ads
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އަޅާ ހިޔާ ފްލެޓްތައް--- ފޮޓޯ: ކޯޕަރޭޓް މޯލްޑިވްސް
ހިޔާ ފްލެޓްތަކުގެ ކަރަންޓް ކޭބަލްތަށް ވަގަށް ނެގުމުން މަޝްރޫއަށް ދަތިތަކެއް
ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ހިޔާ ފްލެޓްތަކަށް ކަރަންޓް ދޭން ގެނެސްފައިވާ ކޭބަލްތައް ވަގަށް ނެގުމަކީ ޝެޑިއުލްކޮށްފައިވާ މުއްދަތަށް ކަރަންޓުގެ މަސައްކަތް ނިންމަން އެތައް ދަތިތަކެއް ކުރިމަތިވާނެ ކަމެއް ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ބުނެފި އެވެ.

އެޗްޑީސީ މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ހިޔާ ފްލެޓްތަކަށް ޖޫން މަހު މީހުންނަށް ވަދެވޭވަރު ކުރަން ތާވަލްކޮށްފައިވާ މަސައްކަތްތަކުގެ ތެރޭގައި ކަރަންޓް ދިނުން ހިމެނޭ ކަމަށެވެ. އަދި އެ މަސައްކަތް ކުރިއަށް ދަނިކޮށް ކޭބަލްތައް ވަގަށް ނަގާފައިވާ ކަމަށް އެޗްޑީސީން ބުނެ އެވެ.

އެޗްޑީސީން ބުނީ ހިޔާ ފްލެޓްތަކުގެ ކަރަންޓު ވިއުގައަށް ބޭނުންވާ ކޭބަލްތަކެއް ގެއްލިފައިވާ ކަމަށް ދެނެގަނެވިގެން އެ މައްސަލަ އެ ކުންފުނީގެ އިންޓާނަލް އޮޑިޓުންނާއި ފުލުހުންނަށް ހުށައަޅައިގެން ބަލަމުންދާ ކަމަށެވެ. އަދި އެކަމުގައި އެޗްޑީސީގެ މުވައްޒަފެއްގެ ބައިވެރިވުން އޮތް ކަމަށް ވާނަމަ ފިޔަވަޅު އަޅަން ފަސް ނުޖެހޭނޭ ކަމަށް ވެސް އެ ކޯޕަރޭޝަނުން ބުނެފައި ވެއެވެ.

ކޭބަލްތައް ވަގަށް ނަގައި ކަރަންޓް ދޭން ބުރޫއެރި ނަމަވެސް ތާވަލާ އެއްގޮތަށް ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމަށް މަސައްކަތް ކުރާނެ ކަމަށް އެޗްޑީސީން ބުނެ އެވެ.

މުޅި ދެވަނަ ފިޔަވައްސަށް ކަރަންޓު ދޭން ފެށި މަޝްރޫއު މަޑުޖައްސާލައި ސީދާ ހިޔާ ފްލެޓްތަކަށް ކަރަންޓު ދިނުމުގެ މަސައްކަތް ފެށީ ވެސް މަސައްކަތް ލަސްވާތީ، އަވަހަށް ނިންމާލުމުގެ ގޮތުންނެވެ. އެ މަސައްކަތް މިއަހަރުގެ ޖުލައި މަހުގެ ތެރޭގައި ނިމެނޭ ކަމަށް އެޗްޑީސީން ވަނީ ބުނެފަ އެވެ.

0%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
67%
ވަރަށް ސަލާމް
ކޮމެންޓްސް