ads
އޭއެފްސީގެ ރައީސް އަދި އެފްއޭއެމްގެ ރައީސް
ސަރުކާރުގެ ހުށަހެޅުން އޭއެފްސީން ގަބޫލުނުކޮށް މާލޭގައި މެޗު ކުޅެނީ
ރާއްޖޭގައި ކޮވިޑުގެ ހާލަތު އިންތިހާއަށް ގޯސްވެ، ދުވާލަކު ޕޮޒިޓިވްވާ ކޭސްތައް ހަތް ސަތޭކައަށްވުރެ މަތިވެ، މާލޭގައި ކާފިއު ހިންގާފައި އޮތަސް، އިންޑިއާ އަދި ބަންގްލަދޭޝްގެ ޓީމުތައް ހިމަނައިގެން މާލޭގައި އޭއެފްސީ މެޗުތައް ކުރިއަށް ގެންދަން އޭއެފްސީން ނިންމައިފި ކަމަށް އިންޓަރނޭޝަނަލް މީޑިއާތަކުން ރިޕޯޓްކޮށްފިއެވެ.

ރާއްޖޭގައި ކޮވިޑުގެ ހާލަތު ގޯސްވެ، ދުވާލަކު ހަތް ސަތޭކައަށް ވުރެ ގިނަ މީހުން ޕޮޒިޓިވްވަމުން އަންނަތާ މިހާރު ހަފްތާއެއްހާ ދުވަސްވެފައިވާއިރު، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މާލޭ ސަރަހައްދުގައިވަނީ ކާފިއު އިއުލާނުކޮށް، ކޮވިޑުގެ ހާލަތު ގޯސް އިންޑިއާއިން އަންނަ މީހުން ދެ ހަފުތާއަށް ކަރަންޓީނު ކުރަންވެސް ނިންމާފައެވެ. ބައިނަލް އަގްވާމީ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ރާއްޖޭގައި ކޮވިޑުގެ ހާލަތު އިންތިހާއަށް ގޯސްވެފައިވުމުން، އޭއެފްސީ ކަޕުގެ މެޗުތައް ފަސްކުރުމަށް ސަރުކާރުންވަނީ އެދިފައެވެ. އެހެންނަމަވެސް ސަރުކާރުން އެދިފައިވާ ގޮތަށް މެޗުތައް ފަސް ނުކުރެވޭނެ ކަމަށާއި މިހާރުވެސް ކަނޑައަޅާފައިވާ ގޮތަށް މެޗުތައް ކުރިއަށް ގެންދަން އޭއެފްސީންވަނީ ނިންމާފައިކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ރާއްޖޭގައި ކޮވިޑުގެ ހާލަތު ގޯސްވެފައިވާތީ މެޗުތައް ފަސްކުރަން ދިވެހި ސަރުކާރުން އެދުނު ނަމަވެސް، އޭއެފްސީން ނިންމާފައިވަނީ ގްރޫޕް ޑީގެ މެޗުތައް މިހާރުވެސް އޮތް ގޮތަށް ކުރިއަށް ގެންދާށެވެ. ކޮވިޑުގެ ހާލަތު އެންމެ ގޯސްވެ، ދުވާލަކު ތިން ހާހެއްހާ މީހުން މަރުވަމުންދާ އިންޑިއާގެ ބެންގަލޫރު އެފްސީއާ އޭޓީކޭ މޯހަން ބަގާންގެ މެޗުތައް މާލޭގައި ޝެޑިއުލާ އެއްގޮތަށް އޮންނާނެ.

މިދިޔަ ހަފުތާ ތެރޭ، ކުޅިވަރު ވަޒީރު މަހްލޫފުވަނީ ރާއްޖޭގައި އޭއެފްސީ ކަޕުގެ މެޗުތައް ކުރިއަށްދާނީ ރައްކާތެރިކަމުގެ ފުރިހަމަ ފިޔަވަޅުތަކާ އެކު ކަމަށް ވިދާޅުވެފައެވެ. އޭނގެ ކުރިން ސަރުކާރުން ވަނީ އޭއެފްސީ ކަޕުގެ މެޗުތައް އިންޑިއާ އަދި ބަންގްލަދޭޝް ޓީމުތައް ހިމަނައިގެން ކުރިއަށް ގެންދާނީ ޚާއްސަ ހުއްދައެއްގެ ދަށުން ކަމަށް ވިބުނެފައެވެ. މިކަމާއި ގުޅިގެން އާއްމުން އަންނަނީ މެދު ނުކެނޑި ނުރުހުން ފާޅުކުރަމުންނެވެ.

ރައްކާތެރިކަމުގެ އެންމެ ފުރިހަމަ ފިޔަވަޅުތަކާ އެކު އޭއެފްސީގެ މެޗުތައް ކުރިއަށްދާނެ ކަމަށް ކުޅިވަރު ވަޒީރު މަހްލޫފު ވިދާޅުވި ނަމަވެސް، ބެންގަލޫރު އެފްސީގެ ކުޅުންތެރިއަކު މާލެ އައިސް ބަހުން ފައިބަމުން މާސްކު އެޅި މަންޒަރުވަނީ ފެނިފައެވެ. 

your imageކުޅުންތެރިން އުފުލި ބަހުން ފޮށިތައް ބާލަނީ-- ފޮޓޯ: ސީއެންއެމް

އަދި ކުޅުންތެރިން ގޮވައިގެން ދަތުރުކުރި އެމްޕީއެލް ބަސް، ގްރޭޓާރ މާލޭ ބަސް ޓަރމިނަލުގައި ޕާކުކުރުމަށް ފަހު ބަހުން އެމްޕީއެލްގެ ދެ މުވައްޒަފަކު ފައިބައިގެން ބަސް ޓާރމިނަލަށް ވަތް މަންޒަރުވެސް ފެނިފައިވެއެވެ.

25%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
25%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް