ads
ޑރ. މުހައްމަދު އަލީ-- ފޮޓޯ: ވަން
އަރާފައި މިއޮތީ އާ ރާޅެއް، ހާލު ސިރިއަސްވާ މިންވަރު އިތުރު: ޑޜ. މުހައްމަދު އަލީ
އަރާފަ މިއޮތީ އާ ރާޅެއް ކަމަށާއި ބަލިޖެހިގެން ހާލުސިރިއަސްވާ މިންވަރު އިތުރު ކަމަށް ޑރ. މުހައްމަދު އަލީ ވިދާޅުވެއްޖެ އެވެ.

އެޗްއީއޯސީން ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑރ. މުހައްމަދު އަލީ ވިދާޅުވީ، މިހާރު މިއޮތް ސާޖުގައި ހާލަތު ސީރިއަސްވާ މިންވަރު އެޑްމިޝަން ރޭޓަށް ބަލާއިރުވެސް ފާހަގަވާ ކަމަށެެވެ. އެގޮތުން މިހާރު ހޮސްޕިޓަލްގައި އެޑްމިޓްވާ މީހުންގެ މިންވަރު އިތުރުވެ، 180އިން މަތީގައި އުޅޭކަން ފާހަގަކުރެއްވިއެވެ. 

ޑރ. މުހައްމަދު ވިދާޅުވީ މިހާރު ވަނީ ހޮސްޕިޓަލުގައި އެޑްމިޓްކުރާ ޝަރުތުތަކަށްވެސް ބަދަލުތަކެއް ގެނެސްފައިވާ ކަމަށާއި އެހެންކަމުން އަލާމަތްތައް ހުރެ، ކޮމާބިޑްސް ހުރެފައިވެސް ދިގުމުއްދަތަކަށް އެޑްމިޓް މިހާރު ނުކުރާނެ ކަމަށެވެ. އެހެންނަމަވެސް ބަލިވެގެން އެޑްމިޓް ކުރަންޖެހޭ މީހުންގެ އަދަދު ދަށް ނުވާ ކަމަށެވެ.

"ހަމައެކަނި ބަލިމީހާ އެސެސްކޮށްފަ ގެޔަށް ފޮނުވާލެވިގެންދާނީ، އެެހެންނަމަވެސް އެޑްމިޝަން އެމައުންޓް ދަށެކޭ ނުބުނެވޭނެ މިވަރަށް ކެރެޓޭރިއާ ދަށްކޮށްފަ އޮތްއިރުވެސް" ޑރ. މުހައްމަދު ވިދާޅުވިއެވެ.

ޑރ. މުހައްމަދު އަލީ ވިދާޅުވީ، ހާލުދެރަވެގެން ދަރުމަވަންތަ އައިސީޔޫގައި 9 މީހަކު އެޑްމިޓުކޮށްފައިވާއިރު 6 މީހަކު އޮތީ ވެންޓިލޭޓަރުގައި ކަމަށެވެ. އަދި އޭގެތެރޭގައި ވެންޓިލޭޓަރަށް ނުލާއޮތް ހާލު ސީރިއަސް މާބަނޑު މީހަކުވެސް ހިމެނޭ ކަމަށެވެ. 

ރާއްޖޭގެ ހާލަތު މިހާރު ގޯސްވެ، ކޮވިޑް ނަންބަރުތައް ދުވަަހަކަށްވުރެ ދުވަހެއް މަތިވަމުންދާއިރު މިހަފްތާ ތެރޭގައިވެސް ޖެހިޖެހިގެން ރޯކޯޑް މިންވަރަށް ކޭސްތައް ވަނީ މަތިވެފައެެވެ. އެޗްޕީއޭގެ އެންމެފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު ރާއްޖެއިން ފާއިތުވި 24 ގަޑިއިރުތެރޭ 4،552 ސާމްޕަލެއް ޓެސްޓުކުރެވިފައިވާއިރު 601 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.

ފާއިތުވި 24 ގަޑިއިރުތެރޭ މާލެ އޭރިއާއިން 440 މީހުން ޕޮޒިޓިވްވެފައިވާއިރު އަތޮޅުތެރެއިން 141 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވެއެވެ. އަދި ރިސޯޓްތަކުން 19 މީހަކު ޕޮޒިޓިވްވެފައިވާއިރު ސިނާއީ ރަށްތަކުން 11 މީހަކާއެކު ޖުމްލަ 601 މީހަކު ވަނީ ޕޮޒިޓިވްވެފައިވެއެވެ. އަދި ހޮސްޕިޓަލްތަކުގައި 181 މީހަކަށް ފަރުވާދެމުން އަންނައިރު 6 މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދެއެވެ.

ރާއްޖެއިން މިހާތަނަށް 31،931 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު އެކްޓިވް ކޭސްތަކުގެ އަދަދު އުޅެނީ 6،508 ގައެވެ. ބަލިން ރަނގަޅުވި މީހުންގެ އަދަދު އުޅެނީ 25،340 ގައެވެ.

ރާއްޖެއިން މިހާތަނަށް 74 މީހުން މިބަލީގައި މަރުވެފައިވެއެވެ.

14%
ކަމުގޮސްފި
71%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
14%
ވަރަށް ސަލާމް
ކޮމެންޓްސް