްޖެ ޖެހިފައިވާއިރު ވެސް ރައްޔިތުންނަށް ދޮގު ހަދައިގެން، އޮޅުވާލުމުގެ ނަތީޖާ މިއަދު ވަރަށް ސާފުކޮށް އެބަ ފެނެ އެވެ. އެ މުއައްސަސާއަށް ދިވެހިން ކުރި އިތުބާރު މިއަދު މިވަނީ ގެއްލިފަ އެވެ. ކޮވިޑް ހަލުތި ކަމާއެކު ފެތުރެނީ އެޗްޕީއޭގެ ސަބަބުން ކަމުގައި ބުނާ ރައްޔިތުންގެ އަދަދު އަންނަނީ ގިނަވަމުން ނެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް