ads
އީވާ އަބްދުﷲ-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ރައީސް ނަޝީދުގެ ހާލުކޮޅު ސާފު ނުވަނީސް ޖަލްސާ ނުނިންމާނެ: އީވާ
ކުރީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ މިހާރުގެ ރައީސް މުހައްމަދު ނަޝީދުގެ ހާލުކޮޅު އެއްކޮށް ސާފު ނުވަނީސް މިހާރު ކުރިއަށްދާ ރައްޔިތުން މަޖިލީހުގެ ހާއްސަ ޖަލްސާ ނިންމާ ނުލާނެ ކަމަށް ރައްޔިތުން މަޖިލީހުގެ ނައިބު ރައީސާ އީވާ އަބްދުﷲ ވިދާޅުވެއްޖެއެވެ.

މިރޭގެ ވަގުތެއްގައި ކުރީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ހަމަލާއެއް ދީފައިވެއެވެ. 

އެގޮތުން މަޖީދީމަގު އަތަމާ ޕެލަސް ސަރަހައްދުގައި ނަޝީދު ކާރުކޮޅަށް އަރާވަޑައިގަންނަ ވަނިކޮށް އެ ސަރަހައްދުގައި އެއްޗެއް ގޮއްވާލުމުގެ ސަބަބުން އެމަނިކުފާނަށް ވަނީ އަނިޔާވެފައެވެ. އަދި ލިބުނު އަނިޔާތަކަށް ފަރުވާ ދިނުމަށް އެމަނިކުފާނު ވަނީ އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފައެވެ.

މި ހާދިސާއާއި ގުޅިގެން މިރޭ މަޖިލީހުން ބާއްވާ ކުއްލި ޖަލްސާ ފައްޓަވަމުން އީވާ ވިދާޅުވީ، މިރޭގެ މަޖިލީހުގެ އެޖެންޑާގައި އޮތީ ރިޔާސަތުން އަންގާ އެންގުމެއް އެކަނި ކަމަށެވެ. 

މީގެ އިތުރުން ރައީސް ނަޝީދުގެ ފުރާނައަށް އަމާޒުކޮށް ދީފައިވާ ފިނޑި، ޓެރަރިސްޓު ހަމަލާ ރައްޔިތުންގެ މަޖިލީހުން ކުށްވެރިކުރާ ކަމަށް އީވާ ވިދާޅުވިއެވެ. 

އީވާ ވިދާޅުވީ، މި ހަމަލާގައި ނަޝީދުއަށް ލިބިވަޑައިގެންނެވި އަނިޔާތަކަށް އޭޑީކޭގެ މަލްޓި ސްޕެޝަލިސްޓް ޓީމަކުން ފަރުވާ ދެމުން އަންނަ ކަމަށެވެ. އަދި ރައީސް ނަޝީދުގެ ޑޮކްޓަރުންގެ ޓީމުން އަދި އޭޑީކޭއިން އެމަނިކުފާނުގެ ހާލުކޮޅާއި ގުޅިގެން މައުލޫމާތު ހިއްސާ ކުރާ މިންވަރަކުން އެ މައުލޫމާތު މެންބަރުންނާއި ހިއްސާ ކުރައްވާނެ ކަމަށް އީވާ ވިދާޅުވިއެވެ.

މީގެ އިތުރުން ފުލުހުންނާއި ސިފައިން މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށާއި، އެ ތަހުގީގާއި ގުޅިގެން މައުލޫމާތު ލިބޭ މިންވަރުން މެންބަރުންނާ ހިއްސާ ކުރައްވާނެ ކަމަށް އީވާ ވިދާޅުވިއެވެ. 

މިވަގުތަށް ޖަލްސާ މެދު ކަނޑާލި ނަމަވެސް، ރައީސް ނަޝީދުގެ ސިއްހީ ހާލަތުގެ ފުރިހަމަ މައުލޫމާތު ލިބެންދެން ގަސްދު ކުރަނީ ޖަލްސާ ނިންމާނުލުމަށް ކަމަށް އީވާ ވިދާޅުވިއެވެ. އަދި މަޖިލިސް އިތުރަށް ކުރިއަށް ގެންދާނެ ކަމަށާއި، ނަމަވެސް މިރޭގެ މަޖިލީހުގައި ބަހުސް ކުރިއަށް ނުގެންދާނެ ކަމަށް އީވާ ވިދާޅުވިއެވެ. 

ރައީސް ނަޝީދަށް ދިން މި ހަމަލާއާ ގުޅިގެން އެމްއެންޑީއެފް އިން ވަނީ ސެކިއުރިޓީ ވަރުގަދަކޮށް، އެލާޓް ލެވެލް މަތިކޮށްފައެވެ. އަދި ފުލުހުންވެސް ވަނީ ފުލުހުންގެ ހިދުމަތުގެ އެލާޓް ލެވެލް، ލެވެލް ތިނަކަށް މަތިކޮށްފައެވެ. 

މީގެ އިތުރުން މި މައްސަލައާ ގުޅިގެން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވަނީ، މައްސަލަ ތަހުގީގުކުރަން ބޭރުގެ އެހީ ހޯދާނެ ކަމަށް ވިދާޅުވެފައެވެ.

11%
ކަމުގޮސްފި
22%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
67%
ވަރަށް ސަލާމް
ކޮމެންޓްސް