ads
މިނިސްޓަރު އިމްރާން އަބްދުﷲ--
ރައީސް ނަޝީދަށް ދިން ހަމަލާގެ ތަހުގީގުގައި ހޯދިފައިވާ ކުރިއެރުންތައް ރަނގަޅު: އިމްރާން
ކުރީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް، ބުރާސްފަތި ދުވަހުގެ ރޭ ދިން ޓެރަރިސްޓު ހަމަލާގެ ތަހުގީގުގައި މިހާތަނަށް ހޯދިފައިވާ ކުރިއެރުންތައް ރަނގަޅު ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު އިމްރާން މިހެން ވިދާޅުވެފައިވަނީ އެމަނިކުފާނު މިއަދު ކުރެއްވި ޓުވީޓެއްގައެވެ. 

އެގޮތުން މި މައްސަލައިގެ ތަހުގީގުގައި މިހާތަނަށް ލިބުނު ކުރިއެރުމުގައި، ގިނަ ފުލުހުންގެ ހުނަރުވެރި މަސައްކަތުގެ އިތުރުން އާންމު ރައްޔިތުން ފޯރުކޮށްދިން މައުލޫމާތު ބޮޑު ދައުރެއް އަދާ ކުރާ ކަމަށް މިނިސްޓަރު އިމްރާން ވިދާޅުވިއެވެ.

މި މައްސަލައާއި ގުޅިގެން ފުލުހުން ކުރި މަސައްކަތުން އިއްޔެ ދެމީހަކު ހައްޔަރުކޮށްފައިވެއެވެ. އަދި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުންވަނީ އެ ދެމީހުންގެ ވަނަވަރު އާންމު ކޮށްފައެވެ. އެއީ، މއ. ފޭރުގެ 21 އަހަރުގެ މުޖާޒު އަހުމަދު އަދި ގއ. ކޮނޑޭ، ފޮޅޭމާގެ 32 އަހަރުގެ ތަހުމީން އަހުމަދު އެވެ. 

މި މައްސަލައިގައި މިއަދު ހެނދުނު ތިންވަނަ މީހަކު ހައްޔަރު ކޮށްފައިވެއެވެ. މިމީހާއަކީ މި މައްސަލައިގައި ފުލުހުންގެ ތަހުގީގަށް އެންމެ މުހިއްމު މީހާ ކަމަށް ބުނެ ފޮޓޯ އާންމު ކުރި މީހާ ކަމަށް ގަބޫލުކުރެވޭ ކަމަށް ފުލުހުންގެ މީޑީއާ އޮފިޝަލުން ބުނެފައިވެއެވެ.  ނަމަވެސް މިހާތަނަށް މި މީހާއާއި ގުޅޭ އިތުރު މައުލޫމާތެއް އަދި އާންމެއް ނުކުރެއެވެ. 

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް